English Edition
Dhivehi Edition

ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާގައި ރައީސް ވަނީ ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ގޮތުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުންކަމަށް ވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. މިގޮތުން މިހާރު ހަދަމުންދާ ޓަރމިނަލުގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، އަދި އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން ޞިނާޢަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވެމުންދާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސް ވަނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.