English Edition
Dhivehi Edition

ޑަބްލިޔުޑީސީ ޕޮލިސް ވޮލީޗެމްޕިއަންޝިޕް 2017 މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު މެޗު މަރަދޫފޭދޫ ޓީމް ކާމިޔާބު ކޮށްފިއެވެ.

ފޭދޫގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މަރަދޫފޭދުއާއި، މީދޫ ވިމެންސް ވޮލީޓީމް ބައްދަލުކުރި މެޗު މަރަދޫ ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 15 އާމިނަތު އަޒީމާއެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ރެއަކު، ފޭދޫ ވޮލީކޯޓުގައެވެ. މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެއެވެ.

މުބާރާތުގައި މާދަމާރޭ ބައްދަލުކުރާނީ ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، ފޭދޫ ހެލްތު ސެންޓަރެވެ. މެޗު ފަށާނީ މާދަމާރޭ 20:30 ގައެވެ.

މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ ކުޅޭނީ 8 މެޗެވެ. ސެމީ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އޮންނާނީ 30 ވަނަދުވަހުގެ ރޭގައެވެ.