English Edition
Dhivehi Edition

މާތް اللهގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް އަރަފާތް ދުވަހުގެ ސަވާބުން މަހުރޫމު ނުވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތް ދުވަހު ރޯފަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ.

އެގޮތުން އަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާގެ އަރިހުން ސާބިތުވާ ކަމަށް ވަނީ ބުނެފައެވެ.

“އަރަފާތު ދުވަހުގެ މާތްކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ޚުތުބާގައި ބުނީ އަރަފާތް ދުވަހަކީ ދުއާ އިޖާބަ ކުރެއްވުމުގެ ދުވަހެއް ކަމަށާއި އެ ދުވަހު ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުއާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އެހެނީ މާތް الله ހަނދުމަކޮށް އެކަލާނގެ ހަޟްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެއް ކަމަށާއި އެހެންކަމުން އަރަފާތު ދުވަހު ދުއާ ކުރުން ގިނަ ކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ ހައްޖުގެ ބުރަ އަޅުކަމަށް ފަހު އަންނަނީ އަޟުހާ އީދުގެ އުފާވެރި ދުވަސްތަކެއް ކަމަށާއި އެއީ ކެއިންބުއިމާއި ޒީނަތްތެރިވެ އުޅުމާއި ކުޅިވަރު ކުޅެ އުފާ ކުރުމުގެ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބެއް ވެސް ފާހަގަކުރެވެނީ މާތް الله އަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށާއި އެއީ އީދު ނަމާދު ކަމަށެވެ.

“އީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ދަތުރުވެރީންނާއި ރަށުގައި ގާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެއް. އަދި އަންހެނުންގެ ތެރެއިން އީދުނަމާދުގައި ބައިވެރި ނުވެވޭ އުޒުރުވެރިންވެސް އީދު ހުތުބާ އަޑުއެހުމަށް ކީރިތި ރަސޫލާ ބާރު އަޅުއްވާ.” ޚުތުބާގައި ބުންޏެވެ.