English Edition
Dhivehi Edition

ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާވެ އުޅުމާއި ނިދައި ހެދުންވެސް ހަރާންވާނެކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ބިން އަލީ ވިދާޅުވެއްޖެއެވެ.

ފ. ދަރަނބޫދޫ މިސްކިތެއްގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަނޑި އަޅައިގެން ތިބި ތަން ފެންނަ ވީޑިއޯއެއް މީސް މީޑީއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުވިޔާފައެވެ. މި ވީޑިއޯ އާއި ގުޅިގެން އެ ރަށު ކައުންސިލުން ވަނީ އެ މިސްކިތަކީ ބުރުމަތީގައި އަޅާފައި ހުރި މިސްކިތެއްކަމަށް ބުނެފައެވެ. އަދި އެކަން އެނގިގެން އެ މިސްކިތުގައި ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން މިނިސްޓްރީން ބުނީ މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ. އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަމަށް މިނިސްޓްރީން ބުނެފައިވާއިރު، އެ މިސްކިތަކީ ގަބުރުމަތީގައި އަޅާފައިވާ މިސްކިތެއްކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އެކަން ފާހަގަކޮށްފައިނުވާތީ ޝެއިހް ނިޝާން ވަނީ، މިނިސްޓްރީގެ ބަޔާނުގައި މިސްކިތް ބަންދު ކުރެވުނު ސަބަބަކީ ގަބުރުމަތީ ބިނާކޮށްފައި ހުރުުމުން ކަމަށް ބަޔާންކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އިތުރަށް ނިޝާން ވިދާޅުވީ ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާ އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެކަމަށެވެ.