English Edition
Dhivehi Edition

4 ވަނަ ފަޒާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގައި މިއަދު ކުޅުނު ސިންގަލްސް އަދި ޑަބަލްސް މެޗު ރާއްޖެއަށް ނާކާމިޔާބު ވެއްޖެއެވެ.

މިއަދު ކުޅުނު ޑަބަލްސް މެޗުގައި ރާއްޖެ ބައްދަލުކުރީ އިންޑޮނޭޝިއާގެ ވިޔޮކޯ އާއި ފްރެޑީ ގެ ޕެއާރ އާ ދެކޮޅަށް ރާއްޖެއިން ނުކުތީ އަހްމަދު ފަޔާޒާއި ޢަބްދުއްލަޠީފް މުހައްމަދުގެ ޕެއާރއެވެ. މި މެޗު އިންޑޮނޭޝިއާ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-9 އަދި 21-8 އިންނެވެ.

ސިންގަލްސް ދެ މެޗު ރާއްޖެއިން މިއަދު ކުޅެފައިވާއިރު، އިންޑިއާގެ ނިލޭޝް ބާލޫ އާއި ރާއްޖޭގެ އަހްމަދު ފަޔާޒު ބައްދަލުކުރި މެޗު 21-6 އަދި 21-12 އިން ކާމިޔާބުކުރީ ނިލޭޝް ބާލޫއެވެ. ދެވަނަ މެޗުގައި ރާއްޖޭގެ ޢަބްދުއްލަޠީފް މުހައްމަދު ބައްދަލުކުރީ އިންޑިއާގެ ކުމާރު ނިޓޭޝް އާއެވެ. މި މެޗު އިންޑިއާގެ ކުމާރު ނިޓޭޝް ކާމިޔާބު ކުރީ 21-5 އަދި 21-13 އިންނެވެ.

ޑުބާއީގައި އިއްޔެ ފެށި މި މުބާރާތް މި މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަދުގެ މެޗުތަކުން ރާއްޖެ ބަލިވިނަމަވެސް އިއްޔެ ކުޅުނު ޑަބަލްސް މެޗު ވަނީ ރާއްޖެެއިން ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަހްމަދު ފަޔާޒު އާއި ޢަބްދުއްލަޠީފް މުހައްމަދު ގެ ޕެއާރ އާއި އިންޑިއާގެ ސުނިލް ޕަންވަރް އާއި ރާކޭޝް ދެބަރްމާ ގެ ޕެއާރ ބައްދަލުކުރި އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-7 އަދި 21-6 އިންނެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވީ ޗައިނާގެ ހެންގޒޫ ގައި ބާއްވާ އޭޝިއަން ޕެރަލިމްޕިކް ގޭމްސް އަށް ޕެރާ އެތްލީތުން ކްލެސިފައިކޮށް، ކޮލިފައިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގެ ޓީމުގައި ޕެރާ ފިރިހެން ދެ އެތްލީޓުންނާއި އަންހެން އެތްލީޓަކާއި ކޯޗު އަދި މެނޭޖަރެއް ހިމެނޭއިރު، ކްލެސިފައަރ ވެސް ހިމެނެއެވެ.

ރާއްޖޭގެ ޕެރާ ބެޑްމިންޓަން ޓީމު ފުރުމުގެ ކުރިން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު ވަނީ ޓީމުގެ ކޮންޓިންޖެންޓާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.