English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގދ. ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

އެރަށު ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި، ވަނީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލުން ވިދާޅުވީ، އެކައުންސިލުން އެންމެ އިސްކަންދޭ 7 ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅުއްވާފަ އެވެ.

އޭގެ އިތުރުން ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ. އަދި ކައުންސިލުން ވަނީ، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމާއި، ރަށުގައި ބޭންކިންގެ ޚިދުމަތް ޤާއިމްކުރަން ބޭނުންވާކަމުކަމުގައި ވެސް ދަންނަވާފަ އެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން އެކައުންސިލަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ ހިމެނޭ މިސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދުކަން ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ، ރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ކުރިޔަށް ދިޔުމަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.