English Edition
Dhivehi Edition
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އަދި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސް

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އެބައޮތްކަމުގައި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕްރޮފެސަރ ޑރ. ޢަލީ އަރްބާސްއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. މި ބައްދަލުވުން އޮތީ ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ މައި މަރުކަޒުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މިބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުވުމުގައި ޕްރޮފެސަރ ޑރ. އަރްބާސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުވެ ވަޑައިގެންނެވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސްއަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ދަޢުވަތު ދެއްވާފައެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އިންސާނީ ވަސީލަތާއި އެހެނިހެން ދާއިރާތަކުން ގާބިލްކަން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ދަތުރުފުޅުގައި ރާއްޖޭގައި ވަޤުފް، ޒަކާތް އަދި ޙަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު ޢަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.