English Edition
Dhivehi Edition
ޑަބްލިއުޑީސީ އަށް އެމްޑީޕީން ހޮވުނު 3 ކެންޑިޑޭޓުން.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) 3 ގޮނޑި ކާމިޔާބު ކޮށްފިއެވެ. މިއިންތިޚާބުގައި 4 ދާއިރާއަކުން 5 މެންބަރަކު ހޮވާފައިވެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ޒުހުރާ ކާމިޔާބު ކުރީ ށ. ޅައިމަގު ޑަބްޑީސީ ގޮނޑިއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް މަރްޔަމް ޢަބުދުﷲ އާއި ވާދަ ކޮށް 152 ވޯޓު ހޯދައިގެންނެވެ. މަރްޔަމް ޢަބްދުﷲ އަށް ލިބުނީ 88 ވޯޓެވެ.

އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވެފައިވާ ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެމްޑީޕީގެ އައިމިނަތު މަޖުދާ އެ ގޮނޑި ކާމިޔާބު ކުރީ 315 ވޯޓު ހޯދައިގެންނެވެ. އޭނާ އާއި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު އަރީފާއަށް ލިބުނީ 247 ވޯޓެވެ.

ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް ބައި-އިލެކްޝަން ބާއްވާފައިވެއެވެ. އޭގެ ތެރެއިން އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކޮށްދިނީ 288 ވޯޓާއި އެކު އައިޝަތު ރަޝީދާއެވެ. އެދާއިރާގެ ދެވަނަ ގޮނޑި ހޯދީ 334 ވޯޓާއެކު އެމްއެންޕީގެ ކެންޑިޑޭޓް ޒަޢީމާ އާދަމް އެވެ.

ތުލުސްދޫގައިވެސް ވަނީ ޑަބްލިއުޑީސީގެ ބައި އިލެކްޝަން ބާއްވާފައެވެ. އެގޮނޑި ކާމިޔާބު ކޮށްފައިވަނީ މިނިވަން ކެންޑިޑޭޓެއް ކަމަށްވާ ޢާއިޝަތު ރަޝާދެވެ. އޭނާ އެގޮނޑި ކާމިޔާބު ކުރީ 300 ވޯޓު ހޯދައިގެންނެވެ.