English Edition
Dhivehi Edition

ތިމަރަފުށި ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަން ބަލައިދިނުމަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިނަވްރު ބަލާ ކޮމެޓީގައި އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިނަވްރު ބަލާ ކޮމެޓީގެ މުޤައްރިރަށް ރިޔާޒު ފޮނުއްވި ސިޓީގައި އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާ ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް އެކަން ބަލައިދިނުމަށް އެދޭ ކަމަށެވެ.

ސަރުކާރުން ތިމަރަފުށީގައި ހޮސްޕިޓަލެއް އަޅުއްވާނެކަމަށް ކޮށްފައިވާ އިޢުލާނާއި ބިން ވަކިކުރުމަށްފަހު އެކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާތީ މިކަން ބައްލަވައި ދެއްވުމަށް ވެސް ރިޔާޒު ވަނީ އެދިވަޑައިގެންފައެވެ. ހަމަމިއާއެކު 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ 1.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓާއި ގުޅިގެން އެއްވެސްކަމެއް ކުރެވިފައި ނުވާ މައްސަލަ ވެސް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށީގައި ޞިއްޙީ މަރުކަޒުގެ މިހާރުގެ ޢިމާރާތަކީ ޚިދުމަތް ދެމުންގެންދާތާ 28 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިމާރާތަކެވެ. އަދި މި އިމާރާތް މަރާމާތުކުރުމަށް އެއްވެސް ސަރުކާރަކުން މިހައިތަނަށް މަސައްކަތެއްކޮށްފައި ނުވާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި ތ.ތިމަރަފުށީގައި ހޮސްޕިޓަލެއް ޤާއިމް ކުރައްވާނެކަމަށް މިހާރުގެ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން މިމަޝްރޫޢު ހިންގުމަށް ބިންކަނޑާ ހޮސްޕިޓަލް އެޅުމަށް ވަނީ ހަވާލުކުރެވިފައެވެ. 2021 އަދި 2022 ވަނަ އަހަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް PSIP ޕްރޮޖެކްޓްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ނަމަވެސް 2021 ވަނަ އަހަރު ނިމިގެންދިޔައިރު އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ. 2022 ވަނަ އަހަރުގެ ބަޖެޓްގައިވެސް 1.5 މިލިއަން ރުފިޔާ ހިމަނާފަވީ ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވެއެވެ.