English Edition
Dhivehi Edition

މި ދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ސ. ފޭދޫގައި ހިނގި މާރާމާރީގައި ޒުވާނަކު މަރުވި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގްރޫޕް މާރާމާރީގައި މަރުވި މުހައްމަދު ޒަޔާން މޫސާ، 21، އާ ގުޅޭ ތަހުގީގަށް ހުރަސްއެޅި 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ، ބަޔާނުގައި ބުނިގޮތުގައި، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖަކަށް ނުފޫޒު ފޯރުވައި ފުލުހުން ގެންދާ ތަހުގީގަށް ހުރަސް އަޅައި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އެކަމަށް ދަތިކުރާ ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އިތުރު ބަޔަކު ވެސް ހުރަސް އަޅައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަޔާންގެ މަރުގެ މައްސަލާގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭ ގޮތަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ދަށުގެ ދެ ކުދިންގެ އިތުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އަނެއް ބައި މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފައިވެ އެވެ.

އެ މާރާމާރީގައި ޒަޔާން މަރުވެފައިވަނީ ލިބުނު އަނިޔާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. މުޅި ރާއްޖޭގައިވެސް ގޭންގު މާރާމާރީ ތައް ގިނަވެ އެކަމާއި ގުޅޭ ކަންބޮޑުވުންތައް އުފެދިފައިވާއިރު އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.