English Edition
Dhivehi Edition

ގއ. އެފް.ސީ.އެސް.ސީ އިން އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 8 ގެ ދަރިވަރުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތަކާއި ގުޅިގެން ވާހަކަދައްކަމުން ގއ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ރަޝާގާ ރަޝާދު ވިދާޅުވީ، ބޭއްވުނު ސެޝަންއަކީ ސުކޫލްގެ އެދިލެއްވުމަކަށް ގްރޭޑް 8 ގެ ދަރިވަރުންނަށް ނަގައިދިން ސެޝަނެއް ކަމަށާއި މި ސެޝަންގެ ބޭނުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ބެހޭގޮތުން ކުދިން ހޭލުންތެރިކޮށް މިފަދަ ކަމެއް ކުރިމަތިވާނަމަ އަޅަންވީ ފިޔަވަޅުތައް ކުދިންނަށް އޮޅުން ފިލުވައި ދީގެން އެކުދިން ހޭލުންތެރި ކުރުވުން ކަމަށެވެ.

އިތުރަށް ރަޝާޤާ ވިދާޅުވީ، ކުޑަކުއްޖަކަށް އަނިޔާ ކުރާކަން ނުވަތަ އަނިޔާ ލިބޭ ކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ ނުވަތަ ޝައްކުކުރެވޭނަމަ އެކަން ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރުމަށާއި މިކަންތައް ސިއްރުކުރުމަކީ އެ ކުއްޖާއަށް ދެވޭ އިތުރު އަނިޔާއެއް ކަމަށް ބުނެ މިކަންތައްތަކަށް ސަމާލުވުމަށް ރަޝާޤާ ވަނީ އެދިފައެވެ.

މި ފަހަކަށް އައިސް ގއ. ޗިލްޑްރެން ސާރވިސް ސެންޓަރ އިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކާއި އަންހެނުންނަށް ޚާއްސަަކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާކަށް ފާހަގަކޮށްލެވޭއެވެ.