English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ރަށުތެރެ މޮނިޓާރކޮށް، ކުށް މަދުކުރުމުގެ މަސައްކަތްކުރަމުން ދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީދޫގައި ވައްކަމުގެ މައްސަލަ އިތުރުވެ ކުށްކުރާ މިންވަރު އިތުރުވެފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން ވައްކަން ކުރާ މީހުން ނުހޯދި، ރައްޔިތުންގެ މުދަލަށް ގެއްލުންވެ، ކުށްކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ‘އޭއޯ ނިއުސް’ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ ފާއިތުވި ދެ ހަފްތާ ތެރޭގައި ހުޅުމީދޫ ޕޮލިހަށް ހުށަހެޅިފައިވަނީ ވައްކަމުގެ 4 މައްސަލަ ކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ ވައްކަމުގެ މައްސަލަތަކާއި ކުށް މަދުކުރުމަށް ރައްޔިތުން އަދި ވިޔަފާރިކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން ރަށު ތެރެ ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ރަށުތެރެ މޮނީޓަރކޮށް ކުށްމަދުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި އެކި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.