English Edition
Dhivehi Edition

މުޖުތަމައުގެ ގުޅުންތަށް އިތުރަށް ހަރުދަނާ ވާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ޚުޠުބާގައި ބުނީ އެކަކު އަނެކަކަށް ޒިޔާރަތް ކުރުމުން ހިތާމަތަކާއި އުފާތަކުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ޚުޠުބާގައި ބުނީ މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލު ކުރުމާއި، ރަސޫލާ (ޞޢވ) އަށް ލޯބިވުމާއި، އެކަލޭގެފާނަށް އަދަބު އިޙްތިރާމު ކުރުމާއި، އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށެވެ. އަދި އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށެވެ.

މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކުރަންޖެހޭ ޙައްޤުތަކެއްވާކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ބުނީ މުޖުތަމަޢުގެ އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ޤަބޫލު ކުރުމުގައި ފަސްޖެހި ލަދުގަނެގެން ވެސް ނުވާނެ ކަމަށެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ދީނީ ޙައްޤެއްގެ ގޮތުގައި ނަސޭޙަތް ދިނުން ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.