English Edition
Dhivehi Edition
ފޮޓޯ:އޭއޯ ނިއުސް

އައްޑޫ ސިޓީ މީދޫ މަތިކިޅީގައި ހަދަމުންދާ އިކޯ ގާޑަން އަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ ހިތްގައިމު ސަރަހައްދެކެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ފެހިކަމާއި ރީތިކަމެވެ. މީދޫ މަތިކިޅި ސަރަހައްދަކީ ކުރީ ޒަމާނުގައި މީރު ފެނުގެ އެތައް ފެންގަނޑެއް އޮތް ބޮޑު ކުޅިއެކެވެ. އެހެންނަމަވެސް އެ ފެންގަނޑުތަކުގެ ބޮޑު ބައިވަނީ ޗަސްބިމަކަށް ބަދަލުވެފައެވެ. އެސަރަހައްދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2020ވަނަ އަހަރުގެ ސެޕްޓެމްބަރު 22ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އައްޑޫ މީދޫ މަތިކިޅި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ. ރަށުގެ ބޮޑުބައެއްގެ ގޮތުގައި ހިމެނޭ، އެހެންނަމަވެސް ގެއްލިފައިވާ ގުދުރަތީ މާހައުލުގެ އުފާ ރަށުގެ ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ދޯދި މުހައްމަދު ސަލާހާއި، ފަނާރު އަބްދު ﷲ ޒުހުރީ އަދި ރޯޝަނީގެ ސިޔާދު އަހްމަދުގެ އިސްނެގުމާ އެކު ރަށުގެ ޒުވާނުންގެ ވެސް އެހީތެރިކަމާއެކުގައެވެ.

މިހާރުވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު މިތަނަށް ޒިޔާރަތްކުރޭ
ފޮޓޯ: އޭއޯ ނިއުސް

މި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ކާފަރުބުރު ފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯލްކުވޭ ހެދުމެވެ. ގިނަ ބައެއްގެ އެހީތެރިކަމާއެކު ފެށިގެން ދިޔަ މި މަސައްކަތުގެ ނަތީޖާވެސް ރަނގަޅެވެ. އެތެއް ޒަމާނެއް ވަންދެން ގެއްލިފައި އޮތް މި ރީތި ސަރަހައްދުގެ އުފާ މީދޫ ރައްޔިތުންގެ އިތުރުން އެތަނަށް ޒިޔާރަތްކުރާ އެންމެންނަށްވެސް ލިބިގެން ދިޔައެވެ.

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުން އައްޑޫ ސިޓީ ކައުންސިލާއި 05 ޖޫން 2021 ގައި ހަވާލުކޮށްފައިވާއިރު، މިހާރުވެސް އެ ސަރަހައްދުގައި ތަރައްޤީކުރަމުންދާ އިކޯ ގާޑަންގެ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ދަނީ އެ ސަރަހައްދުގެ ރީތިކަން ދިވެހިންނަށް ދައްކާލި ޓީމުންނެވެ.. މިހާރުވެސް އެ ސަރަހައްދުގެ މަސައްކަތް މުހައްމަދު ސަލާހުގެ ބެލުމުގެ ދަށުން، ކުރިއަށްދާއިރު، މީގެކުރިން އެ ސަރަހައްދަށް ދިއުމަށް ގިނަ ބަޔަކަށް ދިމާވަމުން ދިޔަ ދަތިތައްވެސް މި ވަނީ ހައްލުއެވެ. މީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތާއި އެކު ޔުނެސްކޯގެ ގްރީންފަންޑްގެ އެހީތެރިކަން ލިބި މި ސަރަހައްދު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ.

އިކޯ ގާޑަން އާއި ހަމައަށް ދެވޭނެ ވޯލްކްވޭ އެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، މިހާރު އެ ސަރަހައްދުގެ މަންޒަރުވަނީ މީގެ ކުރި އާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު އެ ސަރަހައްދު ކުރިއަށްވުރެ ފުރިހަމަވެފައި ރީއްޗެވެ. އިކޯ ގާޑަންގެ ވޯލްކްވޭ ބަދަލުކޮށް، ކުޑަ ދެ ބްރިޖާއި އެކު އިށީންނާނެ ބެންޗުތައްވެސް ވަނީ ޖަހާފައެވެ.

މިއީ މިފަހަރު ޗުއްޓީގައި އައްޑޫ ސިޓީ މީދޫ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އެތަނުގެ ރީތިކަމާއި ފުރިހަމަކަން ބަލާލުމަށް އެންމެ އެކަށީގެންވާ އެއް ތަނެވެ. ރީތި ފޮޓޯތަކާއި، ރީތި ވީޑިއޯތައް ނަގާލުމަށް އިކޯ ގާޑަން މިހާރު ވަނީ ފައްކާވެފައެވެ. އެކަމަކު މިތަނަށް ޒިޔާރަތްކުރާ އެންމެންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ އެ ސަރަހައްދަށް ކުނި ނޭޅުމާއެކު، ގުދުރަތީ ރީތިކަން ގެއްލިދާފަދަ އަމަލުތަކުން ދުރުވުމެވެ. އަދި އެ ސަރަހައްދުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެއްލުން ނުދީ އެ ސަރަހައްދުގައި އުފާކޮށް މަޖާކޮށްލުމެވެ.