English Edition
Dhivehi Edition
ލޯންޗު އެކްސިޑެންޓުގައި އަނިޔާވެ ރޭ ތިން މީހުން ވަނީ މާލެ ގެނެސްފައި -- ފޮޓޯ/ އެމްއެންޑީއެފް

ގއ. ވިލިނގިލީ ނެރަށް ލޯންޗެއް އަރައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެ މީހަކު މަރުވެފައިވާއިރު، އެ އެކްސިޑެންޓް ހިނގި ވަގުތު އެހީނުވެ އެހެން ލޯންޗެއް ދިޔަ ކަމަށް، އެހީތެރިވާން އުޅުނު މީހުން ތުހުމަތުކުރި ނަމަވެސް އެއީ ޙަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި އެކްސިޑެންޓެއް ހިނގައިގެން މީހަކު އެހީތެރިކަމަކަށް އެދިފައި ނުވާ ކަމަށް އެ ލޯންޗުގެ ކެޕްޓަން ބުނެފިއެވެ.

ކެޕްޓަން ބުނީ އެ އެކްސިޑެންޓް ހިނގައިގެން މީހަކު އެހީތެރި ކަމަށް ނޭދޭ ކަމަށާއި އަދި އެ އެކްސިޑެންޓް ހިނގިތަން ވެސް ނުފެންނަ ކަމަށެވެ. ނަމަވެސް ބަޔަކު ގޮވައިގެން ކޫއްޑޫއަށް ދިޔައިރު ލޯންޗެއްގެ ނެވިގޭޝަން ފެނުނު ކަމަށާއި ނަމަވެސް އަނދިރިކަމުން އެއީ ކިހާވަރެއްގެ ހާދިސާއެއްކަން އޭރު ނޭނގޭ ކަމަށެވެ. އޭނާ ބުނީ އެ ހާދިސާގެ ޚަބަރު ލިބުނީވެސް ކުއްޑޫއަށް ދިޔަތާ ބައިގަޑިއިރުފަހުން ކަމަށެވެ.

އެހާދިސާ ހިނގިކަން އެނގިގެން އެހީތެރިވާން ލޯންޗެއްގައި ދިޔަ މީހަކު ބުނެފައިވަނީ ވިލިނގިއްޔަށް ގުރުއާން މުބާރާތަށް އައި ޖަޖުން ފުރުވަން ކޫއްޑޫ އެއާޕޯޓަށް ލޯންޗެއްގައި ދާން ފުރަންވެގެން އެވަގުތު ވިލިނގިލީ ތެޔޮއަޅާ ޖެޓީގައި ހުރި މީހެއް ކައިރީ އެހީވާން ދާން އެދުނު ކަމަށެވެ. އެހެންނަމަވެސް ޗެކިން ފެށެނީޔޭ. މިގަޑީގަ ދެވޭކަށް ނެތޭ ކިޔާފައި އެމީހުން ދިޔައީ ކަމަށެވެ.

ޕުލްމަން ރިސޯޓުން ފުރައިގެން ވިލިނގިއްޔަށް ކުރި ދަތުރުގައި ވިލިނގިލީ ނެރުގެ ފައިކައްޓަށް ލޯންޗު އަރައި ހިނގި އެކްސިޑެންޓްގައި ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، ނިޔާވެފައިވާއިރު. އެ ލޯންޗްގައި ތިބި ތިން މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭގެ ތެރެއިން އެކަކަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މި ހާދިސާގެ މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި ނެރުމައްޗަށް ލޯންޗު އަރަން ދިމާވީ ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުންނެވެ.