English Edition
Dhivehi Edition

ސްޕޯޓްސް ވިސިޓަރ ޕްރޮގްރާމް/ޔޫތު އެޑަޕްޓިވް ސްޕޯޓްސް 2022 ގެ ދެ އިވެންޓަކުން ރާއްޖެއަށް ރަން މެޑަލް ލިބިއްޖެއެވެ.

ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ރާއްޖޭގެ ޕެރަލިމްޕިކް ޓީމުގައި ހިމެނޭ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ އެތްލީޓު ވަސްމީ ވަޙީދު އެވެ. އޭނާ ރަމް މެޑަލް ހޯދާފައިވަނީ ޓްރެކް 100 މީޓަރ އަދި 200 މީޓަރ ދުވުމުންނެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި އެއް އޮފިޝަލް/ކޯޗު ހިމެނޭ ރާއްޖޭގެ ޕެރަލިމްޕިކް ޓީމެއް އެމެރިކާއަށް ފުރާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އެޓީމުން އެމެރިކާގެ ޔޫތް އެޑަޕްޓިވް ސްޕޯޓްސް އޯޕެނިންގ ސެރެމަނީގައި ވެސް ބައިވެރިވެފައިވާއިރު، ރާއްޖޭގެ ޓީމުގެ މި ދަތުރަކީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްގެ ދައުވަތަކަށް އެގައުމުގައި ބާއްވާ “ސްޕޯޓްސް ވިސިޓަރ ޕްރޮގްރާމް/ޔޫތު އެޑަޕްޓިވް ސްޕޯޓްސް 2022” ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

މި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އައިޝަތު ޖުމާނާ، ޖަމާލުއްދީން ސްކޫލްގެ ދަރިވަރު (ޖިސްމާނީ ނުކުޅެދުންތެރިކަން) އަންހެން އެތުލީޓު، ޙަސަން އިބްތިޙާލް ޢަލީ (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް، މުޙައްމަދު ނާއިލް ސަލާމް (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް އަދި ވަސްމީ ވަޙީދު (ޖިސްމާނީ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓު އެވެ. މިޓީމުގެ އޮފިޝަލް ނުވަތަ ކޯޗުގެ ގޮތުގައި ދިޔައީ އަނޫލާ ސަލީމް، (ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން) އެވެ.

މިޓީމުން އެމެރިކާގެ ގިނަ ސްޓޭޓްތަކަށް ޒިޔާރަތްކޮށް، ޕެރާގެ ގިނަ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށާއި އެގައުމުގައި ބާއްވާ “ޕޭން ގޭމްސް 2022” ގެ ބައެއް ޓްރެއިނިންގ ތަކުގައި ވެސް ބައިވެރިވެ، ޕެރާގެ މުބާރާތްތައް ހިނގާގޮތް ތަޖުރިބާ ކުރާނެ ކަމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނެއެވެ.

ތިން ހަފްތާގެ ދަތުރަކީ “ޔޫއެސް މިޝަން ޓު މޯލްޑިވްސް މެދުވެރިކޮށް، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ފަރާތުން މޯލްޑިވްސް ޕެރަލިމްކް ކޮމިޓީއަށް ފަހިކޮށްދެއްވި ފުރުޞަތެކެވެ. އެހެންކަމުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓަށް، މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ވަނީ ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި ޓީމު އެނބުރި މާލެ އަންނާނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.