ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ.ފުނަދޫ އާއި ނ.ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ މިދަތުރުފުޅަކީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާ އާއި މިލަދުއްމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ހުކުރު ދުވަހު ރައީސުލްޖުމުހޫރިއްޔާ ފެށްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫއަށެވެ. ރައީސުލްޖުމުހޫރިއްޔާ ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ.
މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއްކަމުގައެވެ.
” ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން.” ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ށ.އަތޮޅާއި ނ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެސްކޫލުގެ އަލިމަސްޔޫބީލް ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.
މިޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.
” މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަޤާމެއް ހާސިލްކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ޚިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން.” ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ށ. ފުނަދޫ އަށާއި ނ. ހޮޅުދޫއަށް ރައީސުލްޖުމުހޫރިއްުޔާ ކުރެއްވި މިދަތުރުފުޅުގައި ވަނީ، އެދެރަށުގެ ރަށުކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީ އާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.
މިލަދުންމަޑުލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމުހޫރިއްޔާ އެނބުރި މާލެވަޑައިގެންނެވީ މިއަދު މެންދުރުއެވެ.