English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2005 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ރަޖިސްޓްރީކުރި އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ މެމްބަރުންނަށް އަރިސްކޮށް، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ދިވެހިރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ހާއްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާއްމުދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީއިން ކަމަށެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑެމޮކްރެޓިކް ޙަރަކާތްތެރިކަން ގެނުވައި، އިސްލާޙީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއަށް ނުފޫޒުފޯރުވިއެވެ.

މި އިސްލާހީ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ.