ރާއްޖޭގައި އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ޕީޕީއެމް ބަލިވީ ތާއިދުކުރާނެ ބަޔަކު ނެތިގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ ޕީޖީ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ފޭދޫގައިތިބި ޕީޕީއެމްގެ އިސް މެންބަރުންނާ ރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޫސަވިދާޅުވީ “ލޯކަލް ކައުންސިލް އިތިޚާބުގައި އެކަށީގެންވާ އަދަދަކަށް ގޮނޑި ނުލިބުނީ ތާއީދުކުރާނެ ބަޔަކުން ނެތިންގެންނޫން. ކޮންމެ ގޮތެއްވިޔަސް އިދިކޮޅު މީހުންގާތު ބުނަންމިއޮތީ ބަލިވެފައޭ މިތިބީ. ދެން ނިކަންބަލިކޮށްބަލާށޭ، ވާގޮތެއް ބަލާލަން،”
އައްޑޫސިޓީންވެސް ފަންސާހަކަށް ގޮނޑިނެގި ކަމަށް އިދިކޮޅުން ވާހަކަދައްކައި އަޑުތައް ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. “އައްޑޫ އަތޮޅުން ތިމަންނަމެން ފަންސާހަކަށް ގޮނޑި ނެގީމޭ، މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ އިދިކޮޅުން އެބަކިޔާ. އެހެނެއްނޫން އިރާދަ ކުރެއްވިއްޔާ ދެން އަހަރެމެން ބައްޔެއް ނުކުރެވޭނެ،” މޫސަ ވިދާޅުވިއެވެ.
“ވީގޮތަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް “”ދޮންވެގެން” އައިއިރުގައި ޕާޓީގައި އޭރު އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ފޮތްތަކާއި ކޮމްޕިޔުޓަރުތަކާ އެއްޗެހި ހިފައިގެން ދިޔައީމައި، އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގި ޕާޓީއަށް ވަރަށް އިޚުލާސްތެރި ކަމާއެކު ޚިދުމަތްކުރަމުންދިޔަ މީހުންނަށް ވާންވީ ގޮތެއްނޭނގިތިބީ. އެހެން ތިއްބައި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދަރުބާރުގޭގައި އެމަސައްކަތް ފަށްޓަވައި ޕާޓީ ހަމައަކަށް އެޅުއްވި،” މޫސަ ވިދާޅުއެވެ.
ދަރުބާރުގޭގައި އެމަސައްކަތް ފެށުމުން ބައެއް މީހުން “ދަރުބާރު ފެކްޝަން” އޭ ވެސް ކިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. “ކޮންމެ ފެކްޝަނެކޭ ކިޔަސް މައްސަލައެއްނެއްތް. މީ ޕީޕީއެމް އިރާދަކުރެއްވިއްޔާ،” އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ ސަބަބުން ޕާޓީވަނީ ހަމައަކަށް އެޅިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައްސަލަ ދިމާވި އެއްކަމަކީ “އެއްބަޔަކު ތިމަންގެ ކެންޑިޑޭޓުނޭ” ކިޔައި ޕީޕީއެމްގެ ނަމުގައި ކެންޑިޑޭޓުން ނެރުނު. އެހެންވީމާ ތާއިދުކުރާނެ ބަޔަކު ނުވެގެނެއްނޫން ބަލިވީ،” އޭނާ ވިދާޅުވިއެވެ.