ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުގެ ސިސްޓަރ ސްކޫލް ޕްރޮގްރާމުގައި މިއަހަރު ރާއްޖެއިން ބައިވެރިކުރާ ސްކޫލެއްގެ ގޮތުގައި ފުވައްމުލައް ސިޓީގެ ޏ. އަތޮޅު ތައުލީމީ މަރުކަޒު ހަމަޖައްސަވައިފިއެވެ. މި ސްކޫލާއެކު ސިސްޓަރ ސްކޫލް ޕްރޮގްރާމު ކުރިއަށް ގެންދާނީ ޗައިނާގެ ގާންސޫ ޕްރޮވިންސް ގެ ލަންޒޯ ސިޓީގެ ސްކޫލެއް ކަމަށްވާ އޯވަރސީސް އެކްސްޕެރިމެންޓަލް ސްކޫލާއެކުގައެވެ.
ސިސްޓަރ ސްކޫލް ޕްރޮގްރާމު ފެށުމުގެ ގޮތުން 2 ސްކޫލްގެ މެނޭޖްމަންޓާއި ސީއެމްސީއޭއިން ވާޗުއަލް ކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ސީއެމްސީއޭގެ ޗެއަރޕާރސަން މުޙައްމަދު ރަޝީދު ވިދާޅުވީ 100 ސިސްޓަރ ސްކޫލް ޕްރޮގްރާމުގައި ޏ. އޭއީސީ ހޮވިފައިވާތީ އެކަމައްޓަކައި އެ ސްކޫލްގެ މެނޭޖްމަންޓާއި އަދި ދަރިވަރުންނަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި މި ޕްރޮގްރާމަށް މި ސްކޫލް ގޮވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގް ދެއްވެވި އެއްބާރުލާއި މަސައްކަތްތަކަށް ޓަކައި މޭޔަރަށް ޝުކުރު އަދާކުރައްވަވާ ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރަޝީދު ވަނީ ޗައިނާއިން މި ފްރޮގްރާމުގައި ބައިވެރިވާ އޯވަރސީސް އެކްސްޕެރިމެންޓަލް ސްކޫލުގެ މެނޭޖްމަންޓަށް ވެސް މަރުހަބާ ދަންނަވާފައެވެ.
“ސިސްޓަރ ސްކޫލް ޕްރޮގްރާމުގެ ދަށުން 2 ސްކޫލް ގުޅިގެން ގިނަ ކަންތައްތައް ތަކެއް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ. އެގޮތުން އެކްސްޗޭންޖް ޕްރޮގްރާމު ތަކާއި ޓެލެންޓް ޑިވެލޮޕްމަންޓާއި މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ފަހިވެ މީގެ ތެރެއިން 2 ސްކޫލަށް ވެސް ފައިދާ ހުރި ގިނަ ކަންތައްތަކެއް ވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ” ރަޝީދު ވިދާޅުވިއެވެ.
ގާންސޫ ޕްރޮވިންސްގެ އެޑިޔުކޭޝަން ޑިޕާޓްމަންޓާއި އެ ޕްރޮވިންސްގެ ފޮރިން އެފެއާސް އަދި ގާންސޫ ޕީޕަލްސް އެސޯސިއޭޝަން ފޯރ ފްރެންޑްސިޕް ވިތް ފޮރިން ކަންޓްރީސް އާއި އިން ” 100 ސިސްޓަރ ސްކޫލް އިނިޝިއޭޓިވް ” ޕްރޮގްރާމް ފެށުމައް ހަމަޖައްސާފައިވަނީ 2020- އިން 2022 އަށެވެ. ނަމަވެސް ކޮވިޑް އާއި ގުޅިގެން ޕްރޮގްރާމު ފެށުން ވަނީ ލަސްވެފައެވެ.
މީގެ ކުރިން ސީއެމްސީއޭއިން ކުރިއަށް ގެންދިޔަ ސިސްޓަރ ސްކޫލް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫހައިސްކޫލާއި ގުޅިގެންނެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޗައިނާއަށް ދަތުރު ކުރުމަށް ފުރުސަތު ދިނުމާއި އަދި ޗައިނާގެ ސްުކޫލެއްގެ ދަރިވަރުން ހިމެނޭ ޑެލިގޭޝަނެއް އައްޑޫއަށް އައިސް ހައި ސްކޫލްގެ ދަރިވަރުންނާއެކު ހޯމްސްޓޭ ތަޖުރިބާ ކުރުމުގެ އިތުރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮގްރާމް ތައް އޭރު މެދުކަނޑާލަން ޖެހުނީ ކޮވިޑް 19 އާއި ގުޅިގެންނެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.
ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އުފެދުނުތާ 50 އަހަރު ފާހަގަ ކުރުމާއި ގުޅުވައިގެން ސީއެމްސީއޭއިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ގިނަ ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ފުވައްމުލައް ސިޓިގައެވެ.