English Edition
Dhivehi Edition

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާއި ހިލާފްވެއްޖެ ނަމަ، ގަވައިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް، އެމްޑީޕީގެ ޕީޖީން ނެރޭ ވިޕްލައިނާ ޚިލާފުވާނެކަމަށް އެމްޑީޕީގެ 19 މެންބަރަކު ލިސްޓުކޮށްފައިވަނިކޮށެވެ.

ވިޕްލައިނާއި ހަލާފުވާ މެމްބަރުންނާއި މެދު ގަވައިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވަމުން އަސްލަމް ވަނީ ޕާޓީގެ ގަވައިދުގައިވާ ގޮތުން އަޅާނެ ފިޔަވަޅުތައްވެސް ހާމަކޮށްފައެވެ.

މި ގޮތުން އެންމެ ފުރަތަމަ ނަސޭހަތް ދިނުމަށް ފަހު މަޢާފަށް އެދެން ބުނުމާއި، ޕާޓީން މެންބަރުންނަށް ކަނޑައަޅާ ބައެއް އިނާޔަތްތައް ކަނޑާލުމާއި، އެއް އަހަރުވަންދެން ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުމާއި އަދި ޕާޓީން ވަކިކުރުމަކީވެސް އަޅާނެ ފިޔަވަޅެއްކަމުގައި އަސްލަމް ވިދާޅުވިއެވެ. އިތުރަށް އަސްލަމް ވިދާޅުވީ އެމްޑީޕީގެ ކިތަންމެ އިސް ބޭފުޅަކަށް ވިޔަސް އޮންނަ ގޮތާ ޚިލާފުވާނަމަ ފަސްނުޖެހި ފިޔަވަޅު އަޅާނެކަމަށެވެ.

ޕާޓީން ނެރޭ ވިޕްލައިނާ ޚިލާފުވުމަށް ޕާޓީގެ މެންބަރުން ގޮވާލުމަކީ ކުރެވޭނެ އެންމެ ހުތުރު އެއް ކަންތައްކަން ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.