English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް ދާއިމީ މުއައްޒަފުން ހޯދަން އިޢުލާންކޮށްފިއެވެ.

އެ ޕާޓީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެޕާޓީގެ އިދާރީ ޤާބިލްކަން އިތުރުކޮށް ޕާޓީގެ އެންމެހައި އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މުރާޖާކޮށް އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި އޭޕްރީލް 28 ވީ ބުރާސްފަތި ދުވަހުން ފެށިގެން އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މި ވަޒީފާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 މެއި 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެކުރިން އެމްއެންޕީގެ އޮފީހަށް ފޯމް ހުށަހެޅުއްވުން ވަނީ އެދިފައެވެ.

އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް ދާއިމީ މުއައްޒަފުން ހޯދަން އިޢުލާން ކުރިއިރު، އެ މަޤާމުތަކުގެ ތެރޭގައި ސްޕޯކްސް ޕާރސަންގެ މަޤާމު ވެސް ހިމެނެއެވެ. އެ މަޤާމު ވަގުތީގޮތުން މިހާރުފުރުއްވަމުން ގެންދަވަނީ އަލްއުސްތާޛާ އަސްރާ އަޙްމަދުއެވެ. އަސްރާއަކީ އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ޒުވާން ކަނބަލެކެވެ.

އަސްރާ އަކީ ސިންގަޕޫރުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށް ދިވެހިރާއްޖޭގެ ގާނޫނީ އަދި ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާ އަދި DDGM ގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒުވާން ކަނބަލެކެވެ.

މީގެ އިތުރުން އެމްއެންޕީގެ ސްޕޯކްސް ޕަރސަންގެ މަމާގުގައި ހުންނެވި އަޙްމަދު އަނޫޝް އާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ރާބިހް މުޙައްމަދު ވެސް އެބޭފުޅުންގެ މަގާމުން ވަކިވެފައިވާތީ، އެމްއެންޕީން ހުޅުވާލި މަގާމުތަކުގެ ތެރޭގައި އެ ދެ މަގާމާއި އިތުރު މަގާމުތައް ވެސް ހިމެނެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީން މުރަޖަޢާކޮށް އެކުލަވާލާފައިވާ އޮނިގަނޑުގައިވާ ވަޒީފާތަކާއި ޝަރުތުތައް އިޢުލާނުގެ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އެމްއެންޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ވެސް ބަލައިގަންނާނެ ކަމަށާއި ވަޒީފާއަށް އެދޭ ފޯމާއި މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ވެސް ލިންކުން ލިބެން ހުންނާނެ ކަމަށް އެމްއެންޕީން ބުންޏެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެއޮފީހުގެ ނަންބަރު 9708080 ނުވަތަ 9301177 އާ ގުޅުއްވުމަށް ވަނީ އެދިފައެވެ.

އެމްއެންޕީގެ ދާއިމީ މުވައްޒަފުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް