English Edition
Dhivehi Edition

ރާއްޖޭގެ ޕެރަލިމްޕިކް ޓީމެއް އެމެރިކާއަށް ފުރައިފިއެވެ.

މިއީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްގެ ދައުވަތަކަށް ރާއްޖޭގެ ޕެރަލިމްޕިކް ޓީމެއް އެމެރިކާގައި ބާއްވާ “ސްޕޯޓްސް ވިސިޓަރ ޕްރޮގްރާމް/ޔޫތު އެޑަޕްޓިވް ސްޕޯޓްސް 2022” ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

މިޓީމުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި އެއް އޮފިޝަލް/ކޯޗު ހިމެނެއެވެ.

އެމެރިކާއަށް މިއަދު ފުރި ޓިމުގައި ހިމެނޭ އެތުލީޓުންނަކީ އައިޝަތު ޖުމާނާ، ޖަމާލުއްދީން ސްކޫލްގެ ދަރިވަރު (ޖިސްމާނީ ނުކުޅެދުންތެރިކަން) އަންހެން އެތުލީޓު، ޙަސަން އިބްތިޙާލް ޢަލީ (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް، މުޙައްމަދު ނާއިލް ސަލާމް (ފެނުމުގެ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓް އަދި ވަސްމީ ވަޙީދު (ޖިސްމާނީ ނުކުޅެދުންތެރިކަން) ފިރިހެން އެތުލީޓު އެވެ. މިޓީމުގެ އޮފިޝަލް ނުވަތަ ކޯޗުގެ ގޮތުގައި ދިޔައީ އަނޫލާ ސަލީމް، (ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން) އެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މިޓީމު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކަށް ޒިޔާރަތްކޮށް ޕެރާގެ ވަރަށް ގިނަ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި އެގައުމުގައި ބާއްވާ “ޕޭން ގޭމްސް 2022” ގެ ބައެއް ޓްރެއިނިންގ ތަކުގައި ވެސް ބައިވެރިވެ، ޕެރާގެ މުބާރާތްތައް ހިނގާގޮތް ތަޖުރިބާ ކުރާނެ ކަމަށެވެ.

ތިން ހަފްތާގެ ދަތުރަކީ “ޔޫއެސް މިޝަން ޓު މޯލްޑިވްސް މެދުވެރިކޮށް، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ފަރާތުން މޯލްޑިވްސް ޕެރަލިމްކް ކޮމިޓީއަށް ފަހިކޮށްދެއްވި ފުރުޞަތެކެވެ. އެހެންކަމުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓަށް، މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ވަނީ ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި ޓީމު އެނބުރި މާލެ އަންނާނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.

މި ޓީމު ފުރުމުގެ ކުރިން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު ވަނީ ޓީމާއި ބައްދަލުކޮށް މަރުޙަބާ ދަންނަވާފައެވެ. އަދި ގައުމު ތަމްސީލު ކުރުމަށް ލިބޭ ކޮންމެ ފުރުޞަތަކީ އަގުހުރި ފުރުޞަތެއްކަން ހަނދާންކޮށްދީ ދިވެހި ޤައުމުގެ ރީތި ނަން ދެމެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ.