English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހު ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ހާޟިރު ކުރަން ނިންމައިފިއެވެ.

މަޖިލީހުގައި މިއަހަރުގެ ރަމަޟާން މަހު ބާއްވާ ފުރަތަމަ ޖަލްސާ މާދަމާއަށް ތާވަލުކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒެވެ.

ޢަބްދުﷲ ރިޔާޒު ކުރައްވާ ސުވާލަކީ ތ. އަތޮޅުގައި ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިޒޯޓު ތަރައްޤީ ކުރެވިފައިނުވާތީއެވެ. އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ، މިކަމާމެދު ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.

މީގެ ކުރިން ވެސް ޢަބްދުﷲ ރިޔާޒު ވަނީ ޓޫރިޒަމް މިނިސްޓަރުގެ ފަރާތްޕުޅުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލުކުރައްވާފައެވެ. އެއީ މިދިޔަ މާރޗު މަހުގެ 23 ވަނަ ދުވަހުއެވެ.

ތ. ކަނިމީދޫ އާއި ގުޅޭ ގޮތުން ސާފުޖަވާބެއް ހޯދުމަށް ރިޔާޒު ފޮނުއްވި ސުވާލުގެ ޖަވާބުގައި ޑރ. މައުސޫމް ފޮނުއްވާފައިވަނީ ވަރަށް ކުރު ޖަވާބެކެވެ. އެ ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ހުށަހެޅި ނަމަވެސް އެއްވެސް ޕްރޮޕޯސަލްއެއް ލިބިފައި ނުވާކަމަށެވެ.

މިނިސްޓަރުގެ މި ޖަވާބުގެ ސަބަބުން މިކަން ތަފްސީލުކޮށް ސާފު ކުރުމަށް ޑރ. މައުސޫމް މަޖިލީހަށް ހާޒިރު ކުރައްވާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިސޯޓް ތަރައްޤީ ކުރުމަށް ކަނޑައަޅައި ސަރުކާރަށް ނަގާފައިވާ ރަށްތަކުގައި މަސައްކަތް ނުފެށި ލަސްވާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.