ލިޔުނީ: ޝަފާޢަތު މުޙައްމަދު
ގޭތެރޭގެ މަސައްކަތްތައް ހުންނަ ގޮތުން ރަހޫއަށް އޭނާގެ ދަރިފުޅު ތާރާ ގޮވައިގެން ބޭރަށް ދެވެނީ މަދު ފަހަރަކުއެވެ. އެންމެ 6 އަހަރުގެ ކުޑަކުޑަ ތާރާގެ އާދޭހަށް މިއަދު ކޮންމެހެންވެސް ބޭރަށް ދާން ހުރީ ނިންމައިގެންނެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން މާޖިދުވެސް ގޭގައި އުޅުނެވެ. އެދެމަފިރިން އެކުއެކީ ޙަޔާތް ވޭތި ކުރަން ފެށިތާ 5 އަހަރަށްފަހު ތާރާ ލިބުންވީ އެކުޑަކުޑަ އާއިލާއަށް ލިބުނު ނުހަނު ބޮޑު އުފަލަކަށެވެ. ރަހޫއަކީ އައްޑުއަތޮޅު ހުޅުދޫގެ ތަނަވަސް ޢާއިލާއެއްގެ އަންހެން ކުއްޖަކަށްވެފައި މާލޭގައި ގެދޮރު ހުރުމުން އެދެމަފިރިން އުޅެމުން އަންނަނީ ހިތްފަސޭހަ ދިރިއުޅުމެކެވެ. މާޖިދަކީވެސް މާލޭގެ ރަށްވެއްސަކަށްވެފައި އުޅެބޮޑުވީވެސް މާލޭގައެވެ. މާޖިދު ރަހޫއާއި ކައިވެނި ކުރިއިރުވެސް އޭނާއަކީ ފުލުހުންގެ ޒިންމާދާރު މަޤާމެއްގައި ހުރި ހަރުދަނާ މީހެކެވެ.
ކުޑަކުދިންގެ ބަގީޗާގައި ރަހޫގޮސް މަޑުކޮށްލީ ތާރާ ފޫހިވަންދެން ކުޅެން ބައިންދަން ހިތުލައިގެންނެވެ. އެހެންކުދިންނާއެކު ދުވެ މަޖާކުރަން ތާރާ ބެހެއްޓުމަށްފަހު ރަހޫ އިނީ އެހިސާބު ފެންނަ ފަށުގައި ހުރި ބެންޗެއްގައި އިށީނދެލައިގެންނެވެ. ލޯބިލޯބި ތާރާގެ ފަރި ހަރަކާތްތަކަށް ގެއްލިފައިވަނިކޮށް ރަހޫއަށް ހޭވެރިކަންވީ ކުޑަކުޑަ އަންހެން ކުއްޖަކު އައިސް މަންމީ ކޮބައިހޭ އެހި އަޑަށެވެ. ތާރާއާއި ދާދި އެއް އުމުރެއްގެ މިކުއްޖާ އަށް މަންމަ ހޯދައިދޭން އޭނާގެ އަތުގައި ހިފައިގެން އަވަސްއަވަހަށް ރަހޫ ތެދުވެއްޖެއެވެ. މާދުރަށް ދާކަށްނުޖެހުނެވެ. ޒުވާން ޅަދޮޅު އަންހެނަކު ފަހަތުން އައިސް މަންމީ މިހިރީއޭ ބުނެ ކުއްޖާގެ ގައިގައި އޮޅުލައިގަތެވެ.” އަނހާ މަންމި މިއޮތް ފެނުނީ ދޯ. ވަރަށް ކަންބޮޑުވެގެންހުރެ މަންމީ ހޯދާތީ މިތެދުވީ” ރަހޫ އެހެން ބުނެލުމާއެކު އޭނާ ޝުކުރުގެ ބެލުމަކުން ބަލާލާ ހީނލިއެވެ. އެވަގުތު އެކުއްޖާ އަނެއްކާވެސް ތާރާމެން ތިބި ތަނަށް ކުޅެން ދިއުމުން ބެންޗުގައި ރަހޫއާއެކު އެއަންހެން މީހާވެސް އިށީނދެއްޖެއެވެ.
“ކޮންނަމެއް ކިޔަނީ؟ރަހޫ ވާހަކަ ދައްކަން ފެށިއެވެ.
“އާންތު”
“މީ ރަހޫ.ދެން ރައްޓެހިވީނުދޯ. މާލޭގަތައުޅެނީ. ” ކޮން ސްކޫލަކަށް ދަރިފުޅު ދަނީ. މަގޭ މަންޖެ އުޅެނީ އަހުމަދިއްޔާގަ. ވަރަށް ރަނގަޅުތަނެއް އެއީ”
” މާލެއަކުނޫން އުޅެނީ. އާންތު ޖަވާބުދިނެވެ. ކުޅުދުއްފުށި. ”
ރަހޫ އާންތުއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ.
“ޗުއްޓީއަށް ޖައްސާލީދޯ. އަހަރެން ވެސް ވަރަށް ދާހިތްވާ ރަށެއް ތީ. ގެންދަބަލަ ތި ރަށަށް. ހީނލަމުން ރަހޫ ވާހަކަ ދައްކަމުން ދިޔައެވެ. އާންތުވެސް ވަރަށް ގަޔާވެ ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ރަހޫގެ ހިތްހެޔޮކަން އިޙުސާސް ވުމުން އާންތު ބޭނުންވީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލުމަށެވެ. ކަންކަން ހިތުތެރޭ ފޮރުވައިގެން ހުރުމުގެ ބަދަލުގައި ރަހޫއަކީ އަލަށް ފެނުނު މީހެއް ނަމަވެސް ޚުލްގު ހެޔޮ، ހިތްހެޔޮ އަންހެނެއްކަމުން އޭނާގެ އަޑުއަހާނެ ކަން އާންތުއަށް އެނގުނު ހިސާބުން ވާހަކަ ފެށިއެވެ.
“މާލެއައީ އެމަންޖެގެ ބައްޕަ ދެކިލަން. ދިރިއުޅުމަކީ އެއްބަޔަކަށް ފޮނި މާމުޔަކަސް އަހަރެމެން ކަހަލަ ބަދުނަސީބުވެރިންނަށް އެއީ ޒަހަރަށް ވުރެވެސް ހިތި އެއްޗެއް”
” ނުވާނެ ތިޔަހެނެއް. އަޅެ ކިޔާދީބަލަ އާންތުގެ ދިރިއުޅުމުގެ ސަފްހާއިން ތަންކޮޅެއް. އެކަކު އަކެކަކަށް ކަންކަން ޙިއްސާ ކުރުމަކީވެސް ފަރުވާއެކޭ.” ރަހޫ އެހެން ބުނެލުމަށްފަހު ކަޅިޖަހާނުލާ އާންތުގެ އަނގަޔަށް ބަލަން އިނެވެ.
އާންތު ކިޔައިދިންގޮތުން އޭނާގެ އަލަތު ކައިވެނި އޭނާ ކުރީ ކިތަންމެ ފޮނި އުއްމީދާއި އެކުގައި ކަމަށްވިޔަސް އެކައިވެނިން އޭނާ ދުރަށްދާން ޖެހުނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އޭނާގެ ފިރިމީހާ ހުރަގެއަށް ލެވުމުންނެވެ. އާންތު ބުނި ގޮތުން އޭރު އޭނާގެ ހުރި ހަމައެކަނި މަދަދުގާރަކީ ފުލުހުންގެ ވަޒީފާގައިހުރި އަޙުމަދު ކިޔާ މީހެކެވެ.
“އަހަރެންގެ ހުރިހާވެސް މީހަކީ އޭރު އަޙުމަދު. އެއަނދަވަޅުން އަހަރެން ސަލާމަތްކޮށްދީ އަހަންނަށް މަގު ދައްކައިދިނީ އޭނަ. އެހެނަސް ކަންދިމާވި ގޮތުން އަހަރެމެން ދެމީހުންނަށްވެސް އެކަކު އަނެކަކުދެކެ ލޯބިވެވުނީ އިންތިހާއަށް. އަދި އެކަމުގެ ތެރޭ ހެދުނު ގޯހަކުން…..”
އާންތު ހުއްޓުން އެރިއެވެ. އެވަގުތު ރަހޫގެ ދެލޯ ބޮޑުވެގެންދިޔައެވެ. އާންތު ބުނަން އުޅޭ ވާހަކަ އޭނާއަށް އެނގޭކަހަލައެވެ.
” އާނ އީޝްއަކީ އަހުމަދުގެ ދަރިއެއް. މިވާހަކަ މިހާރު އެނގޭނެ 3 ވަނަ މީހަކީތީ. ރަޙޫގެ އަތުގައި މިސިއްރު ފޮރުވައިދީ. މިއަދު އަލަށް ރަހޫ ފެނުނަސް އަހަންނަށް އިހުސާސް ކުރެވެނީ ތީ ވަރަށް އިތުބާރު ކުރެވޭ މީހެއްގެ ގޮތުގަ.”
އާންތުގެ ވާހަކަ އެހިސާބަށް ދިއުމުން ރަހޫ އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާވެސް ދެކެނީ އާންތުއަކީ ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި ކަމަށާއި އެއްވެސް ވާހަކައެއް ދައްކަން ޖެހިލުން ނުވުމަށް ރަހޫ އެދެމުން ދިޔައެވެ. އަދި އާންތުއާމެދު ރަހޫ ހަމްދަރުދީ ވާކަމަށް ހާމަކުރިއެވެ.
ރަހޫއަށް އޮތް އިތުބާރު ބޮޑުވަމުން ދިޔަ ވަރަކަށް އާންތު ދިޔައީ އޭނާގެ ސިއްރުތައް ހާމަކުރަމުންނެވެ. “ދަރިފުޅުވިހެއި ފަހުން އަހަރެން ވަރިވީ. އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓްގަވެސް ވާނީ ހަމަ ފިރިމީހާގެ ނަން. އެ އާއިލާއިންވެސް އީޝް ބަލައިގަނޭ.
އަނެއްކާވެސް ރަހޫ އަހާލިއެވެ. ” އީޝްއަށް އީޝްގެ އަސްލު ބައްޕަ އެނގޭތަ؟
” ނޫން. ނޭނގޭނެ. އޭނަ ކިޔާނީ ބޭބެ އޭ. އަހުމަދު ވަރަށް ލޯބިވާނެ އީޝްދެކެ. ބުނާނެ ހަމަ އޭނަގެ ލެޔޭއެއީ. އެތެދެއް އަހުމަދާއި ވަރަށް ވައްތަރުވާނެ އެމަންޖެ. ރަހޫދިޔައީ އެވާހަކަތައް ވަރަށް ކަނުލާ އަހަމުންނެވެ. ” ދެން އަޙުމަދާއި އިންނަންވީނު؟”
އާންތު ގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަތްފައި ފިނިވެ ލޮލުން ކަރުނަ ހިލުނެވެ. ބެދިފައިވާ އަޑަކުން އާންތު ބުނީ އަހުމަދަކީ އެހެން މީހެއްގެ ހައްގެއް ކަމެވެ. އުފާވެރި ދިރިއުޅުމެއް ހަލާކު ކޮށްލަން އޭނާ ނޭދޭ ކަމެވެ. ކިތަންމެ ލޯބި ވިޔަސް އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމެވެ. އަދި އެއާއެކު އާންތު ކުރީ އެއަށްވުރެވެސް ބޮޑު ވަޢުދެކެވެ. އަހުމަދުނޫން އެހެން މީހެއް އޭނާގެ ހަޔާތަށް ނުވެސް ގެންނާނެ ކަމަށެވެ. އަހުމަދުއާއި ދުރުގައި ހުއްޓަސް އޭނާގެ ލޯބި ލިބޭ ކަމަށާއި އެހާހެޔޮ މީހެއް އޭނާ ނުވެސް ދެކޭ ކަމަށެވެ. ” ދެން މީހަކާ ނީނދެ މިހެން ހުންނާނީ. އެއީ ވެސް ހުރިހާ އެންމެންނަށް ލިބޭ ނަސީބެއް ނޫނެއްނު؟
އާންތުގެ ވާހަކަ އަޑު އެހުމަށްފަހު ރަހޫ އާންތުއަށް ނަސޭހަތްތެރިވިއެވެ. މާއުފާވެރި އާހަޔާތެއް އޭނާއަށް އަދި ލިބޭނެ ކަމަށާއި އުއްމީދު ކަނޑާނުލުމަށް އެދުނެވެ. އެހެންނަމަވެސް އާންތު ދެކޭގޮތުގައި ސާފު ލޯތްބެއް ހޯދުން އެއީ މިޒަމާނުގައި އުނދަގޫ ކަމެކެވެ.
“ތާރާ އާދޭ ދެން ގެއަށް ދާން މިހާރު އެއޮތް އިރު އޮއްސެނީ” ރަހޫގެ އަޑަށް ތާރާ ދުވެފައި އާދެއެވެ. އާންތުއަށް ތާރާ ފެނުމާއެކު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ފޯނުގެ ގެލަރީ ގެ ބޮޑު ބައެއް ފުރާލާފައިވަނީ ތާރާގެ ފޮޓޯތަކުންނެވެ. އެއީ އަހުމަދުގެ ދަރިފުޅެވެ. ތާރާގެ ހެދިބޮޑުވުމާއި އޭނާއަށް އަންނަ ހުރިހާ ބަދަލަކާއި ތަފާތުތަކެއް އޭނާ ދިޔައީ ދުރުގައި ހުއްޓަސް އާންތުއާއި ޙިއްސާ ކުރަމުންނެވެ. ތާރާއަށް ހޯދާ އަންނައުނުވެސް ހަމަ އެކުލަޔަކުން އަޙުމަދު އީޝްއަށް ފޮނުވާފައިހުރެއެވެ. އެހާވެސް ގާތް ގުޅުމެއް އެދެމެދުގައި އޮވެއެވެ.
“ތާރާ”….. އާންތު އަށް އެނަން ކިޔާލެވުނެވެ. ބޭއިޚުތިޔާރުގައެވެ. ރަހޫއަށްވެސް އަޑު އިވޭވަރަށެވެ. ރަހޫ އޭނާއަށް ބަލާލާފައި ހީލިއެވެ.
“އާނ މީ މަގޭ ތާރާ. ފިރިސޮރަށް މާރީތި ނަމަކަށްވެގެން ކިޔާލި.
“ތިނަން ވަރަށް ރީތި. އަހަރެއްވެސް ވަރަށް ފަރިތަ ނަމެއް ތީ. އާންތު އެހެދީ ތެދެކެވެ. އެނަން އެކަނޏެއްވެސް ނޫނެވެ. ތާރާ ވެސް އޭނާ ވަރަށް ދަނެ ފަރިތައެވެ. އޭނާއަށް ނޭނގުނީ ރަހޫއެވެ.
ރަހޫ އާއި ތާރާ ފަސްދީ އޮބާލަންދެން އާންތު ބަލަހައްޓައިގެން ހުރެފައި އަވަސްއަވަހަށް އަވަސް އަވަހަށް އަތުގައި އޮތް ފޯނުން އަޙުމަދަށް ޑައިލްކޮށްލިއެވެ. ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. ފޯނު ކަންފަތުގައި ޖަހައިގެންހުރެ ތެދުވެ ދެކޮޅަށް ހިންގާލަ ހިނގާލާ އޭނާ އެހެރީ ކަންވީގޮތުން ހަދާނެ ގޮތް ހުސްވެފައެވެ.
“އަޅެ ފޯނު ނަގާބަލަ އަހުމަދޫ…..”
2 ފަހަރަށް ރިންގު ކުރުމުންވެސް އަހުމަދު ފޯނެއް ނުނަގައެވެ. އެއީ މާބޮޑަށް ބުރަ ދުވަސްދުވަހު އޭނާ އަބަދުވެސް ކަންކުރާ ގޮތް ކަމުން އިތުރަށް އާންތު ގުޅާކަށް މަސައްކަތެއް ނުކުރެއެވެ. އެހެނަސް މިއަދު ކަންވީގޮތުން އާންތު ހުރީ ގަނޑުވެފައެވެ. އޭނާ ވާހަކަ ދައްކާ ނިންމާލީ އަޙުމަދުގެ އަނބިމީހާއާއި ކަން އެނގުނުނަމަ އެއިން އެއްވެސް ވާހަކައެއް ޙިއްސާއެއް ނުކުރީހެވެ.
” އަނެއްކާ ރަހޫއަށް އަހަރެން އެނގެނީބާ؟ ” އާންތު މީގެ ކުރިން ދުވަހަކުވެސް ރަހޫއެއް ނުދެކެއެވެ. ފޮޓޯއިން ފެނިފައި ހުއްޓަސް އެފެނުނު ފޮޓޯއާއި އޭނާއާއި ހާސް ތަފާތެވެ. ތާރާ ވިހެއި ފަހުން ފަލަވެފައި ހުއްޓަސް ރަހޫ ޖިމަށް ގޮސްގެން ވަރަށް އަވަހަށް ހިއްކާލިއެވެ. އޭނާއަކީ އަބަދުވެސް ލޫޅާފަތިކަމަށް ލޯބިކުރާ ރީތި އަންހެނެކެވެ.
ރަހޫމެން ގެއަށް އާދެވުމާއެކު ފޮށި ތައްޔާރުކޮށްލުމަށް ބުނެފައި މާޖިދުވަނީ ފެންވަރާށެވެ. އެއީ އަބަދުވެސް އާދައެވެ. ރީޖަން އިންޗާޖަކަށް ހުރުމުން ހަފްތާއަކު ގޭގައި ނިދަން ލިބޭނީ މަދު ދުވަހެކެވެ. ރަހޫ އަތްމަތި އަވަސްކޮށްލައިގެން މާޖިދުގެ ޔުނީފޯމާއި އެހެނިހެން ހުރިހާ ސާމާނެއް ހަމަކޮށް ފޮށި ތައްޔާރުކޮށްލިއެވެ.
މާޖިދު ދިއުމުން ތާރާވެސް ނިންދެވުމަށްފަހު ރަހޫ އޮށޯވެލީ އާންތުއަށް ގުޅާލަން ހިތުލައިގެންނެވެ. ޕާކުގައިހުރެ ސޭވްކުރި އާންތުގެ ނަންބަރަށް ޑައިލް ކޮށްލައިފިއެވެ. ރިންގު ހުސްވިއިރުވެސް އާންތު ފޯނެއް ނުނެގިއެވެ. އެހެން އެކި ޚިޔާލުތަކުގައި އޮތްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
ހިއްމަފުއްޓަށް ދިޔަ މާޖިދުމެންގެ ލޯންޗު އެރަށަށް ލެފުމާއެކު ޚާއްސަ ބައްދަލުވުމަކަށް ދާންޖެހުނެވެ. މާޖިދަށް ހަމަނޭވާ ލެވުނީ އެރޭ ވަރަށް ދަންވި ފަހުންނެވެ. ފޯނު ނަގާ ބަލާލިއިރު ފުރަތަމަވެސް އާންތުގެ މިސްކޯލު ފެނުމުން އޭނާ ގުޅާލިއެވެ. އާންތުވެސް ހުރީ އޭނާގެ އަޙުމަދުގެ ފޯނުގެ އިންތިޒާރުގައި ނިދަންވެސް ނޭނގިފައެވެ. އެހުންތެރިންނޭވެ. އަޙުމަދުއަކީވެސް އަދި މާޖިދުއަކީވެސް އެކަކެވެ. ރަޙޫއަށް އެއީ މާޖިދުއެވެ. އެއީ އާންތުގެ އަޙުމަދެވެ. މާޖިދުގެ ފުރިހަމަ ނަމަކީ އަހުމަދު މާޖިދެވެ. އާންމުކޮށް އެންމެންވެސް އޭނާއަށް ކިޔަނީ މާޖިދެވެ. އެހެންނަމަވެސް އާންތު ލޯބިން ގޮވާ ހަދަނީ އަހުމަދުގެ ނަމުންނެވެ. ރަހޫއަށް އޭނާގެ ފިރިމީހާގެ އެބޮޑު ސިއްރު މިއަދު ފަޅާ ނެއެރި އެންމެ ބޮޑު ސަބަބަކީވެސް ތަފާތު ނަމަކުން އާންތު މުޚާތަބު ކުރިކުރުމެވެ. އެއީވެސް އަދި ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
” އަހުމަދު….. ވަރަށް ދެރަކަމެއް ދިމާވެއްޖެ” އާންތު ވާހަކަ ފެށިއެވެ. އަހުމަދު އަށް އެދުވަހު ހަވީރު ކަންހިނގާދިޔަ ގޮތުގެ ހުރިހާ ވާހަކައެއް އާންތު ކިޔާދިނެވެ.
އެވާހަކަ އަޑުއެހުމަށްފަހު މާޖިދު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއެވެ.
” ނުވެސް ދަންނަ މީހަކަށް އާންތު ޖެހޭތަ ތިހުރިހާ ވާހަކައެއް ކިޔައިދޭން”. ވަކިން ޚާއްސަކޮށް ދަރިފުޅުގެ ކަންތައް އެއްވެސް މީހެއް ގާތު ނުދައްކަން އަހަރެންކައިރީ ވަޢުދުވީމެއްނު. ” މާޖިދު ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ. އާންތު އެހާ ބޮޑު އިތުބާރެއް އަލަށް ފެނުނު މީހަކަށް ދިނީތީއެވެ. އާންތުއަށްވެސް އޭނާގެ ކުށް ގަބޫލު ކުރެވުނެވެ. މީހަކަށް ކިޔައިދިންއިރުވެސް އެވާހަކަ ކިޔައިމިދެވުނީ އެކަން އެއްވެސް ހާލެއްގައި އަންގަން ބޭނުންނުވާ މީހާގެ ގާތުގައިކަން އެނގުމުން އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.
“އަހުމަދު،… އަހަންނަށް މަޢާފްކުރޭ. ޑިޕްރެޝަންގެ އުނދަގޫ ވަރަށް ބޮޑަށް ހުރީމަ މިއަދު އެހެން އެދިމާވީ. “ބޭނުންވީ ހިތުގަ ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލަން. ” އަހުމަދު އިތުރަށް އެއްޗެކޭ ނުބުނެ އަޑުއަހަން ހުއްޓެވެ. އެއްކޮޅުން ވާހަކަ އެދައްކަނީ އޭނާދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ސިއްރު ލޯބިވެރިޔާއެވެ. ދުނިޔެއަށް ލާހާ ނޭވާއެއް އޭނާއަށްޓަކައި ލަމުން އަންނަ އޭނާގެ ހިތުގެ އެތިކޮޅެވެ. އަހުމަދުގެ ދެލޮލުގެ ނޫރުފަދަ އިން ލޯބިވާ ތުއްތު ތުއްތު އީޝް ދަރިފުޅުގެ ލޯބިވާ މަންމައެވެ. އާންތުއަކީ އަހުމަދު ގެ އަނގައިން ހަރުބަހެއް ބުނެވުނަސް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހެއްކަން އަހުމަދު ރަނގަޅަށް ދަނެއެވެ. އެހެންކަމުން އޭނާ އިސްކުރީ ހިމޭން ކަމެވެ.
“މިވަގުތު ދެން ފޯން ބާއްވާލާނަން. ” މާޖިދު ފޯނު ބޭއްވީ ބޯހާސްވެގެންނެވެ. ގޮތް ހުސްވުމުންނެވެ.
އޭނާ އެނދުގައި އޮށޯވެ ރަނގަޅަށް ވިސްނާލިއެވެ. ” އަނެއްކާ ރަހޫއަށް ހުރިހާ ހަގީގަތެއް އެނގެނީބާ؟’ ހަމަގައިމުވެސް އަހަރެން ރަހޫ ދުލެއް ނުކުރާނަން. ރަހޫއާއި ތާރާއަކީ އަހަރެންގެ ހުރިހާވެސް އުފާ. ހަގީގަތް އެނގުނަސް ހެޔޮ. ”
މާޖިދު ވިސްނަމުން ދިޔައީ މިކަން ފަޅާ އަރައިފިނަމަ ރަހޫ އަށް ވާނެ ގޮތަކާމެދުއެވެ. އޭނާ ވާނެ ދެރަ ހިތަށް އަރާ ފައި މާޖިދުއަށް ރޮވުނެވެ. އެރޭގެ ނިދި އެއްކޮށް ނަގާލީ އެހައިޖާނެއްގެ ތެރެއެވެ.
“ހެނދުނު އިރުނާރަނީސް ކާކުތަ ރިންގުމިކުރަނީ”
ލޯވެސް ނުހުޅުވާހުރެ އާންތު ފޯނުނަގާފަ ހަލޯއޭ ބުނެލިއެވެ. އެކޮޅުން ވާހަކަ ދައްކަނީ ރަހޫއެވެ. ” ތާރާ އީޝްގެ ވާހަކަ ވަރަށް އެބަ ދައްކާ. އެހެންވެ މިގެއަށް އައިސް ދީބަލާށޭ ބުނަންވެގެން މިގުޅީ. މިދުވަސްކޮޅު ފިރިމީހާވެސް ވީ ރަށުން ބޭރުގަ. ” އެހެންވީމަ އަނގަތަޅާލަން ކިތައްމެ އިރަކަށްވެސް ތިބެވޭނެ .ޖައްސާލަބަލަ.
“އެހެންތަ. އެކަމަކު އީޝް ވަރަށް ޖެހިލުންވާނެ ގޭގެއަށް ދާން. ” އާންތު މަސައްކަތްކުރީ ނުގޮސް ވާނެ ގޮތެއް ވޭތޯ ބަލާށެވެ. އެހެނަސް ރަޙޫގެ ކިބަޔަކުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. އެގެއަށް ދާ ވާހަކަ ބުނަން އަހުމަދަށް މެސެޖް ކޮށްލިއެވެ. އަހުމަދު މެސެޖް ބަލާފައިވެސް ނެތެވެ. ޖަވާބެއްވެސް ނުދެއެވެ. އާންތު ވިސްނީ އަހުމަދު މާބިޒީ ދުވަހަކަށްވާތީ ޚަބަރު ނުވީކަމަށެވެ. އާންތުގެ ހިތުގައި އަހުމަދާއި ރަހޫގެ އެއުފާވެރި ދިރިއުޅުން ބަލާލުމުގެ އެދުންވެސް އެބައޮތެވެ.
“އަޙުމަދު ރަށުގަ ނެތްކަން ވެސް ނަސީބު. ހުއްޓަ ދެވިއްޖިއްޔާ ފަޅާ އަރާނެ. އޭނަ އައުމުގެ ކުރިން ދާންވީ ރަހޫ ބުނިހެން.” އެހުވަހު 9 ޖެހިއިރު އާންތުއާއި އީޝް ތިބީ ރަހޫގެ ގޭގައެވެ. ކުޅޭ ތަކެތިން ފުރާލާފައިވާ އެ ގޭގެތެރޭ ތާރާއާއި އީޝް ކުޅެ ނަގަނީއެވެ. އެދެކުދިންގެ ލޯބި ހަރަކާތްތަކުން މުޅި ގެއަށް ދިރުން ގެނެސްދީފިއެވެ. ރަހޫއާއި އާންތުވެސް އަމިއްލަ ވާހަކަތަކަށް ގެއްލިފައިތިއްބާ އަޑެއް އިވިގެން ބަލާލިއިރު ބޭރުން އައިސް ގެއަށް އެވަންނަނީ މާޖިދުއެވެ.
” ރަހޫ. ކުއްލިއަކަށް ރަށަށް އަންނަން ޖެހިގެން އައީ” މާޖިދު ވާހަކަ ދައްކަމުން ސިޓިންރޫމަށް ވަނެވެ. އެންމެންނަށް ސިހުންގެނުވާފައެވެ. “އެހެންތަ؟ ހާދަ ބޮޑު ސަޕްރައިޒެކޭ ތިދިނީ. ނިކަން ބަލާބަލަ ތާރާއަށް އާ ފްރެންޑެއް ލިބިގެނެއްނު އެއުޅެނީ. ” މާޖިދު ހުއްޓުން އެރިއެވެ. ވަށައިގެން ލޯހިންގާލިއިރު އާންތުވެސް އޭނާއަށް ފެނުނެވެ. މާޖިދު މަސައްކަތްކުރީ އީޝްއަށް ފެނުމުގެ ކުރިން އެތަނުން ނިކުންނާށެވެ. އެހެންނަމަވެސް އީޝް އެއަށްވުރެ ވާހުށިޔާރެވެ. އޭނާއަށް މާޖިދުގެ އަޑު އިވުމާއެކު ހުރީ ވިސްނާށެވެ. ބަލާކަށްނުހުރެ ބޭބޭ އޭ ގޮވަމުން ދުވެފައި އެއައިގޮތަށް އައިސް މާޖިދުގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު މުޅިތަނަށް ވެރިވީ ހަމަހިމޭންކަމެވެ. ރަހޫއަށް ހުރެވުނީ ގަނޑުވެފައެވެ. އާންތުހުރީ ފެންކަޅިވެ ލަދުގަނެފައެވެ.
“އި..އީ..އީޝް ކުރިންވެސް… ދަންނަންތަ؟” ރަހޫ އަޅައަޅައިގަންނަމުން އެހިއެވެ. އެއަށް ޖަވާބުދޭނެ ހިތްވަރެއް މާޖިދުގެ ކިބައަކު ނެތެވެ. ރަހޫ އާންތުއާ ދިމާއަށް އެނބުރުނެވެ. އޭނާ ހުރީ އިސްޖަހާލައިގެންނެވެ.
” މިއީތަ އާންތުގެ އަހުމަދަކީ؟ …. ޖަވާބުދީބަލަ.” މިއީތަ އެކުއްޖާގެ ބައްޕައަކީ؟ ރަހޫގެ އަޑު ތުރު ތުރު އަޅަން ފެށިއެވެ.
“ކީއްވެތަ އެއްޗެކޭ ނުބުނެ ތިތިބީ؟ ރަހޫ ރޯންފެށިއެވެ. އޭނާ އަޑުގެ ކޮޅަށް ރޮމުން ގޮސް މާޖިދުގެ ދެކޮނޑުގައި ހިފިއެވެ. ” މާޖިދު، އަހަންނަށް މިހާބޮޑު އޮޅުވާލުމެއް ތި އޮޅުވާލީ ކީއްވެ.؟ އަހަރެންގެ ކުށަކީ ކޮބާ؟ ތިއީތަ އަނބިމީހާ ވަފާތެރިވުމުން ދޭން ފެނުނު ހަދިޔާއަކީ؟ ރަހޫ އެއް އަތުން އިޝާރާތް ކުރަމުން އާންތުއަށް ވެސް ބަވަމުން ދިޔައެވެ. “ކަލެއަށްވެސް އަހަރެންގެ ފިރިމީހާ ނޫން މީހަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީތަ؟ މީސްމީހުންގެ ފިރިން ޖަހައިގަނެގެން ނޫންގޮތަކަށް އުފާހޯދަން ނޭނގޭދޯ. ވާހަކަ މިހިސާބަށް ދިއުމުން މާޖިދު ރަހޫގެ އަތުގައި ހިފިއެވެ. ވާނުވާގައި ތިބި ކުޑަ ދެކުދިން ހަމަޖައްސާލައި ކުޅެން ބޭތިއްބުމަށްފަހު ރަހޫ ގޮވައިގެން މާޖިދު އެތެރެއަށް ވަނެވެ. ކޮޓަރީގެ އެނދުގައި ރަހޫ ބޭންދުމަށްފަހު މާޖިދު އާދޭހާއެކު މާފަށް އެދުނެވެ. ކުރެވުނު އެންމެ ކުށެއްގެ ހިތިނަތީޖާ މިގޮތަށް ކުރިމަތި ވެދާނެ ކަމަކަށް މާޖިދު ހިޔެއް ނުކުރެއެވެ. އޭނާ ރަހޫއަށް ވިސްނައި ދެވޭތޯ އެތައް މަސައްކަތެއް ކުރިއެވެ.” އެހެނަސް ރަހޫ މައިތިރިއެއް ނުވިއެވެ. ބާރަށް ރޮއި ނަގަނީއެވެ. މާޖިދު ދެއްކި އެއްވެސް ވާހަކައެއް އަޑުއަހަންވެސް އޭނަ ބޭނުމެއްނޫނެވެ. ” އެއަންހެންމީހާގެ ވެސް ހާޒިރުގަ ތިދައްކާ ވާހަކައެއް ދައްކާ. ކަލޭމެން ދެމީހުން ރޭވިރޭވުމެއް ތީ. އޭނާ މިތަނަށް ގެނޭ. ރަހޫ ހުރީ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގޭހާ ރުޅިއައިސްފައެވެ.
