English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ށ. ބިލެތްފަހި ސްކޫލުގެ ލައިބްރަރީ 700 އަށްވުރެ ގިނަ ފޮތާއެކު ތަރައްގީކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ފޮތްހަރުގަނޑާއި ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވެސް ހޯދައިދީފައިވާނެ ކަމަށެވެ.

މި މަޝްރޫއު ހިންގާފައިވާ އެ ސްކޫލުގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފު ވިދާޅުވީ ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިނގިރޭސި އާއި ދިވެހި ފޮތް އެ ލައިބްރަރީއަށް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމުވެގެން ދިއުމުގެ ސަބަބުން ސްކޫލުގެ ރީޑިންގ ޕްރޮގުރާމަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،” އޭނާ ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.