English Edition
Dhivehi Edition
16 ޑިސެންބަރު 2020: "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ދެއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ މި ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، ނޫސް އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި ނޫސްވެރިންގެ ޢާއިލާތަކަށް، ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވަމުން ރައީސް ސާލިހު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ފާހަގަކުރައްވައި ކުރިމަގުގައި ވެސް ޤައުމަށް ކުރިމަތިވާ އެފަދަ ބޮޑު ކޮންމެ ކަމެއްގައި، ނޫސްވެރިންގެ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ހަމަމިއާއެކު އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައި ދިވެހި ނޫސްވެރިން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.