English Edition
Dhivehi Edition
ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ސީއީއޯ އަލީ ވަޙީދު އަދި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދު

އޭއޯ ނިއުސް އިން އިންތިޒާމުކޮށްގެން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދާ “ރައުކް އޭއޯ މަދަޙަ މުބާރާތް 1443” އިން އެއްވަނަ ހޯދާ ކުއްޖަކަށް ޗައިނާ ވިންޓަރ ކޭމްޕް ސްޓަޑީ ޓުއަރ އެއްގެ އިނާމު، ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއެމްސީއޭ) އިން ހުށަހަޅައިފިއެވެ.

ސީއެމްސީއޭއިން ވަނީ އޭއޯގެ 4 ވަނަ އަދި 5 ވަނަ މަދަޙަ މުބާރާތުގެ 1 ވަނަ ދަރިވަރަށް ވެސް ވިންޓަރ ކޭމްޕް ޓުއަރއެއް ދީފައެވެ. އޭއޯގެ 4 ވަނަ މުބާރާތުން 1 ވަނަ ލިބުނު ނިއުޝާ ނިސްތާރު ވަނީ މި ޓުއަރ ގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައިވެރިވެ ޗައިނާގެ ބެއިޖިން އަދި އިތުރު 2 ސިޓީ އަކަށް ދަތުރު ކޮށް ފިނި މޫސުމުގެ ތަޖުރިބާ ކޮށްފައެވެ. 5 ވަނަ މުބާރަތުން 1 ވަނަ ލިބުނު ދަރިވަރަށް އަދި މި ދަތުރު ދެވޭ ގޮތް ނުވެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ސީއެމްސީއޭއިން ޗައިނާ އަށް ކުރާ އަހަރީ ވިންޓަރ ޓުއާގެ ދަތުރުތައް މެދުކަނޑާލާފައިވާތީއެވެ. އެހެން ނަމަވެސް ސީއެމްސީއޭގެ ޗެއަރ ޕަރސަން މުޙައްމަދު ރަޝީދު ވިދާޅުވީ ޗައިނާ އަށް ދަތުރު ކުރެވޭ ވަރު ވީ އެންމެ އަވަހަކަށް މި ކޭމްޕް އަލުން ފަށާނެ ކަމަށާއި 5 އަހަރުގެ މުބާރާތުން ވަނަ ލިބުނު އައިނީ އަޙްމަދާއި އަދި މި އަހަރުގެ މުބާރާތުން ވަނަށް ދާ ކުއްޖަކަށް އެ ދަތުރު ގައި ބައިވެރިވެވޭނެ ކަމަށެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.

ސީއެމްސީއޭގެ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ ދަރިވަރުންގެ ޓީމެއް ޗައިނާ އަށް ފޮނުވައެވެ.

މި ދަތުރުތަކުގައި ޗައިނާގެ ވެރިރަށް ބެއިޖިން އާއި އިތުރު ސިޓީތަކަށް ދަތުރުކޮށް ޚާއްޞަ ތަންތަން ދައްކާލުމުގެ ޓުއާއަކާއި ރާއްޖެއާއި ޗައިނާގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތައް ހުށަހެޅުމުގެ އިތުރުން ޗައިނާގެ އާޓް އެންޑް ކްރާފްޓް މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމާއި އެފަދަ މަސައްކަތް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދެއެވެ.

އޭއޯ އިން ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދާ މަދަޙަ މުބާރާތުގައި މީގެ ކުރިން އޮސްޓްރޭލިއާ އަދި ދުބާއީ ސްޓަޑީ ޓުއާ ގެ އިނާމު ވެސް ވަނީ ދީފައެވެ. މިއީ އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އިން ދީފައިވާ އިނާމެވެ.

މިއީ އޭއޯ އިން މި މުބާރާތް ކުރިއަށް ގެންދާ 6 ވަނަ އަހަރެވެ.

7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އަހަރުން ދަށުގެ ބަޔާއި، 8 އަހަރުން ދަށުގެ ބަޔާއި، 10 އަހަރުން ދަށުގެ ބަޔާއި، 12 އަހަރުން ދަށުގެ ބައި އަދި 14 އަހަރުން ދަށުގެ ބަޔާއި، 16 އަހަރުން ދަށުގެ ބައިގެ އިތުރުން 18 އަހަރުން ދަށުގެ ޢުމުރުފުރާ ހިމެނެއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ ވީޑިއޯ ތައް އޭއޯ ފޭސްބުކް، އޭއޯ ޔޫޓިއުބް ޗެނަލް އަދި އޭއޯ ޓިކްޓޮކް އެކައުންޓުން ފެންނާނެއެވެ.

މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހެޕީމާކެޓެވެ. މެއިން ސްޕޮންސަރ އަކީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސޮގްނޯ މޯލްޑިވްސް ގެ އިތުރުން ފުރުޓީ މެލޯ ކޭކްސް އާއި މަލްޓި ސުޕަރމާޓުން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.