English Edition
Dhivehi Edition

ރާއްޖޭގެ ޕެރަލިމްޕިކް ޓީމު އެމެރިކާގެ ޔޫތް އެޑަޕްޓިވް ސްޕޯޓްސް އޯޕެނިންގ ސެރެމަނީގައި ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ޕެރަލިމްޕިކް ޓީމެއް އެމެރިކާއަށް މިހާރުކުރަމުންދާ މި ދަތުރަކީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި އެގައުމުގައި ބާއްވާ “ސްޕޯޓްސް ވިސިޓަރ ޕްރޮގްރާމް/ޔޫތު އެޑަޕްޓިވް ސްޕޯޓްސް 2022” ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި އެއް އޮފިޝަލް/ކޯޗު ހިމެނޭ މި ޓީމު އެމެރިކާއަށް ފުރާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

މި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އައިޝަތު ޖުމާނާ، ޖަމާލުއްދީން ސްކޫލްގެ ދަރިވަރު (ޖިސްމާނީ ނުކުޅެދުންތެރިކަން) އަންހެން އެތުލީޓު، ޙަސަން އިބްތިޙާލް ޢަލީ (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް، މުޙައްމަދު ނާއިލް ސަލާމް (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް އަދި ވަސްމީ ވަޙީދު (ޖިސްމާނީ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓު އެވެ. މިޓީމުގެ އޮފިޝަލް ނުވަތަ ކޯޗުގެ ގޮތުގައި ދިޔައީ އަނޫލާ ސަލީމް، (ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން) އެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މިޓީމު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކަށް ޒިޔާރަތްކޮށް، ޕެރާގެ ވަރަށް ގިނަ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި އެގައުމުގައި ބާއްވާ “ޕޭން ގޭމްސް 2022” ގެ ބައެއް ޓްރެއިނިންގ ތަކުގައި ވެސް ބައިވެރިވެ، ޕެރާގެ މުބާރާތްތައް ހިނގާގޮތް ތަޖުރިބާ ކުރާނެ ކަމަށެވެ.

ތިން ހަފްތާގެ ދަތުރަކީ “ޔޫއެސް މިޝަން ޓު މޯލްޑިވްސް މެދުވެރިކޮށް، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ފަރާތުން މޯލްޑިވްސް ޕެރަލިމްކް ކޮމިޓީއަށް ފަހިކޮށްދެއްވި ފުރުޞަތެކެވެ. އެހެންކަމުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓަށް، މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ވަނީ ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި ޓީމު އެނބުރި މާލެ އަންނާނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ

މި ޓީމު ފުރުމުގެ ކުރިން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު ވަނީ ޓީމާއި ބައްދަލުކޮށް މަރުޙަބާ ދަންނަވާފައެވެ. އަދި ގައުމު ތަމްސީލު ކުރުމަށް ލިބޭ ކޮންމެ ފުރުޞަތަކީ އަގުހުރި ފުރުޞަތެއްކަން ހަނދާންކޮށްދީ ދިވެހި ޤައުމުގެ ރީތި ނަން ދެމެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ.