English Edition
Dhivehi Edition

އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ޖޫން 20 އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ “ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ”އެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގެ މަޤުޞަދަކީ، ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދޭދޭ ޤައުމުތަކުގެ މަސްލަޙަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މިބައްދަލުވުމުގައި ރައީސްވަނީ މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.