English Edition
Dhivehi Edition
ހަތަރު ހޮސްޕިޓަލެއް އެޅުމަށް އިންޑިއާގެ ޓީސީއައިއެލްއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ

ސަރުކާރުން ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖައްސާފައިވާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާއި އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އަޙްމަދު ޢާދިލެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ(ސިވިލް) އަތުލް ކުމާރު ޖެއިންއެވެ.

ގއ. ވިލިނގިލީގައި ހުންނަ ހޮސްޕިޓަލުގެ އިތުރުން ޓީސީއައިއެލްއާ މިއަދު ހަވާލުކުރީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލާއި، ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލާއި، ރ. އަލިފުށި ހޮސްޕިޓަލް ޑިޒައިންކޮށް އިމާރާތްކުރުމަށެވެ. މި މަޝްރޫޢުގައި ހިމަނާފައިވާ އަތޮޅު ހޮސްޕިޓަލްތައް ހަދަނީ މިހާރުވެސް އަތޮޅު ހޮސްޕިޓަލްތައް ހުރި ރަށްރަށުގައެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ، ކުޑަހުވަދޫ އަދި ގއ. ވިލިނިގލިީގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިރު އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެއެވެ.

ހަތަރު ހޮސްޕިޓަލެއް އެޅުމަށް އިންޑިއާގެ ޓީސީއައިއެލްއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ހެލްތު މިނިސްޓްރީ

ޓީސީއައިއެލްއާ ޑިޒައިންކޮށް އިމާރާތްކުރަން މިއަދު ހަވާލުކުރި ބައެއް ހޮސްޕިޓަލްތައް ޑިޒައިންކުރުމަށް ރާއްޖޭގެ ކުންފުންޏަކާ ކުރިން ހަވާލުކޮށްފައިވެއެވެ. ޓީސީއައިއެލްއާ މިމަސައްކަތް ފަހުން ހަވާލުކުރި ވަކި ސަބަބެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެެއް ނުވެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއަން އެގްޒިމް ބޭންކްގެ ބަޔަރސް ކްރެޑިޓް ސްކީމްގެ ދަށުންވެ. ހެލްތް މިނިސްޓްރީއިން ވިދާޅުވީ 04 ރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މި މަޝްރޫޢުއަށް 57،230،000 (ފަންސާސް ހަތް މިލިއަން ދެލައްކަ ތިރީސްހާސް އެމެރިކާ ޑޮލަރު) އަރާކަމަށެވެ.