English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގް އާއި ސީއެމްސީއޭގެ ޗެއަރޕަރސަން މުޙައްމަދު ރަޝީދު

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ ) އިން މި އަހަރު ފުވައްމުލައް ސިޓީގައި ގިނަ ޕްރޮގްރާމުތަކެއް ހިންގުމަށް ހަމަޖައްސައިފިއެވެ.

ސީއެމްސީއޭއިން ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމުތަކާއި ބެހޭގޮތުން އިއްޔެ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގާއި ސީއެމްސީއޭގެ ޗެއަރމަން މުޙައްމަދު ރަޝީދު ވަނީ މަޝްވަރާބައްދަލުވުމެއްވެސް ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ސީއެމްސީއޭގެ ދެކުނުގެ ރިސޯސް ސެންޓަރ ފުވައްމުލައް ސިޓީގައި ހުޅުވުމާއި ބެހޭ ގޮތުންނާއި ސީއެމްސީއޭގެ ސިސްޓަރ ސްކޫލް ޕްރޮގްރާމު މި ފަހަރު ފުވައްމުލަކުގެ ސްކޫލަކާއެކު ކުރިއަށް ގެންދިއުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ ސިމްޕޯސިއަމް އެސިޓީގައި ބޭއްވުމާއި ބެހޭ ގޮތުންނެވެ. މި ސިމްޕޯސިއަމް އަކީ ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އުފެދުނުތާ 50 އަހަރު ފާހަގަ ކުރުމާއި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ސިޕްމޯސިއަމް އެކެވެ.

މީގެ ކުރިން ސީއެމްސީއޭއިން ކުރިއަށް ގެންދިޔަ ސިސްޓަރ ސްކޫލް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫހައިސްކޫލާއި ގުޅިގެންނެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޗައިނާއަށް ދަތުރު ކުރުމަށް ފުރުސަތު ދިނުމާއި އަދި ޗައިނާގެ ސްުކޫލެއްގެ ދަރިވަރުން ހިމެނޭ ޑެލިގޭޝަނެއް އައްޑޫއަށް އައިސް ހައި ސްކޫލްގެ ދަރިވަރުންނާއެކު ހޯމްސްޓޭ ތަޖުރިބާ ކުރުމުގެ އިތުރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮގްރާމް ތައް އޭރު މެދުކަނޑާލަން ޖެހުނީ ކޮވިޑް 19 އާއި ގުޅިގެންނެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.