އޭއޯ ނިއުސް އިން އިންތިޒާމުކޮށްގެން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަދަޙަ މުބާރާތުގެ އެންމެ މޮޅު 3 ވަނައިގެ ތެރެއިން ވަނައަކަށް ޗައިނާ ވިންޓަރ ކޭމްޕް ސްޓަޑީ ޓުއަރ އެއްގެ އިނާމު، ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއެމްސީއޭ) އިން ހުށަހަޅައިފިއެވެ.
ސީއެމްސީއޭއިން ވަނީ އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ 1 ވަނަ ދަރިވަރަށް ވެސް ވިންޓަރ ކޭމްޕް ޓުއަރއެއް ދީފައެވެ. އަދި އެފަހަރުގެ މުބާރާތުން 1 ވަނަ ލިބުނު ނިއުޝާ ނިސްތާރު ވަނީ މި ޓުއަރ ގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައިވެރިވެ ޗައިނާގެ ބެއިޖިން އަދި އިތުރު 2 ސިޓީ އަކަށް ދަތުރު ކޮށް ފިނި މޫސުމުގެ ތަޖުރިބާ ކޮށްފައެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.
ސީއެމްސީއޭގެ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ ދަރިވަރުންގެ ޓީމެއް ޗައިނާ އަށް ފޮނުވައެވެ.
މި ދަތުރުތަކުގައި ޗައިނާގެ ވެރިރަށް ބެއިޖިން އާއި އިތުރު ސިޓީތަކަށް ދަތުރުކޮށް ޚާއްޞަ ތަންތަން ދައްކާލުމުގެ ޓުއާއަކާއި ރާއްޖެއާއި ޗައިނާގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތައް ހުށަހެޅުމުގެ އިތުރުން ޗައިނާގެ އާޓް އެންޑް ކްރާފްޓް މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމާއި އެފަދަ މަސައްކަތް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދަިއދެއެވެ.
2016 ވަނަ އަހަރުން ފެށިގެން ސީއެމްސީއޭއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު 2 ފަހަރެއްގެ މަތިން މިފަދަ ޑެލިގޭޝަންސް ތައް ޗައިނާއަށް ފޮނުވައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
އޭއޯ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 10 ރަމަޟާން 1442 އެވެ. އޮންލައިން ކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން އެޕްލިކޭޝަން ފޯމު ހޯއްދަވާށެވެ.
https://form.jotform.com/aonews09/madhaha05