ރާއްޖޭގެ މޫސުން މިއަދު ވަރަށް ގޯސްވެދާނެކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ބުނީ ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ކަނޑު ގަދަވާނެ ކަމަށާއި އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ ބައެއް އަތޮޅުތަަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސަލާމަތީ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު ދަތުރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.