ރަހޫގެ އެދުމަށް މާޖިދު ބޭރަށް ނިކުމެ އާންތުއަށް އަތުން ހަނާ އަޅާލިއެވެ. އޭރު އާންތު ހުރީ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ. .އެމީހުން ކޮޓަރިއަށް ވަނުމުން އެތައް ފަހަރަކު ގެއަށްދާންވެސް އޭނަ ނިންމިއެވެ. އެހެނަސް ދުވަހު ކުއްޔަށް ނެގި ކޮޓަރީގެ ތަޅުދަނޑިލާފައިއޮތް އޭނާގެ އަތް ދަބަސް ވެސް ވީ އެކޮޓަރީގައި ކަމުން ދެވޭނެގޮތެއް ނެތިފައި ހުރީއެވެ. ބިރުން ވިރިވިރި އޮތް ހިތަކާއެކު މާޖިދުގެ ފަހަތުން އާންތު ކޮޓަރިއަށް ވަނެވެ.
“އަހަންނަށް ތިދެމީހުންގެ ތި ހަޑި މުޑުދާރު ގުޅުން ފެށިގެން ނިޔަލަށް ކިޔާދީ. . އޭރުވެސް ރަހޫގެ ލޮލުން ފޭދެމުން ދިޔަ ކަރުނައިގެ ސައިލު ހިފެހެއްޓުމެއްނެތި އޭނާގެ ދެ ކޯތާފަތަށް ފައިބަމުން ދިޔައެވެ. އާންތުވެސް ހުރީ އިސްދަށަށް ޖަހައިގެން ރޯލަރޯލައެވެ. މާޖިދު ވާހަކަ ފެށިއެވެ.
އެއީ ކުޅުދުއްފުށީގައި އޭނާ މަސައްކަތް ކުރި ދުވަސްވަރެވެ. 3 މަހުގެ މުއްދަތަށް ހުރި ހުރުމުގައި އެސެންޓަރަށް ހުށަހެޅުނު އެންމެ އުނދަގޫ މައްސަލަބަލަން ޖެހުނީ އޭނާއަށެވެ. އެއީ އާންތު އަށް އޭނާގެ ފިރިމީހާގެ ފަރާތުން ލިބެމުންދިޔަ ގޯނާ ތަކުން ސަލާމަތްވުމަށް އޭނާ ހުށަހެޅި މައްސަލައެވެ. އޭރު ގެވެށިއަނިޔާގެ އެތައް ކަމެއް އާންތު ދިޔައީ ތަހައްމަލު ކުރަމުންނެވެ. އާއިލާގެ އަޅާލުމެއް ނުލިބި އެކަނި އުޅެން ޖެހިފައިވުމުން އެމައްސަލައިގެ ޙައްލާ ހަމައަށް އައުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. އާންތުއާމެދު މާޖިދުގެ ހިތުގައި ހަމްދަރުދީ އުފެދި ގާތް އެކުވެރިއަކަށް އޭނާ ބަދަލުވީއެހިސާބުންނެވެ. އެކީގައި ގިނަ ވަގުތުތަކެއް ހޭދަކޮށް އެކަމުގެ ތެރޭ އާންތުގެ ހިތް މާޖިދުގެ ހިތާ ވެސް ކުޅެލީއެވެ. އާންތުއަށް މާޖިދު ދެކެ ލޯބިވީފަދައިން މާޖިދުވެސް އާންތުކެދެ ލޯބިވީއެވެ. އެލޯބީގެ މަސްތުގައި ހެދޭނެ އެންމެ ބޮޑު ގޯސް އަތުން ފައިން ހެދި އާންތު ބަނޑުބޮޑުވެސް ވީއެވެ. އާންތުގެ ފިރިމީހާއަށްވެސް އެކަން ސިއްރުކޮށް އެއީ އޭނަގެ ދަރިއެއް ކަމަށް އާންތު ހެދީ ފިރިމީހާ ބަންދުން ސަލާމަތްވެ ގޭގައި މަޑުކުރި ހިސާބުންނެވެ.
އަނެއްކާވެސް ތަޅާފޮޅުންތައް ގިނަވުމުން ދަރިފުޅު ވިހެއުމާއެކު ޖެންޑަރ ގެ ލަފައާއެކު އޭނާ އެމީހާގެ ކިބައިން މިނިވަންވީއެވެ. އޭރު މާޖިދު ވަނީ މާލޭގައެވެ. މާޖިދުގެ އެހީ ދިޔައީ ބަރާބަރަށް އާންތުއަށް ފޮނުވަމުންނެވެ. އޭނާ ދަރިފުޅު ދެކެން ބޭނުންވި ކޮންމެ ދަނޑިވަޅަކު އާންތު މާލެ ގެނެއެވެ. މާޖިދަކަށް އާންތު އެއަށްވުރެ ގާތް ކުރެވޭކަށެއް ނެތެވެ. ސަބަބަކީ ރަހޫއާއި ތާރާ ދެކެ އޭނާ އެއަށްވުރެ މާލޯބިވާތީއެވެ. މާޖިދު ދެކެ އާންތުވެސް ވަނީ ހަގީގީ ލޯބިކަމުން އޭނާއަކަށް ވެސް މާޖިދާނުލާ ނުއުޅެވެއެވެ. އޭނާގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް ޖަހަނީ މާޖިދުއަށްޓަކައެވެ. ކައިވެންޏެއް ނުކޮށް އެހެން ހުންނަން ޖެހުމުން ޖުވާން ފުރައިގެ ކިތައްމެ ކުދިން އޭނާއަށް ހިތްކިޔައި ކައިވެންޏަށް އެދި އާދެއެވެ. އެހެނަސް އޭނާ އެއިން އެއްވެސް މީހަކު ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މާޖިދެވެ. މާޖިދުގެ ވާހަކަ ނިމުމުން އާންތު ވާހަކަ ދައްކަން ފެށިއެވެ. ކުށްވެރިވެފައިވާ މީހެއްހެން އޭނާ ހުރީ އިސްއުފުލަބްވެސް ނުކެރިފައެވެ.
” ރަހޫގެ ނުގަބޫލުގައި ދެން ނެތިން ރަހޫގެ ފިރިމީހާއާއި އެއްވެސް ގުޅުމެއް ބާއްވާކަށް.” ރަހޫ އަހަންނަށް މާފުކުރޭ. މާފުކުރޭ ޕްލީޒް…. އަހަރެން ދެން ދުވަހަކުވެސް މާލެއަކަށް ނާންނާނަން. ” ނިމިދިޔަ ކަމެއް ނުވާކަމަކަށް ނުވާނެ. އެހެންނަމަވެސް މަގޭ ދަރީގެ ބަފައެއް އެބަހުރި. ރަޖިސްޓްރީއިންވެސް އަދި އިސްލާމީ ޝަރީޢަތުންވެސް އެއީ މާޖިދުގެ ދަރިއަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެދަރިފުޅުގެ އާއިލާއެއް ވެސް އެބައޮތް. އަހަރެންނަކީ މިއަދުން ފެށިގެން މާޖިދުގެ މީހެއްނޫން. ގެއްލިއްޖެ ކަމަށް ހީކޮށްލާ. ރަހޫއާއި މާޖިދުގެ ޙަޔާތަށް އެއްވެސް ހިޔަންޏެއް ދެނެއްނޭޅޭނެ. ވަރަށް ބާއްޖަވެރި ޙަޔާތަކަށް އެދެން. ދެންދަނީ. ހިތްހެޔޮ ކުރާތި. ”
އާންތު ކޮޓަރީގެ ދޮރު ހުޅުވަން އަތް ދިއްކުރިތަނާ އޭނާގެ އަތުގައި ރަހޫއައިސް ހިފިއެވެ. އޭނާއަށްޓަކައި ނުގޮސް މަޑުކޮށްދިނުމަށް ރަހޫއެދުނެވެ. އެގޭގައި އެއްކޮށް ހުންނަން ރަހޫ ދަޢުވަތު ދިނެވެ. އަދި އީޝްއަކީ އޭނާގެ ވެސް ދަރިއެއްކަމަށް ދެކެން އޭނާ އެދުނެވެ. މާޖިދުއަށް ރަހޫގެ އެ އަޑު ކަންފަތުގައި ޖެހުމުން އުފަލުން ދުވެފައިގޮސް ރަހޫ އުރާލިއެވެ. އެހާބޮޑު ހެވެއް އޭނާ އާންތުއަށް ވެދިނީތީ އިހުނަށްވުރެވެސް ރަހޫދެކެ މާޖިދު ލޯބިވެއެވެ. މިއަދު މާޖިދަކީ ދެ އަންބެއްގެ ލޯތްބާއި އަޅާލުން ލިބިގެން ދިރިއުޅެމުން އަންނަ ކާމިޔާބު ފިރިއެކެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އޭނާގެ ދެދަރިންނަށް ހެޔޮލަފާ ތަރުބިއްޔަތެއްދީ މުޖުތަމަޢު ބަލައިގަންނަ ކުދިބަޔަކަށް ހެދޭތޯ މަސައްކަތް ކުރުމުވެ. އެމަސައްކަތުގައި ރަހޫއާއި އާންތު ޙިއްސާ ވަމުން ދިޔައީ ތަފާތު ކުރުމެއްނެތި އެއްވަރަކަށެވެ. ދެކަފި މަގެއްގައި ހިނގަން ނުޖެހި މާޖިދު ސަލާމަތްވީ ރަހޫގެ އޯގާތެރިކަމާއި ވިންނުން ތޫނުކަމުންނެވެ.
https://www.baiskoafu.com/view/audio/MzQwMg==
ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.