English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް ޖޫރިމަނާ ކުރަން ނިންމާ، އާ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި އުސޫލުގައި ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައވެ. މި ގޮތުން ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށްފިނަމަ 30،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޖުރިމަނާއެއް ކުރެވޭނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.

އަލަށް އެކުލަވާލީ އުސޫލާއެކު، ހައްޖަށް މީހުންގެ ގެންދިއުމާއި ގުޅޭ ކަންކަން މޮނީޓާރކޮށް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީގެ ދަށުން “މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް” ގެ ނަމުގައި އޮފީހެއް ހަދަންޖެހެއެވެ.