English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ގދ. ތިނަދޫގައި އަޅާފާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިމަހުގެ 14 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 20 ޖޫން ވާ އާދިއްތަ ދުވަހުގެ ޢިޝާ ނަމާދުގެ ނިޔަލަށް ގދ. ތިނަދޫގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތްތަކުގައި ނުހެދުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމައިފިއެވެ.

މިހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގިގޮވުމަށާއި، ކޮންމެ ނަމާދެއްގެ ބަންގީގެ ފަހުގައި ގޭގައި ނަމާދުކުރުމަށް އެންގުމުގެ ގޮތުން (صلوا في بيوتكم) ދެ ފަހަރު ގޮވުމަށް އިމާމުންނަށް އެންގެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ދަންނަވާފައެވެ.

ގދ. ތިނަދޫ ކައުންސިލުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި އެރަށުގެ މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ) އިން ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށެވެ.