English Edition
Dhivehi Edition
ކަވަރއާޓް:މިގު/ބައިސްކޯފު

ލިޔުނީ: އާއިޝަތު ވަޙީދާ ، ފެހިވިލާގެ.ފުވައްމުލައްސިޓީ

މިއަދަކީވެސް އާދައިގެ މަތިން އިމްރާން އޭނަގެ ރައްޓެހިންނާ އެކު ޖަންގައްޔަށް ޝިކާރަ ކުރަން ދިޔަ ދުވަހެކެވެ. ސަކަރާތްޖަހަމުން ހީ ސަމާސަ ކުރަމުން އެއިގެ ހަތަރުކުދިން ޖަންގައްޔަށް ވަނދެގެން ވަރަށް ދުރަށް ދަތުރު ކުރީ އެމީހުންގެ މޮޓޯސައިކަލް ތަކުންނެވެ. ކުއްލިއަކަށް އުޑުމަތީގައި ވިލާ ބޯވެ މާހައުލުގެ ކުލަވެސް ބަދަލުވިހެން ހީވިއެވެ.

“އޭ އިއްމަ” މިވަނީ ކިހިނެތް !” ޝައްމޫނު ކަންބޮޑުވެފައިވާ ރާގަކަށް ބުނެލިއެވެ.

“އެއްކަލަ ޝައްމޫނު މިއުޅެނީ.. މީނަ މިގަންނަ ބިރަކުން ވެސް ނެތެއްނު ކަމެއްވާކައް.”

“.. ހެހެހެ …އޯކޭ އެއްމެ ރަނގަޅޭ އަހަރެމެން މިއޮތް ހުރިހާ ދުވަހު މިތަނަން އައި އިރުވެސް މިކަހަލަ މާހައުލެއް ނުދެކެން ވިއްޔާ. އެކަމަކު ހީވަނީ ޝިކާރަ ވަރަށް ރަނގަޅުވާނެހެން.”

” ހޫމް ދޯ.” ހުރިހާ ކުދިންވެސް އެކަމާ އެއްބަސް ވިއެވެ. އެކަމަކު ޝައްމޫނުއަށް ބަލާލި ކޮއްމެ ދިމާލަކުން އިހުސާސްވަނީ ނާމާން ކަމެވެ. ޖަންގައްޔަށް ވަނދެގެން ދިޔަ އިރުވެސް އޭނަހުރީ އެއްމެ ފަހަތުގައެވެ. ކުއްލިއަކަށް މިނިކާވަގެއްގެ އަޑުފަދަ ބާރު އަޑެއް އިވުނެވެ. ހަމަ އެއާ އެކު އެމީހުން އެދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހޯދަ ހޯދާ މިއަދަކު ޝިކާރައެއް ނުފެނުނެވެ. ޖަނގަލި ބޯކަމުން އިރުގެ އަލިކަން ލިބެނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން ބިންމަތީގައި ދެމެމުން ދުވާ ސޫފިތައް ވެސް ނުފެނެއެވެ. އެއިގެ އެއްވެސް ކުއްޖަކު އެކަމަކާ ޚިޔާލެއްވެސް ނެތެވެ. ކުއްލިއަކަށް އެއްޗެއްގަ އަޅައިގެންފަ އިސްހާގު ވެއްޓުނެވެ. އޭނަ ހަޅޭއްލަވައިގަތް އަޑަށް ދެން ތިބި ކުދިން ބަލާލިއިރު ބޮޑު ސިންގާ ނާގަހަރުފައެއް އިސްހާގު ގެ ގައިގާ އޮޅާލައިގެން އޭނަ ދިރުވާލަން އުޅެނީއެވެ. އިމްރާނު ބަލާކައް ނުހުރެ ބަޑި ނަގާ އެއާ ދިމާލަށް އަމާޒު ކުރިއެވެ. ހަރުފަ މަރުވި ނަމަވެސް އިސްހާގު ސަލާމަތެއް ނުކުރެވުނެވެ.

ތިން ކުދިންނަށް ލިބުނު ފުން ހިތާމަޔާ އެކު ޖަންގަލީން ނިކުމެވޭތޯ ހިގައިގަތެވެ. ނަތީޖާއަކަށްވީ އެކުދިންނަށް މަގު އޮޅުމެވެ. އެވަގުތަކީ އިރު ދުނިއެއާ އަލްވަދާއު ކިޔަމުން ދިޔަވަގުތު ކަމުން ކުރިއަށް ވުރެންވެސް ބޮޑަށް އަނދިރިކަން އެތަނަށް ވެރިވެފައިވެއެވެ. ހަފަރާތުން ޖަންގަލި ބެދިފަވާ ކަހަލައެވެ…. ދާނެ ނުދާނެ ދިމާލެއް ނޭންގި ޖަންގަލީ ގައި އެނބުރެމުން ގޮސް އެމީހުން ވަރުބަލި ވެއްޖެއެވެ. އިރު އޮއްސި އަނދިރި ވެއްޖެއެވެ. ޝިކާރަ އެއް ނުވި ތާނގައި އެމީހުން ގެ އެކުވެރިޔާ ވެސް ގެއްލުނީއެވެ.

ތިން ކުދިން ވެސް ކަންބޮޑުވެ، ހާސް ވެއްޖެއެވެ. ދާނެ ނުދާނެ ދިމާލެއް ނޭނގި ވަރުބަލިވެގެން ހުއްޓުނެވެ. ކުއްލިއަކަށް އެ ތިންކުދިން ފިޔަވާ އިތުރު މީހަކު އެމީހުނާ ދާދި ކައިރީގައި އުޅޭހެން އިހުސާސް ކުރެވުނެވެ. ތިން ކުދިން ސިހިފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

” ކާކު ! ކާކު !” އަދި މާގިނަ އިރު ވިސްނަން ނުތިބެ އެއަޑު އައި ދިމާލަށް ހިގައިގަތެވެ. އިރުކޮޅެއްނުވެ އެމީހުންނަށް މަގު ފެނިއްޖެއެވެ. އަދި ވީއުފަލުން ސައިކަލް ތަކަށް އަރައިގެން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

“ދަރިފުޅާ ، މިއަދު ހާދަ ލަހެއްތިވީ. ކަންބޮޑުވެގެން މަންމަ ހާދަވަރަކަށް ގުޅައިފީމޭ. އެކަމަކު ދަރިފުޅުމެން އެއްވެސް ކުއްޖަކައް ނުގުޅޭ. ”

އިމްރާނުގެ މަންމަ އޭނަޔާ ވާހަކަދެއްކި އިރު އޭނަ ހުރީ އިސްޖަހައިގެން ނެވެ. ދެރަވެފައެވެ. ރަޙުމަތްތެރިޔާ ހަރުފަ ދިރުވާލި ހާދިސާ އޭނަގެ މަންމަޔަށް ކިޔައިދޭނީ ކޮންދުލަކުން ހެއްޔެވެ. ތިން ކުދިންގެ ހާލަކީވެސް މިއެވެ.

“ކިހިނެއްވީ، ދަރިފުޅާ؟ މިއަދު ގެއަށް އައިއްސުރެ ތިހުންނަނީ ތިހެން.”

” މަންމާ” މަންމާ”
“ބުނެބަލަ ދަރިފުޅާ މިހާރު މަންމަޔަށް އެނގިއްޖެ ކޮއްމެވެސް ކަމެއް ވެއްޖެކަން.”

އިމްރާނު ވަރަށް ހިތްވަރު ކޮއްފަ އެވާހަކަ އޭނަގެ މަންމައަށް ކިޔައި ދިނެވެ.

” ސުބުޙާނަﷲ!” ދަރިފުޅާ ! . އޭނަގެ މަންމަ ކައިރީ ބުނެފިންތަ؟”

” ނޫން..ނޫން މަންމާ’ ނުބުނަން. ކިހިނެތް ބުނާނީ…” އިމްރާނު ރޮވިފައިވާ އަޑަކުން ބުންޏެވެ. އެރެއަކީ ހިތާމަވެރި ރެއެކެވެ. އިސްޙާގު ގެ މަރުގެ ހާދިސާވީ އެއްމެންނަށްވެސް ލިބުނު ކުއްލި ހިތާމަޔަކާއި ހައިރާން ކަމަކަށެވެ. އެއިގެފަހުން އެމީހުން އެޖަންގައްޔަކަށް ޝިކާއަކަށް ނުދެއެވެ. އެޖަންގަލި ވެގެންދިޔައީ ބިރުވެރި ކަމާއި ނާމާން ކަމުގެ ކިއްލާއަކަށެވެ.

އެރޭދަންވަރުގެ ވަގުތެވެ. ނިދަން އުޅެ އުޅެ އިމްރާން އަކަށް ނުނިދުނެވެ. އެހެން އޮއްވަ ލޮލަށް ފިޔައެއް އެރިތަނާ ކުއްލިއަކަށް ސިއްސައިގެން ގޮސް އިމްރާން އަށް ހޭ ލެވިއްޖެއެވެ. ފެނުނު ހަޤީޤަތެއް ކަހަލަ ހައެރާން ކުރުވަނިވި ހުވަފެނަކުންނެވެ. ދާދި ގާތުގައި މީހަކު އުޅޭހެން ހީވިއެވެ އަދި ފިރުމާލަދޭހެން ވެސް ހީވިއެވެ. ނަމަވެސް ހޭލެވިގެން ބަލައިލި އިރު ކައިރީގައި އެކަކުވެސް ނެތެވެ. މުޅި ރޭގަނޑު ހޭދަވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. ހެނދުނު އޮފީހަށް ދާން ތެދުވެފައިވެސް ސަލާމް ބުނެފަ ނިދީއެވެ. އިއްޔެގެ ހާދިސާ ހިތުން ނުފިލައެވެ.

ކަމެއް ކުރާހާ ހިތްވަރެއް ނުލިބުނެވެ. މިގޮތުގައި ދެތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އިމްރާނު ގެ މަންމަޔަށް މިކަންބޮޑުވެ ގެން ނަސޭހަތްދީގެން ރަނގަޅު ކުރެވޭތޯ ބެލިއެވެ.

ޖެހެމުން ދާ ނަލަ ރޯޅިއާއެކު ފަޒާއަށް ފެތުރިފައިވާ ހިމޭން ކަން އެހާމެ ހިތްގައިމެވެ. އިމްރާން އިނީ ކޯރުގެ އައްސޭރީގައި އިށީނދެލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އިސް އުފުލައިލި ވަގުތު ކައިރީގައި ރީތި ހޫރެއްފަދަ އަންހެން ކުއްޖަކު ހުރިތަން ފެނުމުން ހައެރާންވިއެވެ. އަދި އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައި އޭނާއަށް ބަލަން އިންދެވުނެވެ….

 

 

“ހެލޯވް..” އިމްރާން” ކަޅިޖަހާނުލާ ބަލަން ފެށުމުން އަންހެން ކުއްޖާ ގޮވާލިއެވެ. ނަމަވެސް އޭނާއަކަށް އެ އަޑެއް ނީވުނެވެ.

“ހެލޯވ، ” ދެވަނަފަހަރަށް ގޮވާލުމުން އިމްރާން ކުޑަކޮށް ސިހިފައި ….ހައެ ….ޖަހައިލިއެވެ.

“މި މިތާ ކީއް ތިކުރަނީ..” އިމްރާން އަހައިލިއެވެ.

” ފިނިކޮއްލަން، ކޮއްމެ ދުވަހަކު މިގަޑީގަ މިތާ އިންނަން”. އަންހެން ކުއްޖާ ޖަވާބުދިނެވެ. “އެހެންތަ، ނަން ބުނެދީފާނަންތަ؟. އަހަންނަށް ކިޔަނީ .”

“އިއްމަ ، ދޯ ކިޔަނީ..”

” ހޫމް ކިހިނެތް އެނގުނީ !؟” ކުޑަކޮށް ހައެރާން ވެފައި އިއްމަ އަހައިލިއެވެ.

” ދެން ހަމަ އެނގުނީ. އަހަންނަށް ކިޔަނީ … އަފާ،”

” ސިފަޔާ އެއްވަރަށް ނަންވެސް ރީތި”. އިއްމަ އަށް މަޑުމަޑުން ބުނެލެވުނެވެ.

އޭރު އިރުއޮއްސި އަނދިރިވާން ކައިރިވަނީއެވެ. ދާހިތްނެތް ނަމަވެސް އިއްމަ ނިއްމީ ގެއަށް ދާށެވެ. ސަބަބެއް ނެތިއެއްނޫނެވެ. ޝިކާރަ ކުރަން ޖަންގައްޔަށް ދިޔަދުވަހު ހިނގި ހަދިސާ މަތިން ހަނދާންވެފަ ޖެހިލުންވީއެވެ.

” ދަނީތަ…” . އަންހެން ކުއްޖާ އަހާލިއެވެ.

“އިރުއޮއްސި އަނދިރި ވަނީނު. އެހެނވެ.” ދަމުން ކުޑަކޮށް އަތް ހޫރާލާފަ އިއްމަ، ދިޔައީ ގެއަށެވެ.

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ނިދޭތޯ ލޯމަރާލާ އިރަށް ފެންނަނީ އެރީތި އަންހެން ކުއްޖާއެވެ. އެރީތި ލޫޅަފަތި ހަށިގަނޑެވެ ފަންފަން ދިގު އިސްތަށިގަނޑެވެ. ދިގު އެސްފިޔަތަކާއެކުވާ ރީތި ބޮޑު ދެލޮލެވެ. ހީލާއިރު އަލީގެ މުޖައްސިމާ އެއްފަދައެވެ. އާހް.. ކޮންފަދަ ރީތިކަމެއް ހެއްޔެވެ. އިއްމައަށް ހިތާ ހިތާ ކިޔާލެވުނެވެ. ކުއްލިއަކަށް އެނދުން ތެދުވެވުނީ ކީއްވެގެން ކަމެއް ..ޚުދު، އިއްމަ އަކަށްވެސް ނޭނގުނެވެ. ކުޑަދޮރު ކައިރީގަ މީހަކު އުޅޭހެން ހީވިކަހަލައެވެ. ނަމަވެސް މި ދަންވަރު އެތާ ހުންނާނީ ކާކު ހެއްޔެވެ. އަނެއްކާވެސް ނިދޭތޯ ލޯމަރާ ލިއެވެ. އެހެން ނަމަވެސް އިއްމަ އަކަށް ނުނިދުނެވެ. ކޮޓަރި ތެރޭގައި މީހަކު އުޅޭހެން ހީވެގެން އަނެއްކާވެސް ހޭލެވިއްޖެ އެވެ. އިއްމަ އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ކުޑަދޮރު ކުޑަކޮށް ހުޅުވާލުމުން ފިނި ވައިރޯޅިއެއް ހަށިގަނޑު ގައި ބީހިލައިފިއެވެ. އަރާމެވެ. ހިތްގައިމެވެ. ނިދިން މަހުރޫމު ކޮއްލި އަންހެން ކުއްޖާ ގެ މަތިން މާބޮޑަށް ހަނދާން ވާންފެށިއެވެ. ތަސްވީރު ލޮލުގެ ކުރިމަތިން ހުރަސް ކުރި ކަހަލައެވެ.

“އަޅޭ…. މާބޮޑަށް ފިކުރު ބޮޑުވުމުން ވާގޮތް ކަންނޭނގެ”. އިއްމަ، ހިތާހިތާކިޔާލިއެވެ. އެނދުގައި ހަމައޮށޯވެ ނިދި ޖެހިލި ތަނާ ވަރަށް ބާރަށް މަންމާ އޭކިޔާ ފައި އަންހެން ކުއްޖަކު ރޮއެގަތް އަޑުއިވުނެވެ . އިއްމަ، ފުއްމައިގެން ތެދުވެ އިށީނދެއްޖެއެވެ. ނަމަވެސް…. އިތުރަކަށް އެއަޑެއް ނީވުނެވެ.

“ދަރިފުޅާ ! ދަރިފުޅާ ! އޭއި ހާދަވަރަކަށް ތިނިދަނީ. ތެދުވެބަލަ .”

” ހޫމް މަންމަ ދޭ މި ތެދުވަނީ.”

“މިއަދު އަންނާނެ ޝާއިރާ މެން”

“ދެން އެމީހުން އައިއްސަ ގޮސްދާނެނު.. އެއީ އެވަރުގެ ކަމެއްތަ މަންމާ”..

“ދަރިފުޅާ…މިހާރު އޭނަ ޔާރުޅި ވީތަ؟”

” އުނހޫ އެހެންނެއް ނޫން.”

“އޭނަ ދުވަސް ކޮޅަކު ހުރެލަންށޯ އެ އަންނަނީ އޭރުން މަންމަ ވެސް އެކަނި ފިލާނެނު ”

” ހޫނ” އިމްރާން ފަރުވާ ކުޑަގޮތަކަށް ހޫމް ލައްވާލި އެވެ

“ދެން ދޭ ބަލަ ފެންވަރަން. މަންމަ މިދަނީސައި ހަދަން.” އަމީނާ މިހެންބުނެފައި

ހިނގައި ގަތުމުން އަނެއްކާވެސް އިމްރާން އެނދުގައި އޮށޯވެލިއެވެ. އަމީނާ އިމްރާނުގެ ކައިވެނި ކުރުވަން އުޅެނީ ޝާއިރާ އާއެވެ. ނަމަވެސް އިމްރާން އަދި ކައިވެނި ކުރާ ޚިޔާލެއް ނުގެންގުޅެއެވެ.

ނަމަވެސް އަމީނާ ވަރަށް ކުރީއްސުރެ ހުންނަނީ އެގޮތަށް ނިއްމައި ގެންނެވެ. އިމްރާން ގެ ހިތް އެހެން ފަރާތަކަށް ލެނބެމުން ދާކަމެއް ޚުދުއޭނަ އަކަށް ވެސް ނޭނގެއެވެ.

ގޭގެ އެތަން މިތަން ސާފުކުރުމުގައި އަވަދި ނެތި އެއްމެންވެސް އުޅެއެވެ. ނަމަވެސް އިމްރާނު ގެ

ޚިޔާލާ ފިކުރު ވަނީ މުޅިން އެހެން ދިމާލަކަށް ގޮސް ހުސްވެފައެވެ. އެހެން މީހެއްގެ ލޯބިންފުރާނެ އެއްމެ ތަންކޮޅެއްވެސް އޭނާގެ ހިތަކު ނެތެވެ. ހަމަ އެހެއްމެ ޝާއިރާ ، އިމްރާނާ ގުޅުވައިގެން ހުވަފެން ތައް ދެކެ އެވެ. ދިމާ ވާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ދައްކާނެ ވާހަކަތައް ހިތުގައި ފޮރުވައެވެ.

މިއަދަކީ ޝާއިރާގެ ހިތް އިމްރާނުގެ ކުރިމަތީގައި ބަންޑުން ކޮއްލާނޭ ދުވަހެވެ. އިމްރާނުގެ މަންމަ ޝާއިރާ އަންނަންވާ އިރަށް ކޮޓަރިސާފުކޮށްއޭނައަށް މީރުވާނޭ ހާ ކާއެއްޗެހި ތައްޔާރުކުރި އެވެ. ޝާއިރާހުރީ އެ އެގެއަށް އާދެވޭގޮތް ލަސްވެފައެވެ. ޝާއިރާ ވަރަށް ރީތި ވެލިއެވެ. އޭނައަކީވެސް ރީތި ކުއްޖެކެވެ. ކިޔަވައިގެން ހުރި މޮޅު ކުއްޖެކެވެ. ރީތި އިސްކޮޅަކާ ބައްޓަން ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. މީހުންނާ ގުޅޭ ސަކަ މިޒާޖުގެ ކުއްޖެކެވެ

ޝާއިރާ ކާރަށް އެރުމާއެކު ކާރު މިސްރާބު ޖެހީ އިމްރާނުގެ، ގެއާދިމާލަށެވެ. އޭނާގެ ތުންފަތް މަތީ ގައި ލުއިލުއި ހިނިތުން ވުމެއް ގެ އަސަރު ފާޅުވާން ހުއްޓެވެ. ގޭގެ ޕޯޓިކޯއިން ކާރު ވަނުމާއެކު ޝާއިރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނަމަވެސް އިންތިޒާރުގައި ހުރީ އިމްރާނުގެ މަންމަ އެކަންޏެވެ. ކާރުން ފޭބުމާއެކު ޝާއިރާ އެތަން މިތަނަށް ނަޒަރު ހިންގަމުން ދިޔައެވެ. އޭނާގެ ދެލޯ ހޯދަނީ އޭނާ އެއްމެ ހިތް އެދޭ އިންސާނާއެވެ.

“ކޮބާ… އިއްމަ…”

” އެބައުޅޭ…” . އާންތު ފަހަތުން އައިސް މަޑު ކޮއްލަމުން ބުއްޏެވެ. އެގޭ ގެންގުޅޭ ކުއްޖާއެވެ. މަޖާ މިޒާޖެއްގެ ކުއްޖެކެވެ އިމްރާނު މެން ތިމާގެވެސް ކުއްޖެކެވެ. އެންމެން އެކުގައި ކާންތިބެގެން އެކި އެކި ވާހަކަދެއްކިއެވެ.

މުދިންބެ ފޮތެއް ބަލަން އިންދައި މީހަކު ކައިރީ ގައި އުޅޭހެން ހީވެގެން ވަށައިގެން ހޯދާލިއެވެ. މުދިންބެ އަކީ އެކަނި މާއެކަނި ޖަންގައްޔާ ކައިރީ ގައި ޖިފުޓި ގަނޑެއް ކަހަލަ ތަނެއް ހަދައިގެން އުޅޭ މީހެކެވެ. އެހެން އުޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. މިއަދަކީ އާދަޔާ ޚިލާފު ދުވަހެއް ހެން ހީވެއެވެ.މާހައުލު ފެންނަނީ ވަރަށް ނުސާފު ކޮންނެވެ، މިއިން ދުވަހެއްގައި ވެސް މިހެން އޮއްވާ ނުފެނެއެވެ އިމްރާން އާއި އޭނަގެ ރައްޓެހިން އެތައް ދުވަހެއް ފަހުން މަޖާ ކޮއްލުމަށްޓަކައި ސައިކަލު ތަކުން ގޮސް މަޑުކޮއްލީ ޖަންގަލި ކައިރީ ގައި އޮތް ހުސް ބިމެއްގައެވެ. އެތަނުގައި ތިބެގެން ބިސްކޯދާ ދަޅާއެއްޗެހި ބޮމުން އެކަކު އަނެކަކު ލަވަކިޔަމުން ގޮސް އެންމެފަހުން އިމްރާންއާއި ޖެހިއްޖެ އެވެ.

” އޭ އިއްމަ ފައްޓާ އަވަހަށް.” އަހުސަން ބުނެލިއެވެ. އިސާހިތަކު އޭނަ ލަވަކިޔަން ފެށުމުން އެންމެން ހިމޭންވެ އަޑު އަހަމުން ދިޔައިރު އަހުސަނު ދިޔައީ ފޮޓޯނަގަމުންނެވެ. އިއްމަ ލަވަކިޔަމުން ދިޔައިރު އޭނަގެ ކުރިމަތިން އެ އަންހެން ކުއްޖާ ސިފަވަމުންދެއެވެ. އަދި ބައެއްފަހަރު އޭނަ އާއި އެކު ލަވަ ކިޔާއަޑު އޭނައަށް އިވެއެވެ. ގެއަށް ދަމުން އަހުސަން ކައިރީ އެވާހަކަ ބުނުމުން އަހުސަން ހައިރާންވެ އަނގަހުޅުވުނެވެ.

” އަހަރެން ނުދެކެން އެތަނުން އަންހެން ކުއްޖަކު.. އަދިއިތުރު އަޑެއްވެސް ނާހަން އިއްމަ މޮޔަ ގޮވަނީތަ؟”. އަހުސަން ދެއަތަކަށް ހިނގާލަމުން ބޯހޫރާލިއެވެ.

” ނޫނޭ އަސްލުވެސް އަހަރެން އަޑުއެހީމޭ.”

ތެޅިތެޅި އޮތް ހިތަކާއެކު އަހުސަން ފޮޓޯތައް ބަލަންފެށިއެވެ. އެ ފޮޓޯތައް ބެލި ބެލި ހެން އަހުސަން ގެ ހައިރާން ކަން ދިޔައީ އިތުރު ވަމުން ނެވެ. އެހެނީ އިއްމަ ލަވަ ކިޔަމުން ދިޔައިރު އޭނަގެ ދާދި ގާތުގައި އެހެރީ ބިރުވެރި ސޫރައަކަށް ހުރި މަޚުލޫގެކެވެ . ނަމަވެސް އެދުވަހު އެތަނުން އެކަކަށްވެސް އެއެއްޗެއް ނުފެނެއެވެ. އިއްމަ ބުނާ ގޮތުގައި އޭނައަށް ފެންނަނީ ރީތި ހޫރެއްފަދަ އަންހެން ކުއްޖެކެވެ. އިއްމަ ބަލާކަށް ނުހުރެ ފޮޓޯތައް ހިފައިގެން މުދިންބެ ގާތަށް ދިޔައެވެ. މުދިންބެއަށް ހުރިހާ ވާހަކަ އެއް ކިޔައި ދިނެވެ. މުދިންބެ ބޮލުގައި ދެއަތް އަޅައިގެން ހުރިދިމާ ބިންމަތީ ގައި އިށީނދެ އިސް ޖައިގެން އިނދެއްޖެއެވެ. އަހުސަން ކަންބޮޑުވެފައި ވީ ކީއްތޯ ސުވާލު ކުރިއެވެ.

” ދަރިފުޅާ ! މީވަރަށް ބިރުވެރި ކަމެއް !. އޭނަޔާ އަޅައިގެން އެއުޅެނީ ބޮޑު އިފުރީތެއް.”

” އެކަމަކު ކީއްވެ.؟ !” އަހުސަން އަށް ތެޅިގަނެވުނެވެ.

“މިބާވަތުގެ ކަންތައް ހިނގާނީ ދެގޮތަކަށް. އެއްގޮތަކީ އޭތި އޭނަޔާއި ހިތާވުން. އަނެއް ގޮތަކީ އޭނަގެ ފަރާތުން އޭއްޗަށް ގޯނާއެއްވެގެން ބަދަލު ހިފަން އުޅުން.”

” ސުބްޙާނަﷲ . ކިހިނެތްތަ ދެން ހަދާނީ. މަގޭ އެކުވެރިޔާ ސަލާމަތް ވާނެތަ؟”

” މަޑު ކުރޭ “. އިރުކޮޅަކުން އަހުސަން އަތަށް ދިއްކޮއްލީ ތަވީދެކެވެ.

“އަން މިގެން ގޮސް އޭނަގެ ހަށިގަނޑުގެ ކޮއްމެވެސް ތަނެއްގަ އައްސާ. ތީތިއޮތްހާ ހިނދަކު އޭއްޗަށް ކައިރިއެއް ނުވެވޭނެ. ތީތި ހަށިގަޑާ ވަކި ނުކުރަން ބުނާތި .”

އަހުސަން ކާރަށް އަރައި މިސްރާބު ޖެހީ އިމްރާން ގެ ގެއާދިމާލަށެވެ. މުދިންބެ ގެ ހުންނަނީ ޖަންގަލި ސަރަޙައްދުގައި ކަމުން މީހުން އުޅޭހިސާބުވެސް ތަންކޮޅެއް ދުރެވެ. ކުއްލިއަކަށް އަހުސަން ގެ ކާރު ހުއްޓުނެވެ. އަދި ސްޓާޓް ކުރަން އުޅެ އުޅެ ނުކުރެވުމުން އަހުސަން ކާރުން ފޭބިއެވެ. ވީކީއްތޯ ބަލަން ކާރުގެ ބޮނެޓު ހުޅުވާލުމުން މުޅި ސަރަހައްދު އެއްކޮށް ބޯ ދުން ގަނޑެއް ވަށައިލިއެވެ. ތަނެއް ދޮރެއް ވަކިވާވަރު ވީ އިރުކޮޅަކުންނެވެ. އޭރު އަހުސަން،ގެ ކުރި މަތީގައި ބިރުވެރި ގޮތަކަށް ދެލޯ އަނގުރު ގަނޑެންހެން ހީވާ އަންހެން ކުއްޖަކު ހުއްޓާ ފެނުނެވެ. އަދި ހަރުކަށި ގޮތަކަށް ބަރު ބަރު އަޑަކުން އެތަވީދު އެއްލާލަން ބުންޏެވެ. ނަމަވެސް އަހުސަން ބަލާކަށް ނުހުރެ ދެފަޔަށް ބާރުލާފައި ދުއްވައިގެންފިއެވެ. އިސާހިތަކު މާހައުލު ބަދަލުވެ. ވައި ބާރުވެ ގަސްތައް ވެސް ހީވަނީ ބިނދިބިނދި ގެން ބޮލަށް ވެއްޓިދާނެ ހެންނެވެ. އަހުސަން ގެ ކުރިމައްޗަށް ކުއްލިއަކަށް އޭތި ޖެހުނެވެ. އެވަގުތު ޖީބުން އެއްކަލަ ތަވީދު ނަގައި އޭއްޗާދިމާލަށް ދިއްކޮއްލުމުން ކުއްލިއަކަށް އޭތި ގެއްލުނެވެ. ދުވަމުން ދުވަމުން ގޮސް އިމްރާންގެ ދޮރުގަ ޓަކި ދެވުނުކަން އަހުސަން ދެނެހުއްޓެވެ. އައިންތު ދޮރު ހުޅުވާފައި ހަޅޭ ލަވައިގަތް އަޑަށް އިމްރާންގެ މަންމަ އާއި ޝާޢިރާ ދުވެފާ ނިކުތެވެ. “އަސްތާ ! އަހުސަން. ކިހިނެތްތަ މީނަޔަށް މިވީ” އަމީނާ ހާސްވެ ކަން ބޮޑުވެގެން ހަދާނެ ގޮތް ހުސްވިއެވެ.

” ޝާޢިރާ، އަވަހަށް އިމްރާންއަށް ގުޅާބަލަ.”

އިމްރާނަށް ގެއަށް އާދެވުނު އިރު އަހުސަން ހޭ އަރައިފިއެވެ. އެންމެން އެއްމެންނަށް ސުވާލުތައް ކުރިމަތި ކުރުވިއެވެ. ނަމަވެސް އަހުސަން ވީކީއްކަން ނޭނގޭ ކަމަށް ބުނެ ހަގީގަތް ސިއްރު ކުރިއެވެ. އަދި އޭނަ ނުކައި ހުރެ ވަރު ދެރަވީ ކަމަށް ހީކޮށް އިމްރާން ގެ މަންމަ އޭނައަށް ޖޫސްދީ ވެސް ހެދިއެވެ.

“އިއްމަ އަހަރެން ވާހަކައެއް ބުނެފިއްޔާ ގަބޫލު ކުރާނަންތަ” އިމްރާން އާއެކު އެކަނިވެލުމުން އަހުސަން އަހާލިއެވެ.

” ކޮންކަމެއްތަ؟ ތިޔަ ދިމާވެގެން އުޅޭ ކަންތަކަކީ ޖިންނި ފަރާތު ކަމެކޭ ބުނެފިއްޔާ”

” އޭނ ! ނުވާނެ”

އަހުސަން އިއްމައަށް ހުރިހާވާހަކައެއް ކިޔައި ދިނެވެ. ނަމަވެސް ފަންޑިތަ ގަބޫލު ނުކުރާ ކަމަށް އިމްރާން ބުއްޏެވެ.

“ތީ އަހުސަން އަށް ހީވިގޮތެއްކަމަށް ވާނީ . މިއޮތް ޒަމާނުގަ އުޅޭނެތަ ތިޔަކަހަލަ އެއްޗެހި ”

އިމްރާންގެ ބަސްތައް ހުރީ މިކަހަލަ ގޮތަކަށެވެ. ނަމަވެސް އަހުސަން އާދޭހުގެ ރާގަކަށް ތަވީދު އަޅާށޭ ބުނުމުން އެކުވެރިޔާ ކުރިމަތީ އެއަޅަން އެއްބަސް ވިއެވެ. އެހެނީ އަހުސަން އަކީ އަބަދުވެސް އޭނަޔަށް ހެޔޮއެދޭ ފުރާނަފަދަލޯބިވާ ރަޙުމަތް ތެރިއަކަށް ވީތީ އޭނަ އެ ތަވީދު އެޅުވިއެވެ.

 

އެތައް ދުވަހެއްފަހުން އިމްރާން ޝާއިރާ އާއި ރަނގަޅަށް ވާހަކަ ދައްކާ ހީސަމާސާ ކޮށް ހަދަން ފެށިއެވެ. އިމްރާން އަށް މިއައި ކުއްލި ބަދަލާހުރެ ޝާއިރާ ހުރީ ވަރަށް އުފަލުން ނެވެ. އެކަމާ އޭނަގެ މަންމަ ވެސް ވަރަށް އުފާކުރިއެވެ.

“ހެޔޮތަ އަހަރެން ރައްޓެހި ކުދިންނާއެކު ދަތުރު ދިއަޔަސް” ހުސް އަންހެން ކުދިން ދާތަނަކަށް ވީމަ އިމްރާން ގެންދާކަށް ޝާއިރާ އެއް ނޫޅުނެވެ.

” އޯކޭ، ނިމިގެން ގުޅާތި ބަލާއަންނާނަން”

” ހޫމް ..”

ޝާއިރާމެން މޫދައް އެރި މަޖާކޮށް ހެދިއެވެ. އަދި ގެއަށް ދާންވެގެން ޗޭންޖު ކުރަން ގޮސް ތަންކޮޅެއް ދުރުގައި ހުރި ޓެންޓަކަށް ވަނެވެ. އަދި ހެދުން ބަދަލު ނުކުރެވިގެން އުޅެނިކޮށް މީހަކު ބުރަކަށީ ގައި ފިރުމާލިހެން އޭނަޔަށް ހީވިއެވެ. ނަމަވެސް ދެންވީގޮތެއް ޝާއިރާއަކަށް ނޭނގުނެވެ. އިރު ކޮޅަކުން އެންމެން ގެއަށް ދާން ހިނގައިގަތުމުން ޝާއިރާ ބަލާ އިމްރާނު އަންނާނެކަމަށް ބުނެ ރައްޓެހި ކުދިން ފޮނުވާލިއެވެ.

“ދަރިފުޅާ ޝާއިރާ ބަލާ އަންނާށޯ”

މަންމަ މިހެން ބުނީ އިމްރާން ފެން ވަރައިގެން ނިކުމެ، ނިކުމެ ހުއްޓައެވެ. އަވަސް އަވަސް ކޮއްލައިގެން ނިކުތީ އެއްކަލަ ތަވީދު ނާޅައެވެ ހަނދާންވީ ކާރު ދުއްވާލި ފަހުންނެވެ. ނަމަވެސް ގެއަށްއައިސް އަޅާނީއޭހިތާ ދިޔައީ އެވެ. އިމްރާން އަށް އެހިސާބަށް ދެވުނު އިރު ޝާއިރާ ހުރީ ލަސްވެފައެވެ. ޝާއިރާ ގޮވައިގެން ގެއާ ދިމާލަށް މިސްރާބުޖެހީ ހިތްހަމަ ޖެހުމާ އެކުއެވެ. ކާރު ދުއްވަމުން ދިޔައިރު އިމްރާން އިރު އިރުކޮޅާ ޝާއިރާ އަށް ބާލާލަ އެވެ. މޫނުމަތިން ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމުގެ އަސަރެވެ.

” ކީއްވެ. ތިވަރަށް ތިބަލަނީ..”

” ހަމަ ބެލެނީ.”

މިއަދު ޝާއިރާ ހީވަނީ ވަކިން ރީތިހެން.”

” ހީވާނެ ދެން މިހާރު…. ހަހަހަ…” ޝާއިރާ ހީ ލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. ގެއަށް ދިއުމުގެ ބަދަލުގައި އިމްރާން ޝާއިރާ ގޮވައިގެން އެތައް އެތައް ރީތި މަންޒިލް ތަކަށް ދިޔައެވެ. ދުވަހަކު ގާތް ނުވާވަރަށް ދެކުދިންނަށް ކައިރި ވެވިއްޖެއެވެ. ލޯބީގެ ވައުދު ތަކާ އަހުދުތައް ކުރެވުނެވެ. “ދަރިފުޅާ ހާދަލަހަކުން ތިއައީ. މަންމަ މިހުރީ ލަސްވެގެން ހަދާނެގޮތް ހުސްވެފަ. ދަރިފުޅުމެން ފޯނަކަށްވެސް ނުގުޅުނު އުޅެ އުޅެ.”

” މަންމާ އަހަރެމެން ކުޑަކޮށް ދުއްވާ ލަން ދިޔައީ އޭ… ދޯ ޝާއިރާ ”

އެއިގެ ދެތިން ދުވަސް ފަހެވެ. އެއްކަލަ ތަވީދު މަތިން ހަނދާން ވެގެން ހޯދަ ހޯދާ ހުއްޓަ އަހުސަން އައިސް ވަންތަން ފެނުނެވެ.

“ކޮންކަމަކާ މާބުރަކޮށް އޭ !”

” އަހޫ އެއްކަލަ ތަވީދު ގެއްލިގެން މިހޯދަނީ.”

” އޭނ !”

” އާނ،، ކުރީ ދުވަހު ފެންވަރަން ނަގާފަ ފަހުން އަޅަން ހަނދާން ނެތުނީ..”

” އަސްތާ !”

“އެ ނެތަސް އޯކޭ ވާނެ މިހާރު އެކަންތައް ހިނގައްޖެޔޭ އިމްރާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “އެހެންތަ.”

” ހޫމް، މިހާރަކު ނުފެނޭ. އަޑެއްވެސް ނީވޭ.”

“ތިޔަހެން ވެއްޖެއްޔާ ރަނގަޅު. ކޮބާ ޝާއިރާ. މިހާރު ހާދަ ބުރުޖަހާ ތަން ފެނެޔޭ ދެމީހުން.”

“އާން އަހުސަން. ޝާއިރާ ކަހަލަ ރީތި ރަނގަޅު ކުއްޖަކު މިޒަމާނުގަ ނުލިބޭނެ.

” އެއްބަސް ވަން ދޯ…” ފަހަތުން ޝާއިރާގެ އަޑު އިވުނެވެ.

” ދެން ކޮން ދުވަހަކު ސައި ލިބޭ ވަރު ވާނީ؟’ އަހުސަން ސަމާސާރާގަކަށް އަހައިލިއެވެ. އަދި ދުވަސް ކޮޅެއްފަހުން ދޯ އިއްމަ.” ޝާއިރާ ޖަވާބު ދިނެވެ. އަހުސަން އަށް ފާހަގަ ކުރެވުނު ކަމަކީ ޝާއިރާގެ ކުރިން އެހުންނަ ލަދުރަކިކަން މިއަދު ނެތްކަމެވެ. ނަމަވެސް އެއީ އެދެމީހުން މެދުގައި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށްހިތާ ހިތްހަމަ ޖައްސައި ލެވުނެވެ .

ރޭ ގަނޑު ދަންވަރުގެ ވަގުތެވެ. އައިންތުއަށް ހޭލެވުނީ ވަރަށް ބޮޑަށް އަނގަ ހިތްކައިގެންނެވެ. ސިޑިން ފައިބަން ދިޔަ އިރު ބެލްކަނީގައި މީހަކު އުޅޭހެން ހީވެގެން އެދިމާލަށް ހިގައިގެންފިއެވެ. ނަމަވެސް ހޯދަ ހޯދާ އެކަކުވެސް ނުފެނުމުން ތިރިއަށް ގޮސް ބަދިގެއަށް ވަދެ ބޮކި ދިއްލައިލި އިރު ގޮނޑިއެއްގައި ހަމަޖެހިލައިގެން ޝާއިރާ އިންތަން ފެނިފަ އައިންތު ހައިރާން ވިއެވެ. އަދި ބޮކި ނުދިއްލާ ކުރަނީ ކީއްހޭ ވެސްއަހާ ލެވުނެވެ. ބޮކި ދިއްލަން ހަނދާން ނެތުނީ ކަމައް ބުނެ ހަމމަޖައްސައިލިއެވެ އައިންތު ފެން ބޮއެގެން ނިކުމެގެން ދިޔައިރުވެސް ޝާއިރާ އިންތާއިނެވެ. އައިންތު އެނދުގައި އޮޝޯވެ ވަރަށް ވިސްނިއެވެ. އެއޮތް އަނދިރިތަން ޝާއިރާ އަށް އަނދިރިވެސް ނޫނީބާ އެވެ. މިކަހަލަ ޚިޔާލެއްގައި އޮއްވާ އައިންތުއަށް ނިދިއްޖެއެވެ. އަނެއްދުވަހު ހެނދުނު ސައި މޭޒު ދޮށުގައި ތިބެގެން ޝާއިރާ ހީހީފައި އައިންތު ރޭގަ ސިއްސައިގެން ދިޔަވާހަކަ ކިޔައި ދިނެވެ. އަދި ބަދިގެއަށް ވަނީ ދެމީހުން އެއްކޮށްކަމާއި އައިންތު ބޮކި ދިއްލަން ދިއުމުން މޭޒު ކައިރީ އިށީން ވާހަކަ ބުއްޏެވެ. އެ ވާހަކަ އައިންތު އަށް ގަބޫލުވެސް ކުރެވުނެވެ .

ހުސް ވަގުތެއް ވާއިރަށް އިމްރާން އާއި ޝާއިރާ އުފާކޮއްލަން ރަށުގެ ކޮންމެވެސް ފަޅުހިސާބަކަށް ކޮންމެ ދުވަހަކުވެސް ދެއެވެ. އިމްރާން ވަނީ ދުވަހަކު މީހަކާހެދި ދީވާނާ ނުވާ ވަރަށް ޝާއިރާ އާ ހެދި ދީވާނާވެފައެވެ. ދިމާވާ ހައިރާން ކުރުވަނިވި ހާދިސާ ތައްވެސް އޭނާއަށް ނުފެންނަ ކަހަލަ އެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެންމެން ވެސް ވަނީ ގަދަ ނިދީގައެވެ. ކުއްލިއަކަށް އަމީނާ އަށް ހޭލެވުނީ ފެނުނު ބިރުވެރި ހުވަފެނަކުންނެވެ. ގޭ ގެ ސިޓިން ރޫމުގައި ބިރުވެރި ސިފައަކަށް ހުރި ކަޅު އެއްޗެއް އޭނައަށް ދެލޯ އަޅައިގެން ހުއްޓައެވެ. ކީއްވެބާ ! ހިތާ ހިތާ ސުވާލު ކުރެވުނެވެ. ކޮއްމެވެސް ނުބައެއް އެބަ އުޅޭ ކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އެހެން ވިސްނަން އޮއްވަ އިރު އަރައްޖެއެވެ. ބަދިގެ ތެރޭ ގައި އައިންތު އާ ދެމީހުން މަސައްކަތް ކުރަމުން ދިޔައިރު އަމީނާ ގެ ހަމަ ހިމޭންކަން ފެނިފައި އައިންތު ސުވާލު ކުރިއެވެ.

“ދައްތަ މިއަދު ބަލީތަ؟

” ނޫނޭ އަވަހަށް މަސައްކަތް ނިންމާލާފައި ހިގާބަލަ މަށާއެކު ތަނަކަށް ދާން.” އަމީނާ ވަރަށް ސީރިއަސް ވެފައި މިހެން ބުނުމުން އައިންތު އިތުރަކަށް ސުވާލެއް ނުކުރިއެވެ. ކާރު މިސްރާބު ޖެހީ މުދިންބެ ގެ ގެއާ ދިމާލަށެވެ. އަނީސާ ފެނުމާ އެކު މުދިންބެގެ ހިތުގައި ޖެހުނެވެ. މިއަންނަނީ ސަހަލު ކަމަކާ ނޫންތާއެވެ.

“މުދިންބޭ އަހަރުން ގެއަށް ކުޑަކޮށް ކިޔަވާލަން އައިސްދީބަލަ.”

” ދަރިފުޅާ ކޮން ކަމެއް ލައިގަތީ ތަ އަނެއްކާ؟” މުދިންބެ އަހައިލިއެވެ.

“ކަމެއްލައި ގަތީއެއްނޫން. ލައިގަންނަން އުޅޭހެން ހީވާތީ.”

” އެންމެ ރަނގަޅު. އިރު އޮއްސެންވާއިރަށް ބަލާފޮނުވާ.”

އެމީހުން ގެއަށް ވަން އިރު ޝާއިރާ ހީވަނީ ރުޅިއައިސްގެން އެހެން ކަމެން ހެންނެވެ. ސައި ނެހެދިގެން އައިންތު އަށް ވަރުބާލަނީއެވެ.

” ދަރިފުޅާ ޝާއިރާ އޭނަ ދިޔައީ މަންމަ ބުނެގެން މަންމަ އާއެކުގައޭ.”

” ކޮން ތަނަކަށް.”

” އެއީ މަންމަ ރައްޓެއްސެއް ކައިރިއަށް.” އަނީސާ އެވާހަކަ އެދެމީހުންކައިރީ ނުބުނީ ހަމަ ގަސްދުގައެވެ. އެހެނީ އިމްރާން އަކީ ފަންޑިތަ ގަބޫލު ކުރާމީހެއްނޫން ކަން އޭނައަށް އެނގޭތީ އެވެ.

މިއަދުވެސް އާދައިގެ މަތިން އިރުއޮއްސެން ކައިރިވީމަ އިމްރާން އާއި ޝާއިރާ ދިޔައީ ބުރުޖަހާށެވެ. އިރުއޮއްސެން ވާއިރަށް އަނީސާމެން ގޮސް މުދިންބެ ގެނެސްފި އެވެ. އެގެއަށް ވަދެ ވަދެ ހުރެފަ މުދިންބެ މަޑުޖެހިލިއެވެ. އަދި ހަލުއިކޮށް ތުންތަޅުވަން ފެށިއެވެ. އިރުކޮޅަކުން ތުން ތަޅުވަމުން މުދިންބެ އެތެރެއަށް ވަނެވެ. އަދި ކިޔަވަމުން އެތަން މިތަން ހޯދާބެލިއެވެ. އަނީސާ ހައިރާންވެގެން މުދިންބެ އެއްޗެކޭ ބުނާނެ ވަގުތަކަށް އިންތިޒާރު ކޮއްގެން ހުއްޓެވެ. އިރުކޮޅަކުން މުދިންބެ ދެލޯބޮޑުވެ ހާސްވެފައި ހުރެގެން އައިސް ސިޓިންރޫމް ގޮނޑިއެއް ގައި އިށީދެއްޖެއެވެ.

” ކިހިނެތްވީ؟!” އަނީސާ އަވަސްއަވަހަށް ސުވާލު ކުރިއެވެ.

” މިގޭގަ އިތުރު ބަޔަކު އުޅޭތަ !؟”

” އާނ.. އަހަރުން ދަރިފުޅު އިމްރާން އާއި އޭނަ އިންނަން އުޅޭ ކުއްޖާ އާ ދެން އުޅެނީ. އެމީހުން ވެއްޖެ ބޭރަށް ގޮސް.” އަނީސާ ކިޔައިދިނެވެ. މުދިންބެ އިސްޖައިގެން އިރުކޮޅަކު އިދެފައި ތެދުވެ. ވަށައިގެން ހޯދައިލިއެވެ. އަދި އެގޭގަ ޖިންނި ކަމެއް އެބައުޅޭ ކަމަށް ބުއްޏެވެ. ކުއްލިއަކަށް އައިންތު ބިރުން އަނީސާގެ އަތުގައި ހިފާލިއެވެ. އަނީސާވެސް ބިރުން ހުރެ އިތުރަށް ސުވާލު ކުރިއެވެ. އަދި އޭނަގެ ފިރިހެން ދަރިފުޅާއެކު އެއުޅެނީ އިންސާނެއްނޫން ކަމަށް ބުންޏެވެ. މުދިންބެ މިހެން ބުނުމާއެކު އަނީސާ ރޮއި ހޭރިގަތެވެ .

“މަގޭ ދަރިފުޅެއްވާ ނެތް އެހެން ވެއްޖެއްޔާ. ޝާއިރާ ކޮބާ ! ؟ “……

 

އަނީސާ އިތުރައް ހާސްވިއެވެ. ހިތާމައިގެ ކޮޅެއް ވެސްނެތެވެ. އޭނަގެ ދަރިފުޅު އެވަނީ ޖިއްނި އަވަލާފައެވެ.

“މުދިންބެ ދެން ކިހިނެތް ހަދާނީ. އޭތި އޭނަޔާ ވަކިކުރެވޭތޯ މަސައްކަތް ކޮއްދީބަލަ.”

މުދިންބެ އިސްޖަހައިގެން ހުރެ ކިޔެވެލި ތަކެއް ކިޔަވަން ފެށިއެވެ. އަދި އިރުކޮޅަކުން އެމީހުން ގެއަށް އަންނާނެކަމަށް ބުއްޏެވެ. އައިންތު ބިރުން ތެޅިގަތެވެ.

“އަހަރެން ހުއްޓައި އޭތި ނުވަންނާނެ.”

“އެކަމަކު އިމްރާންއަށް ވިސްނަދޭން ކިހިނެތްހަދާނީ. އޭނަ ފަނޑިތަ ގަބޫލެއްނުކުރާނެ.”

” ތިކަން އަޅުގަނޑަށް ދޫކޮއްލާ.”

ކުއްލިއަކަށް އަހުސަން އައިސް ވަނެވެ.

“އަހުސަން ދަރިފުޅާ ކޮބާ އިމްރާން. އަހަރެން ގުޅާގުޅާ ފޯނުވެސް ނުނެގި. ދެން ކިހިނެތްތަ ހަދާނީ. މަގޭ ދަރިފުޅެއްވާނެތް.”

އަނީސާ ކަންބޮޑުވެގެން ރޮވޭ ގޮތްވިއެވެ.

” ދައްތާ ހަމަޖެހޭ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.”

މުދިންބެ އިސްޖަހައިގެން އިނދެ ކިޔެވެލިތައް ކިޔަވަމުން ދެއެވެ. އިސާހިތަކު ޖައްވުގެ ކުލަބަދަލުވެ ވައިބާރު ވެއްޖެއެވެ. ދޮރުތައް ބާރުބާރަށް ތެޅެން ފެށިއެވެ. އައިންތު ބިރުން އަނީސާގެ އަތުގައި ހިފާ ބާރު ކޮއްގެން އިނެވެ. ރޭވެ އަނދިރިވެ ޖައްވު ނާމާން ވެއުޑުމަތި ބަނަ ވެއްޖެއެވެ. ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ހިނގައްޖެއެވެ. އައިންތު ބިރުން ރޮއި ހޭރިގެންފިއެވެ.

“އަހުސަން ވީގޮތެއް ބަލައިލަބަލަ .. ކޮބާތަ ފޯނު ދިއްލަބަލަ.”

އަނީސާ އަވަސް އަވަހަށް މިހެން ބުނުމުން އަހުސަން ފޯނުމަތިން ހަނދާންވެ ފޯނު ދިއްލައިލި އެވެ.

” މުދިންބެ ! ”

މުދިންބެ އެއްނެތެވެ.

” އޭނ ! މުދިންބެނެތޭ.”

އަނީސާ އިތުރަށް ކަންބޮޑުވިއެވެ. އިރުކޮޅަކުން ހުރިހާ ބޮކިތަކެއް ދިއްލުނެވެ. އޭރު އިމްރާން އާއި ޝާއިރާ އައިސް ގެއަށް ވަންނަނީ އެވެ.

“އިއްމަ ހާދަ ވަރަކަށް ގުޅައިފީމޭ، ކޮބާ ފޯނު.”

އަހުސަން ހަމަ ޖެހޭ ގޮތް ދައްކަމުން އިމްރާންއާއި ވާހަކަ ދެއްކިއެވެ. ޝާއިރާ ގެއަށް ވަންގޮތަށް ދިޔައީ ކޮޓަރިއާ ދިމާލަށެވެ. އިމްރާން ސިޓިންރޫމްގަ މަޑުކޮއްލީއެވެ. އެއިން އެކަކުވެސް ހިގައިދިޔަ ހާދިސާގެ ވާހަކައެއް އިމްރާން ކައިރިއަކު ނުބުނެއެވެ. ފޯނަށް ގުޅިކަން އިއްމައަށް ނޭގޭ ކަމަށް ބުނެ އިއްމަ އަހުސަންއާ ވާހަކަ ދެއްކިއެވެ. އަދިއޭނަ އާއި އެކު ކޮޓަރިއާ ދިމާލަށް ދެމީހުން ހިނގައި ގަތެވެ. އެވާހަކަ ދައްކަން މީ އެއްމެ ރަނގަޅު ވަގުތު ނޫންކަމުން އިރުކޮޅަކު ދެމީހުން ވާހަކަ ދައްކަން ތިބެފަ އަހުސަން ގެއަށް ދިޔައީ އަނެއްދުވަހު ދިމާ ކުރަން ބުނެފައެވެ. ވަރައްމުހިއްމު ކައެއް އެބައޮތޭ ގުޅާނަމޭ ބުނަމުން އަހުސަން ކާރަށް އަރައި ދުއްވާލީ ގެއަށް ދިއުމަށެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ކުއްލިއަކަށް މަގުގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖަކު ލިފްޓަކަށް އެދި ހަނާއަޅަނީ އެވެ. އަހުސަން ކާރު މަޑު ކޮއްލުމާ އެކު އަންހެން ކުއްޖާ ކާރުގެ ފަހަތަށް އެރިއެވެ.

“ދާންބޭނުމީ ކޮންތަނަކަށް؟” އަހުސަން ސުވާލު ކޮއްލިއެވެ.

” މީ މީ އަނީސާ މަންޒިލަށް ގެންގޮސްދީބަލަ.”

މިއަޑާއެކު އަހުސަންއަށް ބުރަކި ޖައްސާލެވުނެވެ. އަދި ކާރުގެ އެތެރޭ ބޮކި ދިއްލާލާފަ އެނބުރި ބަލައިލިއެވެ.

“ޝާ.. ޝާއިރާ !”

” އަހުސަން !” ދެމީހުނަށްވެސް ލިބުނީ ހައިރާން ކަމެވެ. ނަމަވެސް އަހުސަން ފުރަތަމަ ބެލީ އެއީ ޝާއިރާތޯ ޔަޤީން ކުރުމަށެވެ. އެގޮތުން މުދިންބެ ހަށިރައްކަލަށް އަހުސަން އަށް ދީފައިވާ ތަވީދުނަގާ ޝާއިރާއާއި ދިމާލަށް ދިއްކޮއްލިއެވެ. އަދި ޝާއިރާ ހިނިތުން ވެލުމުން އެއީ ޝާއިރާކަން އަހުސަން އަށް ޔަގީންވިއެވެ.

“ހިނގާ އިހަށް އެގެއަށް ނުގޮސް އަހަރެން ގެއަށް ދާން ވަރަށް ބޮޑު ވާހަކައެއް ހިއްސާކުރަން ވެފައި އެބައޮތް.”

” އޯކޭ.”

” ކޮންތާކު މިއޮތް ހުރިހާދުވަހު ޝާއިރާ އުޅުނީ.”

” އަހަރެންނަކަށް ނޭނގެ ވީގޮތެއް ދަތުރު ދިޔަ ދުވަހު ޗޭންޖުކުރަން ޓެންޓުގަ ހުރި ހަނދާންވޭ ދެން ހޭ ލެވުނު އިރު އޮވެވުނީ ނުވެސް ދަންނަ ވަރަށް ދުރުގަހުރި ގެއެއްގައި އެއީ ވަރަށް ފަގީރު ބައެއް އެމީހުން ބުނީ އެދިމާ އަތިރިމަތީގަ ޚަބަރު ހުސްވެފަ އޮއްވައޭ ފެނިގެން އެގެއަށް ގެނައީ އަޅެ އިއްމަ އަހަރެން ނަށް ވީ ގޮތް ބަލަން އަހަރެން ހޯދަންވެސް ނޫޅުނީ ކީއްވެ؟”

ޝާއިރާ އަހުސަން އާއި ސުވާލުކުރިއެވެ.

“ތިވާހަކަ ކިޔައިދޭން މިއުޅެނީ ބިރު ނުގަންނާތި. ހިތްވަރުކުރާތި.”

” އަނެއްކާ ކިހިނެތްތަވީ؟ މަގޭ އިމްރާން އަށް ކަމެއްވީތަ؟” އަހުސަން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ޝާއިރާއަށް ވަނީ ރޮވިފައެވެ.

“ޝާއިރާ ނުރޮއެ ހިތްވަރު ކުރޭ ހުރިހާ ކަމެއްވެސް ރަންގަޅުވާނެ، އިހަށް މިރޭ މިގޭގަ މަޑުކުރޭ. މިރޭ އެގެއަށް ދިއުން ރައްކާތެރި އެއް ނުވާނެ.

އަނެއްދުވަހު ހެނދުނު ޝާއިރާގޮވައިގެން އެގެއަށް ދާން އަހުސަން ނިކުތެވެ. މަގުމަތީގައި މީހުން ފުނިޖެހިގެން އެތަން މިތާތިބުމުން ކަމެއް ގޯސް ވެއްޖެކަން އެނގިއްޖެއެވެ.

” ހިގާ އަހާލަން މީހެއްކައިރިން”

މުދިންބެ މަރުވެފައި އޮއްވައި ފެނުނު ވާހަކަ މީހުން ބުނުމުން އަހުސަން އަށް އިސްޖަހައިލެވުނެވެ. އަދި ރޭގެ ހާދިސާގެ ކަމެއްކަން އެނގުނެވެ. ޝާއިރާ އާއި އަހުސަން އަނީސާމަންޒިލަށް ވަންތަން ފެނިފައި އަނީސާއާއި އައިންތު ހައިރާވެ ބަސް ހުއްޓިފައި ތިއްބެވެ. އެތައް ސުވާލުމާކެއް އެދެމީހުންގެ މޫނުމަތިން ފެނިގެން ދިޔައެވެ. އެހެނީ ޝާއިރާ ހެނދުނު އެގެއިން ނިކުމެގެން ދިޔައީ އެއްވެސް މީހަކާ އަނގައިން ބުނުމަކާ ނުލާ އެކަންޏެވެ.

“މަންމާ”. ޝާއިރާ ފެންކަޅިވެފައި ހުރެ އަނީސާއަށް ގޮވިއެވެ . އަނީސާއަނގައިން ބުނަން ހަދާންނެތިފައި ހުރީ އެއީ ޝާއިރާތޯ ނޫން ތޯ ހިތަށް އަރައެވެ. އަހުސަން ކަންވީގޮތް އަނީސާއަށް ކިޔައި ދިނުމުން އަނީސާ ޝާއިރާ ގަޔާކައިރި ކޮއްލިއެވެ. މަގޭ ދަރިފުޅުވާ ދިރިހުއްޓާ ފެނިއްޖެތާ އެބުނެ ރޯންފެށިއެވެ. ރޭގަ މުދިންބެ ވެސް މަރާލާފައި އޮއްވައޭ ފެނުނީ .

” ދައްތާ އަހަރެން އުތުރު ކޮޅުގަ އުޅޭ ފަންޑިތަ ހަދަން ވަރައްމޮޅުމީހަކާ ވާހަކަ ދައްކާފަ މިއައީ….”

އިމްރާން އަށް ކުއްލިއަކަށް ހޭލެވުނީ ހަށިގަނޑަށް ކުއްލި ލޮޅުމެއް އައިސްގެންނެވެ. އެވަގުތު އަނީސާ އިމްރާން ސައިބޯން ނައިސްގެން ގޮވާތާ ކިތައްމެ އިރެކެވެ. އިރުކޮޅަކުން ކޮޓަރިން ނިކުތްއިރު އިމްރާން ހުރީ ތަނަކަށް ދާން ލަސްވެފައި ކަހަލައެވެ. އަދި ސައި ނުބޯނެ ކަމަށް ބުނެ ޝާއިރާމެންނާދިމާލަށް ދެލޯ އަޅާފައި ނިކުމެގެން ހިނގައްޖެއެވެ. ޝާއިރާ ގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނަގެ ލޯބިވާ އިމްރާން ރޫހާނީ ބާރެއްގެ ޝިކާރައަކަށް ވީއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

“ދަރިފުޅާހިތްވަރުކުރޭ ދެން ނުރޮއެ ހުއްޓާލަބަލަ އައިންތު އާ އަނީސާ ޝާއިރާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. އަހުސަން އިރު އޮއްސެން ކައިރި ވީމާ އިބުރާހިމްބެ ބަލާއެގެއަށް ދިޔައެވެ. އިބުރާހިމްބެ ހުރީ ވަރަށް ތައްޔާރު ވެގެންނެވެ. ހުރިހާ ލިޔެކިއުންތައް ބަލައި އަމިއްލައަށް ފިޔަވަޅު އަޅައިގެންނެވެ. އަނީސާ މަންޒިލްގެ ގޯތިތެރޭ ގައި އަލިފާން ރޯކޮށް އިރު އޮއްސުމާއެކު ކިޔެވެލިތައް ކިޔަވަން ފަށައިފިއެވެ. އަދިވެސް އިމްރާން ގެއަކަށް ނާދެއެވެ. އިބުރާހިމްބެ ބުނިގޮތުގައި އެ މަޚުލޫގު މިހާރު ވަނީ އިމްރާން ގެ ހަށިގަނޑަށް ވެރިވެގެންނެވެ. އިރުކޮޅަކުން އެންމެން ސިއްސައިގެން ދިޔައީ އައި ނައި ދިމާލެއްނޭނގި އިމްރާން ކައިރީގަ ހުއްޓައެވެ. ދެލޯ ހީވަނީ އަނގުރުގަނޑެއް ހެންނެވެ. ރުޅިވެރިކަމާ ނަފުރަތު އެމޫނުން ފާޅުވާން ހުއްޓެވެ. އިބުރާހިމްބެ ކިޔަވަމުންގޮސް ފެން ފޮދެއް ބުރުވާލުމުން އިއްމަ ބިއްމައްޗަށް ދެމުނެވެ . އެވަގުތު އަނީސާއަށް ކެތް ނުވެގެން މަގޭ ދަރިފުޅޭ ކިޔާ އިއްމަ އާއި ދިމާލަށް ގުދުވެވުނެވެ. ނަމަވެސް އިބުރާހިމްބޭ އަތުގެ އިޝަރާތުން އަތް ނުލުމަށް އެދުނެވެ. އަދި އިމްރާންގެ ހަށިގަނޑުގެތެރޭގައިވާ ޖިއްނިއާސުވާލުކުރަން ފެށިއެވެ.

” ފުރަތަމަ އަހަރެން ބޭނުންވީ އިމްރާން މަރާލަން.”

” އެއީ ކީއްވެ؟” އިބުރާހިމްބެ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

“އެއީ އޭނަ އަހަރެންގެ ބައްޕަ ބަޑި ޖަހާ މަރާލީތީ. ނަމަވެސް މިހާރު އަހަރެން އޭނަދެކެ ލޯބިވަން. އެހެންވެ އޭނަޔާއެކު މިއުޅެނީ. އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކު އަހަރެން މަރާލާނަން. މުދިންބެވެސް މަރާލިން.”

އޭރު އެ މަޚުލޫގު ވަނީ އިބުރާހިމްބެގެ ބާރުގެ ދަށުގައި ކަމުން އެއެއްޗަށް ޖެހުނީ ކިޔަމަންވެގެން އޮންނާށެވެ. އިރުކޮޅަކުން ބާރަށް ވައިރޯޅި ވާން ފެށިއެވެ. ވަށައިގެން ކަޅުހެދުމުގައި ތިބި ބޮޑު ލަޝްކަރަކުން މުޅިތަން ފުރާލައިފިއެވެ. އޭތީގެ އަހުލު ބައިތުން އައީއެވެ. މޫނުގެ ސިފަ ވަކިކުރާކަށް ނޭނގެއެވެ. ބިއްމަތީގައި ފައެއްނުޖެހެއެވެ. އެތާތިބި ތިން އަންހެނުން ބިރުން ވިރިވިރި ތިއްބެވެ. މުދިންބެ ކައިރީގައި ތިބި ކުދިންތައް ކިޔެވެލި ބާރުކޮށް މުޅިތަން އެއްއަޑަކަށް ޤުރުއާން ގެ އަޑުން ގުގުމާލައި ފިއެވެ. ބޯދުންގަނޑެއްވެރިވެ ކައިރީގައިވާ މީހާވެސް ނުފެންނަ ވަރުވެއްޖެއެވެ. އިމްރާނުގެ ގަޔަށް އެރި ބާރަކާއެކު އިރުކޮޅަކުން ވައިމަޑުވެ މާހައުލު ހިމޭންވެ ތަންތަން ފެންނަން ފެށިއެވެ. އެވަގުތު އިމްރާން ކުޑަކޮށް ކުކުރާލުމުން އޭނަ އެތެރެއަށް ވައްދަން އިބުރާހިމްބެ އެންގިއެވެ. އަދި މަގު އަމާންވީ ކަމަށް ބުންޏެވެ. ނަމަވެސް ގެއިން ނިކުންނަމުން ދުޢާކިޔަން ކޮންމެ މީހަކަށް ހަނދާން ކޮއްދިނެވެ. އަދި ގޭގެ ދޮރުފަތް ބިސްމި ކިއުމަށްފަހު ލައްޕަން ހަނދާން ކޮއްދިނެވެ. ……

” ޝާއިރާ އަހަންނަށް މާފު ކުރޭ.”

” ކޮންކަމަކަށް. އެއީ އިއްމަގެ އިޚުތިޔާރުގަ ކުރި ކަމެއްނޫނެއްނު. އެހެން ވީމަ އިއްމަގެ ކުށެއްނެތޭ.” “އަސްލުތަ؟” އިއްމަ ވީ އުފަލުން ޝާއިރާ އުރާލިއެވެ.

” ބުނަން މާދަން ޝާއިރާގެ މަންމަ ބަލާ ދާނަން އަދި އަހަރެމެންގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރަން އަހަރެން ބޭނުން.”

” އޯހް،، އިއްމަ . އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެން ކުރި ދިގު އިންތިޒާރުގެ ނިމުން ކިހާފޮނި ؟”

ހިޔާ ލިބިދޭ މިގުލްޝަނުގާ އަބަދު އުމުރަށް

ހިތާމަ ތަކެއް ނުދީވޭތޯ ބަލާނަން ގައިމުވެސްއުމުރަށް

ނިމުނީ

https://www.baiskoafu.com/view/audio/MzQwNg==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.