English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 258 މިލިއަން ރުފިޔާ (ހިއްސާއަކަށް 48 ރުފިޔާ) ދިނުމަށް ފާސްކޮށްފިއެވެ.

ހިއްސާދާރުން މިގޮތަށް ފާސްކުރީ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ޖަލްސާގައެވެ.

މިއީ މިހާތަނަށް ބޭންކުން ހޯދި އެންމެ ރަނގަޅު ނަތީޖާ ކަމަށްވާއިރު، ނިމިދިޔަ 2021 ވަނަ އަހަރު ހޯދުމަށްފަހު ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑު އަދަދެކެވެ.

ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ކުރީކޮޅު، އިންޓަރިމް ޑިވިޑެންޑް ގެ ގޮތުގައި ހިއްސާ އަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

“މިރޭ ހިއްސާދާރުން މިވަނީ ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ނިންމާފަ. މީގެ ކުރިން ހިއްސާދާރުންނަށް ބެހުނު 13 ރުފިޔާ މި 48 ރުފިޔާގެ ތެރޭގައި ހިމެނޭނެ. ބޭންކުގެ ތާރީހުގައި މިއީ މިހާތަނަށް ދޫކުރެވޭ އެންމެ ބޮޑު އަދަދު.” ޓިމް ރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ހީވާގި ކަމާއި ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް ޓިމް ސޯޔަރ ވަނީ ދަންނަވާފައެވެ. އަދި ކަސްޓަމަރުން އެދޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“މި ކާމިޔާބީން ދައްކުވައިދެނީ މިއީ މިހާތަނަށް ބޭންކަށް ހާސިލްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާކަން.” ޓިމް ވިދާޅުވިއެވެ.

ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން 2021 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.

2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.