English Edition
Dhivehi Edition
ކަވަރއާޓް:މިގު/ބައިސްކޯފު

ލިޔުނީ: އަޝްހުރު( ޢަލީ ޝަހީމް / ރަބީޢު/ރ އަލިފުށި )

އެއީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހެވެ. ގަޑިން 6:30 ވަނީއެވެ. އަހަރެން ތައްޔާރުވީ ސްކޫލަށް ދާށެވެ. އަހަރުގެ ފުރަތަމަ ދުވަސްކަމުން ޓައިމްޓޭބަލެއް ނޭނގެއެވެ. އެހެންކަމުން ދަބަހަށްލީ ވަރަށް މަދުފޮތްކޮޅެކެވެ. އަހަންނަކީ ގްރޭޑް 9 ން 10 ކަށް ބަދަލުވި ދަރިވަރަކީމެވެ.

އެސެމްބްލީ ގަޑި ފެށުމާއެކު އަހަރެންގެ ކުލާސްކުދިންނާއެކު ސަފުގައި އެސެމްބްލީ ސަރަޙައްދަށް ދިޔައީމެވެ. އެސެމްބްލީ ނިމުމުން ކުލާހަށް ވަނީމެވެ. ފުރަތަމަ ދުވަސްވުމުން ބައެއްކުދިން ތިބީ ވަރަށް މަޑުންނެވެ. އިރުކޮޅަކުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންގެ ކުލާހަށް އައި މިސްގެ ރީތިކަމުންނެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ” ހެލޯ މިސް ” އޭ ބުނެލެވުނެވެ. މިސް ހިނިތުންވެލުމަށްފަހު ” ގުޑް މޯނިންގ ” ބުނެލިއެވެ. މިސް ހާދަރީއްޗެވެ. ދޮނެވެ. އޮމާނެވެ. ރަތްދެތުންފަތެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ބަނިޔާދަން ހަށިގަނޑެކެވެ. ހުދުރާޅުފޮނު ދަތްޕިލައެވެ. ދޮންބަށި ކުލައިގެ ކޯތާފަތާ ކަޅުފޮައިރޭގެ އިސްތަށިގަނޑެވެ. ޝާއިރަކުފަދައިން މަޑަމަޑުން އަހަންނަށް ކިޔެމުން ދިޔައެވެ. އިރުކޮޅަކުން މިސްތަޢާރަފުވާން ފެއްޓިއެވެ. ” މައިނޭމް އިޒް ޝާލީ ” އައި އެމް ފުރޮމް ޕާކިސްތާނު ” އައިވިލް ޓީޗް ޔޫ އިނގްލިޝް” އަހަންނަށް ތަންކޮޅެއް ބާރަށް ހީގަނގެނެވުނެވެ. އަހަރެން ހީކުރީ މިސްއަކީ ދިވެއްސެއް ކަމަށެވެ. ” ވީ ކީއްތޯ މިސް ސުވާލުކުރިއެވެ. އަހަރެން ވަކިކަމެއްް ނުވޭ ބުނީމެވެ.

އެދުވަހު ސްކޫލުން ގެއަށް އައީ އަންނަހިތަކުންނޫނެވެ. ވާގޮތެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. ނިދަން ސަރުމަތީގައި( އެނދު/ތަންމަތި ) އޮތްއިރުވެސް އަހަންނަށް ޚިޔާލުކުރެވެނީ ޝާލީމިސްއާ ދޭތެރޭގައެވެ. އަނެއްދުވަހު ހެނދުނު އަހަރެން ސުކޫލަށް ދިޔައީ ފިނިފެންމަލެއް ހިފައިގެނެވެ. އަހަރެން މިސްއަތަށް އެމާދިންއިރު މިސްހުރީ ވަރަށް ހެވިފައެވެ. ” ތޭންކްސް ނާމީ ” އަހަރެންގެ ނަން ފުރަތަމަ ފަހަރަށް މިސްކިޔާލިއެވެ. އަހަރެން އުފަލުން ވަރެއް ނެތެވެ. އާހުގައި އުދުހެވޭހެންވެސް ހީވިއެވެ. އަހަރެން ހިތައް އެރިއެވެ. އަހަންނަށް މިވަނީ ކީއްބާއެވެ. މިސްއާ ދޭތެރޭ އަހަންނަށް ވިސްނެނީ ކީއްވެބާއެވެ.

އެގޮތުގައި ދުވަސަތައް ވޭތުވަމުން ދިޔައެވެ. ޝާލީ މިސްއާއި ގާތްގުޅުމެއް އުފެއްދޭތޯ އަހަރެން ދިޔައީ ބަލަމުންނެވެ. މަކަރުހެދުމާއި ސްކޫލަށް ދާހިތްނުވާތީ ތަފާތު ޢުޒުރުތަކުން ބަރާވެ ބާރިޖެހިފައިވާ އަހަރެންގެ ހިތް މިހާރު އަބަދުވެސް އެދެނީ ސްކޫލަށް ދިއުމަށެވެ. ރެޔާ ދުވާލުއެވެ. ހެދުނާ ހަވީރެވެ.އަދިި ކޮންމެ ދުވަހަކުވެސް މިސްއަށް ޚާއްޞަ ފިނިފެންމަލެއް ގެންދަމެވެ.

އެއްދުވަހު ޝާލީމިސް ވާރކްޝީޓްތަކެއް ބަހަމުން އައިސް އަހަންނާ އަރާ ހަމަވާން އުޅެނިިކޮށް ނޭނގޭކަމަށް ހަދާލާފައި އަނެއްފަރާތަށް މޫނު އަނބުރާލީމެވެ. މިސްއައިސް އަހަންނަށް ގޮވާލިއެވެ. އަހަރެން ސިއްސައިގެން ދާކަމަށް ހަދާފައި އެނބުރި ބަލައިލީމެވެ. އަދި މިސްގެ އަތުގައި އޮތް ސްޓެޕްލާގައި އަހަރެންގެ ބޯޖެއްސީމެވެ. ” އޯ ސޮރީ ” ޝާލީމިސް ހުރީ ކަންބޮޑުވެފައެވެ. އަދި ބޭއިޚްތިޔާރުގައި އަހަރެންގެ ނިތުގައި ފިރުމާލިއެވެ. އަހަންނަށް ވީގޮތް ބުނެދޭނެ ގޮތެއް ނުވިސްނުނެވެ. ހަނދާން ހުންނަންފެށީއްސުރެން ދުވަހަކުވެސް އެހާ އުފަލެއް ނުވެއެވެ. ފިލްމުތައް ނިމޭއިރު ބަތަލާ އާއި ބަތަލުގެ ޢަމަލުތައް ހުންނަގޮތް އަހަރެން ބަލަމެވެ. އަހަންނަށް އިޙުސާސްކުރެވުނީ އެފަދަ ގޮތެކެވެ. އެދުވަހު ވާކްޝީޓް ނިންމާފައި ތިރީގައި އަހަރެން ލިޔުނީމެވެ. ” އައި އެމް ފުރޮމް މޯލްޑިވްސް ، ބަޓް މައި ހާރޓް އިޒް އިން ޕާކިސްތާން ” އަނެއް ދުވަހު ޝާލީމިސް އެކަމާބެހޭގޮތުން އަހަންނާ ސުވާލުކުރިއެވެ. ” އަޅުގަނޑު ވަރަށް ދާހިއްވޭ ޕާކިސްތާނަށް ” ޖަވާބުގައި އަހަރެން ބުނީމެވެ. އެދުވަހު ޝާލީމިސް އަބަދުހެން ބެލީ އަހަންނަށެވެ. އަހަންނަކީ ކުލާހުގެ އެހެންކުދިންނާ އަޅާބަލާއިރު އިސްކޮޅުން ވަރަށްދިގު އަދި ފޯދެމުން އަންނަ ޖާފާނު ރުކެންހެން ވަރުގަދަކޮށް ހުރި ފިރިހެންވަންތަ ހަށިގަނޑެއްގެ ކުއްޖަކީމެވެ. އަންހެން ކުދިން އަޅައިގަންނަ ކަހަލަ ވަރަށްގިނަ ސިފަތަކެއް އަހަންނަށް ލިބިފައި ވެއެވެ. މަތީގްރޭޑް ތަކުގެ އަންހެންކުދިން ފޮނުވާ ސިޓީތަކުން އަހަންނަށް ވަރަށް ރަނގަޅަށް އެކަން އެނގެއެވެ.

2 މަސްފަހެވެ. މާރޗްމަހެއްގެ 21 ވަނަ ދުވަހެވެ. އަހަރެން އެދުވަހު މިސްއަށް ގެންގޮސްދިނީ 43 ވަނަ ފިނިފެންމަލެވެ. އެދުވަހު މިސްގާތު އަހަރެން އެވާހަކަ ބުނީމެވެ. އެދުވަހު ކުލާސްނިމިގެން މަޑުކުރަން މިސްބުންޏެވެ. އަދި ކުލާސްނިމިގެން އަހަރެން ސުޕަވައިޒަރުގާތަށް ގެންދިޔައެވެ. އަދި އަހަރެން މިސްއާ އަޅައިގަނެގެން އުޅޭވާހަކަަޔާ ފިނިފެންމާ ގެނެސްދޭ ވާހަކަވެސް ބުންޏެވެ. އަދި އަހަރެން ދީފައިހުރި ހުރިހާ މަލެއް ކޮތަޅަކުންނަގާ ސުޕަވައިޒަރުގެ މޭޒުމަތީގައި ބެހެއްޓިއެވެ. އަހަރެންގެ މަންމަ ގެނެސް ކަންތައްވީގޮތް ސުޕަވައިޒަރު ކިޔައި ދިނެވެ. އަހަރެންގެ މަންމަ ފެށީ ރޯށެވެ. އަހަރެންވީ އުފަލެވެ. މިސްގެ ދުލުން އަހަރެން މިސްއާ އަޅައިގަނެގެން އުޅޭވާހަކަ ބުނީމައެވެ. އުފާވީ ހަޤިގީ ސަބަބެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ.

ފުރަތަމަޓާރމްގެ ޓެސްޓް ދުވަސްވަރެވެ. މެއިމަހެއްގެ 9 ވަނަ ދުވަހެވެ. އިނގިރޭސި ޓެސްޓް އޮތްދުވަހެވެ. ސުވާލު ކަރުދާހުގައި އެކުވެރިއަކަށް ލިޔާނެ ސިޓީއެއް ލިޔަން އޮތެވެ. އަހަރެން ޓެސްޓް ޕޭޕަރުގައި ލިޔުނީ ހަމައެކަނި އެސިޓީއެވެ. މިލިޔެލަނީ ޓެސްޓް ޕޭޕަރުގައި އަހަރެން ލިޔުނު ސިޓީގެ ދިވެހި ތަރުޖަމާއެވެ.

” އެންމެ އެކުވެރިއަށްވުރެވެސް ގާތް ޝާލީމިސްއަށް

އަހަރެންގެ ހިތުގެ ޖަހާވިންދުން ހެޔޮދުޢާ ސަލާމް

އިންސާނުންގެ މޭގައި ހިތެއްވާކަމަށް މީހުން ބުނޭ، އަދި އެހިތް ވަކި ކަންތައްތަކެއް ކުރުމަށް ބޭނުންވާކަމަށްވެސް މީހުން ބުނޭ، އެހިތަކީ މަޑުފުށްކޮޅަކަށް ވީފަދައިން ހަރުހިލައަށްވެސްވޭ މީހުން ބުނާތީ އަހަން، އިންސާނާގެ ހިތުގެ މައްޗަށް ބާރުނުފޯރުވޭ ހަމައެކަނި އެއްޗަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް މީހަކު ހަނގުރާމަކޮށް އޭގެ ޙައްލު ހޯދިފައިނުވާ ދެ އަކުރުގެ ” ލޯބި ” ކަމުގައި މީހުން ބުނާތީ އަހަން، ލޯބި އެއީ ކޯއްޗެއްކަމަށް ޚުދު އަހަންނަކަށްވެސް ނޭނގެ،

މިސްއަށް އެނގޭތަ، އަހަރެން އެންމެ ކިޔަވާހިތްވަނީ އިނގިރޭސި، ކީއްވެގެންކަން އެނގޭތަ، މިސްއަންނާތީވެ، އެނގޭތަ އެއީ ކީއްވެގެންކަން ، މިސްރީތިކަމުން، އެނގޭތަ މިސްރީތިވީ ކީއްވެގެންކަން، އެއީ އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއް ހުރީމަ، މިސްއަށް އެނގޭތަ ފެބުރުއަރީ 22 ވަނަ ދުވަހު މިސްއަޅުގަނޑަށް ވާރކްޝީޓް ދިންއިރު މިސްގެ އަތް ޖެހުނުތަން އަދިވެސް މިއޮތީ މަލަން އަޅާފަ، އެތަނުގައި ތިނޯސްތުނޑެއް ޖައްސާލާކަށްވެސް އަހަރެން ބޭނުމެއް ނޫން، މިސް މިސްހާދަ ރީއްޗޭ، ﷲ ގެ ޤުދުރަތްތެރިކަމަކީ ހާދަފުރިހަމަ ކަމެކޭ، މިސްއަށް އެނގޭތަ، މިސް އަބަދުވެސް ތުންފަތުގައި ޖައްސަނީ އަޅުގަނޑަށް އެންމެރީތި ކުލަ، ރަތްކުލަ، އެނގޭތަ، އަޅުގަނޑަށް ރަތްކުލަ ރީތީ ކީއްވެގެންކަން، އެއީ މިސްގެވެސް ފޭވަރިޓް ކުލައަށްވީމަ،

