English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުގައި ބަޔަކު “އިންޑިއާ އައުޓް” ސްޕްރޭކޮށްފި އެވެ.

އަލިކިލޭގެފާނުމަގުގައި ހުންނަ، މިނިސްޓަރު މާރިޔާގެ ގެ ގ. އޮސްލޯގައި ބަޔަކު ސްޕްރޭކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މާރިޔާގެ ގެކޮޅުގައި ލިޔެފައިވާ އިންޑިއާ އައުޓް ޝިޔާރު ފޮހެލުމަށް މިހާރު ކުލަލާފައިވާއިރު، މި މައްސަލައާއި ގުޅޭ ގޮތުން އަދި މިހާތަނަށް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ވަރުގަދަވެ، ބޮޑެތ ބެނާތައް ދެމުމާއި، ސްޕްރޭ ކުރުން އިތުރުވެފައިވާއިރު، އިންޑިއާ އައުޓް ގޮވުމާއި ދެކޮޅަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ޤަރާރެއްވެސް ނެރުއްވާފައެވެ.

ރައީސްގެ ޤަރާރު ބާތިލް ކުރަން އިދިކޮޅު ޕީޕީއެމްއިން ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލަމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު، އިންޑިއާ އައުޓް ކެމްޕެއިނާއި ދެކޮޅަށްވެސް ވަނީ މުޒާހަރާކޮށްފައެވެ.