English Edition
Dhivehi Edition

ހުނަރުވެރި ޑައިރެކްޓަރު އިލްްޔާސް ވަހީދު (އިއްލެ) އަލަށް އުފައްދާ ސީރީޒެއް ކަމަށްވާ “ބިރުުވެރި ވާހަކަ” ސީރީޒްގެ ޕްރޮމޯޝަނަލް ލަވަ ނެރެފިއެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) ކިޔާފައިވާ ޝައިތޯނާ”ގެ ނަމުން ނަން ދީފައިވާ މި ލަވައިގެ ބެކިންގ ވޯކަލެއްގެ ގޮތުގައި އިބްރާހިމް ނިޔާޒް (ތޫ) އާއި އަބްދުލް ސަލީމް ވެސް ހަރަކާތްތެރިވެއެވެ.

“ޝައިތޯނާ” ގެ ޕޯސްޓަރު މިދިޔަ އޭޕްރިލް މަހު ރިލީޒްކޮށްފައިވާ އިރު، އައިފިލްމްސްގެ މި އުފެއްދުމުގައި ތިން މީހެއްގެ ސޫރަ ނުވަތަ ތިންސޫރައެއް ފެނެއެވެ.

މިއަދު ނެރުނު “ޝައިތޯނާ” ލަވައިން އެ ތިން މޫނުން ދޭހަވާ ބައެއް ކަންކަން ފެނިގެންދާއިރު، “ބިރުވެރި ވާހަކަ” ސީރީޒްގެ ބައެއް މަންޒަރުތަކުގެ ތަންތަންކޮޅު ވެސް ވަނީ ލަވައިގާ ހިމަނާފައެވެ.

“ޝައިތޯނާ”ގެ މެލޮޑީއާއި ލިރިކްސް ތޫ ހަދާފައިވާއިރު، އިބްރާހިމް އައްފާން (އިއްބެ) ގެ މިއުޒިކަށް ލަވަ ރިކޯޑު ކޮށްފައިވަނީ ބައިސްކޯފު ސްޓޫޑިއޯގައެވެ.

މޭކަޕް އާޓިސްޓު ރުތުބާ އަހްމަދުގެ ކުޅަދާނަކަން މި ލަވައިން ފެނުގެންދާ އިރު، ލަވައިގެ ސިނެމަޓޮގްރަފީ ހަދައިފައިވަނީ އިސްމާއިލް މުނައްވަރު (މުނޯ) އެވެ.

ބިރުވެރި ވާހަކައިގެ ޕްރޮމޯޝަނަލް ލަވައިގެ ވީއެފްއެކްސް، މޯޝަން ޖީއެފްއެކްސް އަދި ކަލަރ ގްރޭޑިންގ އޯކޭޒް އިންކްގެ މުހައްމަދު ސާމީ ހަދާފައިވާއިރު، ލަވައިގައި ބޭނުން ކޮށްފައިވާ ޕްރޮޕްސް ހަދައިދީފައި ވަނީ އާސިމް އަލީއެވެ.

މިއީ އާސިމް އަލީއާއި އިއްލެ ޕްރޮޑިއުސް ކޮށްފައިވާ ލަވައެކެވެ.

ޕްރޮމޯޝަނަލް ލަވަ “ޝައިތޯނާ” ރިލީސް ކުރިޔަސް “ބިރުވެރި ވާހަކަ” ރިލީޒުކުރާނެ ތާރީޚެއް އަދިހާމައެއް ނުކުރެއެވެ.

ދިވެހި ފިލްމީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވި ފިލްމް “ބަވަތި” ޑައިރެކްޓްކޮށް އަދި ޢާންމުންގެ މަޤުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެއް މިހައިތަނަށް ގެނެސްދިން އިލްޔާސް ވަޙީދު (އިއްލެ) ގެ އުފެއްދުމަކަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.