މިސް އަޅުގަނޑު ދެން ކިހިނެއް ހަދާނީ،،، އަޅުގަނޑަށް މިވަނީ ކީއްތަ، އަޅުގަނޑު ވަރަށް ވިސްނައިފިން، އަޅުގަނޑަށް މިސްދެކެ ލޯބިވެވުނީ ކަންނޭނގެ،،،،، ހަމަގައިމުވެސް މިސްއާނުލާ އަޅުގަނޑަށް އުޅެން ވަރަށް އުނދަނގޫވާނެ، އަޅުގަނޑަށް އެނގޭ މިސްއާ އަޅުގަނޑާ ދެމެދު 9 އަހަރުގެ ތަފާތެއް ހުރިކަން، މިސް އަޅުގަނޑު ކިޔަވާ ނިމެންދެން އިންތިޒާރުކުރޭ، ޕްލީޒް، ޕްލީޒް،،، ” މިސްދެކެ ލޯބިވާ ނާމީ ”

ޖެހިގެން އައި ދުވަހު އަހަރެންގެ މަންމައާއެކު ސްކޫލަށް ހާޟިރުކުރެވުނެވެ. އަހަރެން އިނީ ވަރަށް ހަމަޖެހިފައެވެ. މައްސަލަ ބަލަމުން ދާއިރުވެސް މިސް އަހަރެންގެ ގާތުގައި ހުންނާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އަހަރެންގެ ޔަޤީންކަން ހަމަ ޔަގީންވިއެވެ. މައްސަލައަކީ ދަރިވަރަކު އެފަދަ ސިޓީއެއް ލިޔުނީމައެވެ. އަހަންނާ ސުވާލުކުރެވުނެވެ. ޖަވާބުދޭންވެގެން އިސްއުފުލާލީމެވެ. ކުރިމަތީގައި ސްކޫލްގެ ޕްރިންސިޕަލާއި، މެނޭޖްމަންޓްގެ ބޭފުޅުންނާއި ސްކޫލް ބޯޑްގެ މެމްބަރުންނާއި ޕީ.ޓީއޭގެ މެމްބަރުން ތިއްބެވެ. ޝާލީމިސް އިނީ އަހަންނާ ޖެހިގެން ހުރި ގޮނޑީގައެވެ. އަހަރެން ސުވާލުގެ ޖަވާބު ދިނީމެވެ. ޓެސްޓް ޕޭޕަރުގައި އަޅުގަނޑު ލިޔުނު އެއްޗެއް ނުލިޔާ އެއްޗަކަށް ނުވާނެ، އަޅުގަނޑު ލިޔުނީ އަޅުގަނޑުގެ ހިތުގެ ޙާލަތު، ކުށަކަށް ވިޔަސް ފާފައަކަށް ވިޔަސް އެކަން އެގޮތަށް ވެނިމިއްޖެ، އަޅުގަނޑު ހަމަގައިމުވެސް ޣައިރު ޤާނޫނީ ޢަމަލެއް ނުކުރަން، އަދި މިސްއަކަށް އުނދަގުލެއްވެސް ނުކުރަން، އަޅުގަނޑަށް މިސްދެކެ ލޯބިވެވުނީ، އިންތިހާއަށް ލޯބިވެވުނީ، ފުރަތަމަދުވަހުން ފެށިގެން ލޯބިވެވުނީ، އަޅުގަނޑު ސްކޫލް ދަރިވަރުންގެ އާންމު ޤަވާޢިދުވެސް ވަރަށް ރަނގަޅަށްކީން، އެޤަވާޢިދަކު ދަރިވަރަކަށް ޓީޗަރެއްދެކެ ލޯބިނުވެވޭނެކަމަކަށް ލިޔެފައެއް ނެތް، އަދި ދަރިވަރުންނަށް ލޯބީވެވޭނެ މީހުންނެއްވެސް ލިޔެފައެއްނެތް،އަދި ދަރިވަރުންނަށް ލޯބިނުވެވޭނެޔޭވެސް ލިޔެފައެއް ނެތް، މިސްއަކީ އަންހެނެއް، އަހަންނަކީ ބާލިޣުވެފައިވާ ފިރިހެނެއް، އެއީ މުސްލިމެއް، އަޅުގަނޑަކީވެސް މުސްލިމެއް، އަޅުގަނޑަށް މިސްދެކެ ލޯބިނުވެވޭނެ އެއްވެސް ގޮތެއްނެއް، އަހަރެންގެ މިއަޖައިބު އަންތަރީސްކުރުވަނިވި ފޮތިފޮތި ލަފުޒުތައް އަޑުއިވުމުން އެންމެންވެސްތިބީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅުހިކިފައެވެ.

” ޔޭސް މިސް ޝާލީ ވަޓްޔޫ ތިންކް އޮފް ދިސް ބޯއީ؟ ޕްރިންސިޕަލް ސުވާލުކުރެއްވިއެވެ. ޝާލީމިސްގެ ޖަވާބުތައް ވަރަށް ފުރިހަމައެވެ. އޭ އިން ޒެޑަށް ކަންތައްތައްވީގޮތް ކިޔައިދިނެވެ. އަހަރެން ކަޅިޖަހާނުލައި މިސްއާ ދިމާއަށް ބަލަހައްޓައިގެން އިނީމެވެ. މިސްގެ ވާހަކަދެއްކުމުގައި އެހެންޏާ ނުހުންނަ ގޮތްތަކެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ. އާގަތުމެވެ. ހިތްބިރުގަތުމެވެ. ނުތަނަވަސްވުމެވެ. މިސްގެ ވާހަކަ ނިމުމުން އަހަންނަށް ތަރުޙީބުގެ ނަޒަރަކުން އަތްޖަހާލީމެވެ. މިސްގެ ވާހަކާގައި އަހަރެންގެ ނަން 17 ފަހަރު ބޭނުންކުރިއެވެ. ގިނަބަޔަކު ނިންމީ އަހަންނަކީ އަދަބުކުޑަކުއްޖެއްގެ ގޮތުގައެވެ. އަޅެ އަހަރެން އަދަބު ކުޑަހެއްޔެވެ. އަހަރެންގެ ލޯބި ކިހާ ތެދުވެރި ހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ކިބާގައި އެކަކު އަނެކަކުދެކެ ލޯބިވުން ހައްޤު ސިފަތަކެއް އެބަހުއްޓެވެ. ދެމީހުންވެސް ކިޔައިދިނީ ހަގީގަތެވެ. އެކަކުވެސް ދޮގެއް ނުހަދައެވެ. ބައްދަލުވުން ނިންމާލީ އަހަރެންލައްވާ ވަރުގަދަ މުޢާހަދާއެއްގައި ސޮއިކުރުމަށް ފަހުގައެވެ. ސޮއިކުރުމުގެ ކުރިން އަހަރެން ބުނީމެވެ. ސޮއިކުރެވިދާނެއެވެ. އެކަމަކު މިހިތުގައި މިސް އަށް ލޯތްބެއް ބަދަލެއް ނުވާނެއެވެ.

އަހަރުގެ ފަހުދުވަސްކޮޅެވެ. އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހެވެ. ގިނަދަރިވަރުން އިންތިޒާރުކުރާ ދުވަހެކެވެ. މުދައްރިސުންގެ ދުވަހެވެ. އެދުވަސް އަހަންނަށް ވަރަށްޚާއްޞަވިއެވެ. އެދުވަހު އަހަރެން މިސްއަށް ވަރަށްގިނަ އެއްޗެހި ދިނީމެވެ. އަހަރެންގެ އަތުގައިވާ އެންމެ އަގުބޮޑު އަމާނާތް މިސްއާ ޙަވާލުކުރީމެވެ. ހުދުގަނޑެއްގައި ހިތެއްކުރަހާ ރަތްކުލަޖައްސާ އަހަރެމެން ދެމީހުންގެ ނަން ލިޔެފައި މިސްއަށް ދިނީމެވެ. އަދި އިތުރު ހަދިޔާއެއްވެސް ދިނީމެވެ. އަހަންނަށް ލިބިފައިވާ ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން އަހަރެން އަމިއްލައަށް ފަރުމާކޮށްފައިވާ އަހަންނާ މިސްގެ ކައިވެނީގެ ދަޢުވަތު ކާޑެވެ. ކާޑު ބަލާލުމަށްފަހު މިސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހާހިސާބުން ކަންތައް ވަރަށް ގޯސްވެގެން ދިޔައެވެ. ވަގުތުން އަހަރެން ސްކޫލު އޮފީހަށް ދާންޖެހުނެވެ. އެދުވަހުން ފެށިގެން އަހަންނަށް ސްކޫލަށް އައުމުގެ ފުރުޞަތު ގެއްލުނުވެ. ތަޢުލީމީ ޙަޔާތަށް އަލްވަދާޢުކިޔައި އުނގެނުމުގައި ސިއްކަޖަހަން ޖެހުނެވެ.

