English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ގދ. ތިނަދޫގައި ބާއްވާ “ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ދުވަހުގެ މުއްދަތަކަށެވެ. އެއީ ސެޕްޓެންބަރު 11އިން 15ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މުބާރާތް ރާވާ ހިންގާ ރައުހަތު ސްޕޯރޓްސް ކްލަބުން މައުލޫމާތު ދެއްވިއެވެ.

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ރާވާ ހިންގުމަށް ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި އެއްބަސްވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އިދާރާގެ ސެކެޓްރީ ޖެނެރަލް އާދަމް ނަސީމްއެވެ. ރައުހަތު ސްޕޯޓް ކުލަބްގެ ފަރާތުން ސޮއި ކުރެއްވީ އެކްލަބްގެ ނައިބް ރައީސާ މަރިޔަމް އިނާޔާ ފާރޫގްއެވެ.

ރައުހަތު ސްޕޯރޓްސް ކްލަބުން މައުލޫމާތު ދިންގޮތުގައި މި މުބާރާތުގައި 05 އުމުރުފުރާއަކުން 51 އިވެންޓް ބާއްވަން ނިންމާފައިވެއެވެ. ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް އަދި 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއަކުންވެސް އަންހެން އަދި ފިރިހެން ވަކިން އިވެންޓްތައް ބާއްވަން ވަނީ ނިންމާފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް ޕްރިލިމިނަރީ އެންޓްރީ ފޯރމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮގަސްޓް މަހުގެ 11 ވާ ބުރާސްފަތި ދުވަހެވެ. މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7908337 އަށް ގުޅުއްވުމަށް ރައުހަތު ސްޕޯރޓްސް ކްލަބުން މައުލޫމާތު ދެއްވިއެވެ.