English Edition
Dhivehi Edition

މިދިޔަ ރަމަޟާން މަހު އޭއޯ ނިއުސްއާއި، އަދި ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފު ގުޅިގެން ބޭއްވި ކުރުވާހަކަ މުބާރާތުގެ އެއްވަނަ ވާހަކައަކަށް ރ. އަލިފުށި،ރަބީޢު، ޢަލީ ޝަހީމް ހުށަހެޅުއްވި ވާހަކަ “އަހަރެންގެ ހިތް،ޕާކިސްތާނުން” ގޮސްފިއެވެ. މިވާހަކައަށް ވަނީ 10،000 ރުފިޔާގެ ފައިސާ އިނާމް ލިބިފައެވެ. މީގެ އިތުރުން ވާހަކަ ލިޔުންތެރިޔާ ޝަހީމަށް ވަނީ 6 މަސް ދުވަހުގެ ބައިސްކޯފް ސަބްސްކްރިޕްޝަން ފީ ހިލޭ ހަމަޖައްސައި ދިނުމުގެ އިތުރުން އެއޯ ނިއުސްއާއި ބައިސްކޯފަށް ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ފަހިކޮށް ދީފައެވެ.

މި މުބާރާތުގެ ދެވަނައަށް ހޮވިފައި ވަނީ ގަލޮޅު ހުދުކޮކާ، ޝަފާޢަތު މުޙައްމަދު ހުށަހެޅުއްވި ދެކަފި ވާހަކައެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް ކަނޑައެޅިފައިވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެވެ. މިމުބާރާތުގެ ތިންވަނަ ވާހަކައަކަށް ހޮވިފައި ވަނީ އައްޑޫސިޓީ ހިތަދޫ ޗަމަރުބްލޫ ޝާހިދާ މުޙައްމަދު ހުށަހެޅުއްވި އެމަޚުލޫޤު ވާހަކައެވެ. މިވާހަކަ ލިޔުއްވާފައިވަނީ ފުވައްމުލައްސިޓީ ފެހިވިލާގޭ ޢާއިޝަތު ވަޙީދާއެވެ. 3 ވަނައަށް ހޮވޭ ވާހަކައަށް ކަނޑައެޅުނު އިނާމަކީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ. މި4 ބޭފުޅުންގެ އިތުރުން ގަދަ 5 ގައި ހިމެނުނު ހއ. ހޯރަފުށީ ވައިޖެހޭގޭ ޢާތިކާ ޢަބްދުއްލަތީފް އާއެކު 5 ބޭފުޅުންނަށް ވަނީ ބައިސްކޯފަށް ވާހަކަ އޯޑިއޯ ބުކްސް އުފެއްދުމާއި އަދި އޭއޯ ނިއުސްއަށް ވާހަކަ ލިޔުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. މިމުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ އޭއޯނިއުސްއިން ކަނޑައެޅި ފަނޑިޔާރުންގެ ޓީމަކުންނެވެ.

 

އޭއޯ ކުރުވާހަކަ މުބާރާތް 1443 ގައި 25 ފަރާތަކުން ބައިވެރިވެ އޭގެ ތެރެއިން 12 ފަރާތެއްގެ ވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވެއެވެ. މިމުބާރާތުގެ ވާހަކަތައް ޝާއިޢު ކޮށްފައިވަނީ އޭއޯނިއުސްގެ ވެބްސައިޓްގައެވެ. ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފު އެޕުން އަޑުއަހާލެވޭނެއެވެ.

މުބާރާތް ނިންމުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދު ވިދާޅުވީ ދިވެހި އަދަބިއްޔާތަށާއި ދިވެހި ބަހުން ކުރު ވާހަކަ ލިޔުމުގެ ރޮނގުން މީހުން ބިނާކޮށް ކުޅަދާނަ ލިިޔުންތެރިން އުފެއްދުމަށް އޭއޯނިއުސްއިން ކުރައްވާ މަސައްކަތުގެ ތެރެއިން މިހާ ބޮޑެތި އިނާމު ތަކަކާއެކު މިމުބާރާތް ބޭއްވުނީ ބައިސްކޯފުގެ ވަރަށް ބޮޑު އެހީތެރި ކަމަކާއެކުގައިކަމަށާއި އެހެންކަމުން އެފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރައްވާކަމަށެވެ.

ރަސްމިއްޔާތުގައި ބައިސްކޯފުގެ ފަރާތުން ނާއިފާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ކާމިޔާބު މި ޕްރޮގްރާމަށް ފަހު އޭއޯނިއުސްއާއި ބައިސްކޯފު ގުޅިގެން ދިވެހި ބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު އުފެއްދުންތަކާއެކު ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާއްވަވާފައިވާ ކަމަށާއި އެގޮތުން މިއީ އޯޑިއޯ އަދި ވީޑިއޯ އުފެއްދުމަށް ޝައުޤުވެރިވާ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށްވެސް ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

1 ވަނައަށް ހޮވުނު ވާހަކަ “އަހަރެންގެ ހިތް ޕާކިސްތާނުން”

https://aonews.mv/102148