ނަމަވެސް އެދުވަހު އަހަރެން ވަރަށް އުފާވިއެވެ. އެއީ ދެން އަހަންނަށް މިސްދެކެ ލޯބިވުމަށް ހުރަސްއެޅޭނެ އެއްވެސް ޤާނޫނެއް ޤަވާޢިދެއް ނޯންނާނެތީއެވެ. މިހާރު އަހަންނަކީ ފުރާވަރުގެ ކުއްޖެކެވެ. ހޯމްވޯކް ހަދާކަށް ފަތިހުތެދުވެ ސްކޫލަށް ދާކަށް ނުޖެހެއެވެ. އަހަރެން ނިންމީ ލާރިލިބޭނެ މަސައްކަތެއް ކުރުމަށެވެ. ރައްޓެހިންނާއި އާއިލާ މީހުންގެ ނުރުހުމުގައި އަހަރެން ރިސޯޓަކަށް ދިޔައީމެވެ. އަހަންނަކީ ޢުމުރުން ހަގު ކުއްޖެއް ނަމަވެސް އިސްކޮޅާ ރޫފަ އަދި ތަޢުލީމު އެކަމާ އަރާރުންވާ ކުއްޖެކެވެ. އަހަންނަކީ މުރާލި ހީވާގި މަސައްކަތްތެރިއެއްކަން ރިސޯޓްގެ މެނޭޖަ ފާހަގަކުރައްވާ އަހަންނަށް ރަނގަޅު ވަޒީފާއެއް ދިނެވެ. މުސާރަވެސް ވަރަށް ރަނގަޅެވެ. ދުވާލަކަށް އިރުއަރާ އޮށްސޭނީ އަހަރެން މަސައްކަތުގައި އަވަދިނެތި އުޅެނިކޮށެވެ. ނަމަވެސް މަސައްކަތުގެ ކޮންމެ ވިންދެއްގައި ޖަހަނީ ޝާލީމިސްގެ ހަނދާންތަކެވެ. ނަމަވެސް އެކަމަށް އަހަރެން ކެތްކުރީމެވެ.

ކޮންމެ ރެއަކު ނިދަން އޮށޯތުމަށްފަހު އަހަރެންގެ މަންމައަށް ގުޅާލަމެވެ. މަންމަ ވަރަށް ނުރުހިހުރެ އަހަންނާ ވާހަކަދައްކައެވެ. ނަމަވެސް އަހަރެން އެކަމާ ދެރައެއް ނުވެއެވެ. ކޮންމެ މަހަކު މަންމައަށް ހަތަރުހާސް ރުފިޔާ ފޮނުވަމަވެ. މަންމަގެ ފޯނަށްފަހު މިސްއަށް ގުޅަމެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ބައެއްރޭރޭ ސަތޭކަ ފަހަރުވެސް ގުޅެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދެއެވެ. ނިދަން އޮށޯންނަނީ ލޯބީގެ ރީތި ޢިބާރާތްތަކަކުން ގުޑް ނައިޓް ކިޔާފައެވެ. ރަށަށް ދިއުމުގެ ކުރިން މާލެގޮސް އެކައުންޓް ޗެކްކޮށްލީމެވެ. ފަސްލައްކަ ހަހާސް ރުފިޔާ ހުއްޓެވެ. އަހަރެން އުފާކުރީމެވެ. އަހަރެން ކެތްތެރިކަމުންނެވެ. އަހަންނަކީ ދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލުކުރި ކުއްޖެއްނޫނެވެ.

ރަށަށް އައިސް އަހަރެން އަހަރެންގެ ގެ ހަދަން ފެށީމެވެ. 2 ބުރިއަށެވެ. ގޭގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް ފަނަވަރަކަށް ދުވަހު ރަށުގައި މަޑުކޮށްލުމަށްފަހު އެނބުރި ރިސޯޓަށް ދިޔައީމެވެ. އެއްއަހަރު ދުވަހު ރިސޯޓްގައި އުޅެފައި އައިއިރު އަހަރެންގެ ގެވަނީ ގަނޑުވަރެއް ފަދައިން ޖަރީކުރެވިފައެވެ. މިހާރު މަންމަހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. މިހާރު މަންމަ އަބަދުވެސް ދައްކަނީ އަހަރެން މީހަކާ އިންނަ ވާހަކައެވެ. އަހަރެންގެ ޖަވާބު ދެމެވެ. ޝާލީމިސްދެކެ ލޯބިވީމެވެ. އެލޯބި ހޯދަން އަހަރެން މަސައްކަތް ކުރާނަމެވެ. އެކައުންޓުގައި ފުދޭވަރެއްގެ ގިނަ ފައިސާ ހުރުމާއެކު ދެން އަހަރެން ޤަޞްދުކުރީ އަހަރެންގެ މަންޒިލަށް ވާޞިލްވެވޭތޯއެވެ. ޝާލީމިސްގެ އެޑްރެސް ކުރިންވެސް ލިބިފައިވާތީ އަހަރެން ޕާކިސްތާނަށް ދާން ފުރީމެވެ. އަހަރެންގެ ދަތުރު ވަރަށް ފައްކަލެވެ. ނިޔާމައެވެ. ހިތްގައިމެވެ.މާމުއިހާ ފޮންޏެވެ. އެއްވެސް އުނދަގުލެއްނެތި ޝާލީމިސްގެ ގެއާ ހިސާބަށް އަހަންނަށް ދެވުނެވެ.

ދޮރުގައި ޓަކި ޖަހާލީމެވެ. އަހަރެންހުރީ ދުރޮހުޅުވޭނެ އިރަކަށް އިންތިޒާރުގައެވެ. ދޮރުހުޅުވިއްޖެއެވެ. ކުރިމަތީގައި އެހުރީއެވެ. ދެވަނަމީހެއްނޫނެވެ. އަހަރެންގެ ޝާލީމިސްއެވެ. މިހާރުނަމަ އަހަރެންގެ ޝާލީއެވެ. ޝާލީ ޙައިރާންކަމާއެކު އަހަންނަށް ބަލަންހުއްޓެވެ. އެކަމަކު އަހަރެން ޙައިރާނެއް ނުވެއެވެ. މިވޭތުވެ ދިޔަ ހަތަރުފަސް އަހަރުގެ ތެރޭގައި އަހަންނަށް އައިސްފައިވާ ބަދަލުތައް ޚުދު އަހަންނަށްވެސް ޤަބޫލުކުރަން ދައްޗެވެ. ހެދިހުރި އިސްކޮޅާ ރޫފައެވެ. ބާމަތިފުޅާވެފައި ކަޅިރަވަ ތޫނެވެ. ފަންއިސްތަށިގަނޑާ މުލައްދަނޑީގެ ބާރެވެ. އަންހެންކުދިން ހިތަދަމައިގަންނަ ހިތްފަސޭހަ މޭމައްޗެވެ. އެތައް ލޭތަކެއް އޮހަރާފަދަ ދެތުންފަތެވެ. އަނބިފުރާވަރުގެ އަންހެންކުދިން މަށަށް މަށަށް ކިޔާ ފަދަ ފިރިހެނަކަށް އަހަރެންގެ ސޫރަ ހެއްދެވި ރަސްކަލާނގެއަށް ހާސްފަށުން ޝުކުރު ހުއްޓެވެ. ކަރުގައި އެއްޗެއް ތާށިވެގެން ހިންދިރުވާލަން ނުކެރިފައިހުރި މީހެއްހެން ޝާލީ އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ. ” ހައި މިސް ޝާލީ ” ހައު ،އައި އޭމް ފައިން، ވަޓް އެބައުޓް ޔޫ މައި ހަނީ،،،،،! ޝާލީގެ އަނގަ ހުޅުވިއްޖެއެވެ. އެރީތި ތުންފަތް ޙަރަކާތް ކުރަން ފެށިއެވެ. ނާ…. ނާ،،،، ނާމީ ” ޔޭސް އައި އެމް ނާމީ ޔޫ އާސް ނާމީ،،، ޝާލީމިސް ހުރީ ހަދާނެ ގޮތް ބޮޑުވެފައެވެ. އިރުގަނޑެއް ފާއިތުވެއްޖެއެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކުން ޝާލީމިސް ރޯންފެށިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަދި އަހަރެންގެ ޖީބުން ރަތްކުލައިގެ ރުމާލެއް ނަގާ ޝާލީގެ ލޮލުން ނިރާލަމުން ދިޔަ މުތީތައް ފޮހެދޭން ފެށީމެވެ.

