English Edition
Dhivehi Edition

އައްޑޫ ސިޓީގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ‘މިނިވަންކަޕް’ މިއަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދާ މި މުބާރާތް، ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މި މުބާރާތް އިންތިޒާމުކުރާ އެޗްއެސްސީން އިން ބުނީ މުބާރާތުގެ އެންމެ ބޮޑު އެއް މަގްސަދަކީ ފުޓުބޯޅަ ކުރިއަރުވައި އާލާކޮށް، އެ ކުޅިވަރުން އެއްބައިވަންތަކަން ގާއިމުކޮށް، އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުންކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މުޅި އައްޑޫ ސިޓީއަށް ހުޅުވާލި ފުރުސަތުގައި އެ ސިޓީގެ މަރަދޫފޭދޫ ފިޔަވައި އެހެން ހުރިހާ ރަށަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މި ގޮތުން ޖުމްލަ 08 ޓީމަކުން މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ކުލަގަދަކޮށް ބާއްވާ މި މުބާރާތުގައި އޮންނާނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުދޫ ޓާފް ދަނޑުގަ އެވެ.