English Edition
Dhivehi Edition

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ސްރީލަންކާގައި ހުންނަވައި، ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން އެދިވަޑައިގެންފިނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނޭ ކަމަށާއި ގައުމަށްޓަކާ ކޮށްދޭންޖެހޭ ކޮންމެ ހިދުމަތެއްވެސް ކޮށްދޭން ހުރިމީހެއްގެ ހައިސިއްޔަތުން ގާބިލުކަން ހުރި މިންވަރަކުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފުއާދު ވިދާޅުވީ ރައީސް މައުމޫން،ރައީސް ނަޝީދު،ޤާސިމް އިބްރާހީމް އަދި ޝެއިހް އިމްރާން ގެ ތާއިދު ލިބިވަޑައިގެންފި ނަމަ، އެބޭފުޅުންގެ ވާހަކަ އަޑުއަހައި އެކަމާދޭތެރޭ ވިސްނަންޖެހޭ ކަންތައްތަކާމެދު ވިސްނައި އެކަމުގައި ކުރިއަށް ދެވިދާނެކަމަށް ގަބޫލުކުރެވޭނަމަ ކުރިއަށްދާނެކަމަށެވެ.

ގައުމުގެ ހާލަތު މިހާރު އޮތްގޮތުން އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަކީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ގޮތެއްކަމަށް ދެކެވަޑައިގެން ފުއާދު ވިދާޅުވީ އަދި މި ކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކުން ކޮށްފައިނުވާކަމަށެވެ

ފުއާދު މިގޮތަށް ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ތައުފީގު ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.