އެމްޑީޕީން, ރާއްޖެއަކީ ނައިޓް ކްލަބަކަށް ހަދާފައިވާ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ދިވެހިން އެދޭ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެ މަނިކުފާނު ވަނީ ރައީސް ސޯލިހް އާއި އެމްޑީޕީގެ މެމެބްރުންގެ ބޮލުގައި ގިނަ އިލްޒާމްތަކެއް އަޅުއްވާފައެވެ. މި އިލްޒާމްތަކާއެކު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގައި އިސްލާމްދީނާއި ހިލާފް ފާހިޝް އަމަލުތައް އާއްމުވެއްޖެކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ‘ވަގުތަށް’ ޖާބިރު ދިން އިންޓަވިއުއެއްގައި ވިދާޅުވީ ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތައް ކުރުމަކީ ގައުމަށް ވެސް ވެވޭ ބޮޑު ހިޔާނާތެއްކަމަށެވެ. އިތުރަށް ޖާބިރު ވިދާޅުވީ އެމްޑީޕީން މުޅި ސަރުކާރާއި ރާއްޖެއަކީ ނައިޓް ކްލަބަކަށް ހަދާފައިވާ ކަމަށާއި ގައުމުގައި ހިނގަމުން މިދާ ކަންކަމަކީ އާދައިގެ ކަންތައްތަކެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގައުމުގެ ވަލީއުލްއަމްރު ޒިނޭ ކުރައްވާ ކަމަށް ތުހުމަތުކުރެއްވުމަކީ އާދެއިގެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ކޮންމެވެސް އެކަކަށް ހައްގު އަދަބު ލިބެންޖެހޭކަމަށެވެ.