ޝާލީ އަހަރެން ގޭތެރެއަށް ވަނުމަށް ބުންޏެވެ. އެދަޢުވަތު އަހަރެން ބަލައިގަތީ އުފަލުންނެވެ. ވާންއުޅޭ އަނބިމީހާގެ ގެއަށް ވަދެވޭތީއެވެ. މައިދާތައާއި ބަފާކަލޭ ފެންނާނެތީއެވެ. ކަންތައްވެގެންދިޔައީ އަހަރެން ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ޝާލީއުޅެނީ އެކަންޏެވެ. މަންމައާއި ބައްޕަ ދުނިޔެއަކު ނެތެވެ. އެއްބަނޑު ތިމާގެ މީހެއްނެތްތާނގައި ފިރިއަކުވެސް ނެތެވެ. ޝަލީގެ ދިރިއުޅުމުގެ ފަލްސަފާއާއި ފަސާނާތައް އަހަރެން އަޑުއެހީމެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އަހަރެން ކަންތައްތައްކުރިގޮތްވެސް ކިޔައިދިނީމެވެ. އެހިސާބުން ނަފުރަތުގެ އަލިފާން ނިވި ރުހުމުގެ ވައިރޯޅިތައް ޖެހެންފެށިއެވެ. ޚަރީފުމޫސުމުގެ ހޫނުކަން އުފާވެރި ރަބީޢުމޫސުމުގެ ފިނިކަމަށް ބަދަލުވެއްޖެއެވެ. އަހަންނާ ޝާލީ ގުޅިއްޖެއެވެ. މަހާ އޮޑިޔާ ވެއްޖެއެވެ. އަހަރެން ކީހާޅެން ފަރިއްސަކަށް ނުވިއެވެ.

އަހަރެމެން ދެމީހުން ޒަވާޖީ ޙަޔާތުގެ ގޮށް ޖަހާލީމެވެ. ކުރެވުނު ބުރަމަސައްކަތުގެ ފޮނިކާމީޔާބީގެ އުފާ ފާޅުކުރަމުންނެވެ. ޕާކިސްތާނުގައި އަހަރެން ކިޔެވީމެވެ. ޝާލީގެ އެހީތެރިކަމާއެކުގައެވެ. ފަސްއަހަރު ދުވަހު މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވައި މާސްޓަރ ޑިގްރީ ނެގުމަށްފަހު އެނބުރި އަހަރެން ޝާލީ ގޮވައިގެން އަހަރެންގެ އުފަން ފަސްގަނޑަށް އައީ ލޯބި ލޯބި ޝާލީއެއްވެސް ގޮވައިގެނެވެ. ރަށުގެ ގިނަ ބަޔަކު އަހަންނާ އިސްތިޤުބާލުކުރަން އަތިރިމަތީގައި ތިއްބެވެ. ގިނަބަޔަކު އުފާކުރިއެވެ. ފެންވަރު ރަނގަޅު އިނގިރޭސި ޓީޗަރަކު ރަށަށް ދާއިމީ ގޮތެއްގައި ލިބުނީތީއެވެ. އަނެއްބަޔަކު ފަޚުރުވެރިވިއެވެ. އަހަރެންގެ ހިތްވަރުގަދަކަމުންނެވެ. ކެތްތެރިކަމުންނެވެ. ވަފާތެރިކަމުންނެވެ. ބައެއް ރައްޓެހިން އަހަރެންގެ ކޮނޑުގައި ޖަހާލާފައި ލައިލާ އާއި މަޖުނޫނު އަދި ޝީރީން ފަރުހާދުވެސް އެއްޗަކަށް ނުވިޔޭ ބުނެލިއެވެ. އަހަރެން ގެއަށް އައީ އަހަރެންގެ މަންމަގެ އަތުގައި ހިފައިގެން ރޮމުންނެވެ. ނަމަވެސް އުފަލުންނެވެ.

ރަށުސްކޫލްގެ ޕްރިންސިޕަލްގެ މަޤާމް ސަރުކާރުން އަހަންނަށް ދެއްވިއެވެ. އަދި އަހަރެންގެ އަންހެނުންނަށް އިނގިރޭސި ޓީޗަރެއްގެ ވަޒީފާ ދެއްވިއެވެ. އަހަރެންގެ ދައުރުގައި އެންމެ ފުރަތަމަ މައްސަލައަކަށް ފެންމަތިވީ ގިނަބަޔަކަށް އެތައް ތަޖުރިބާތަކެއް ލިބިފައިވާ މައްސަލައަކާއެވެ. ގްރޭޑް 10 ގައި އުޅޭ ދަރިވަރަކު ސްކޫލްގައި މަސައްކަތްކުރާ ފިޒިކްސް މިސްދެކެ ލޯބިވުމުގެ މައްސަލައެވެ. އެމައްސަލަ އަހަރެންބެލީ ތަޖުރިބާގެ އަލީގައި ދަރިވަރަށްވެސް ދެރަނުވާގޮތަށެވެ. އަދި އެއީ އަހަންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެކިގެންނެވެ. ( ނިމުނީ )

https://www.baiskoafu.com/view/audio/MzM5Ng==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.