English Edition
Dhivehi Edition

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ނާޒިމް ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ދަންނަވާ ކަމަށާއި ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ ކަމަށާއި ކަށަވަރުވޭތޯ ބަލަން ޖެހޭ ކަމަށެވެ.

އެ ޓްވީޓާއި ގުޅިގެން ބައެއް ޢާންމުން ވަނީ ރައްދު ވެސް ދީފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ ތިޔަ ވިދާޅުވި އެންމެކުޑަ އުޖޫރަވެސް ސިވިލް ސަރވެންޓުންނަށް ކަށަވަރު ނުވި ކަމަށެވެ. އަދި ނިކަން ދެނެހުރި މަޖިލިސް މެމްބަރެއް ނެތް ކަމަށާއި ސިޔާސީ ޕާޓީއެއް ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން ފެންނަނީ ވޯޓު ހޯދަންވީމާ އެކަނި ކަމަށް ވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެހެން މީހަކު ކޮށްފައިވާ ރިޕްލައިގައި ވަނީ “އަޅުގަނޑަށް ހީވަނީ ސޯގެ ތިހުންނަނީ ރައީސް މައުމޫން ވިދާޅުވިހެން ވާތު ސިކުނޑިއެއްހެން” ކަމަށެވެ. އަދި ކުޑަ އުޖޫރައަކީ ލޭބަރ ރައިޓްސް އަށް ލިބުނު ކިހާބޮޑު ކުރިއެރުމެއްތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

އޭނާގެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ “މަނިކުފާނަށް މިކަން މި ފެންނަނީ އިދިކޮޅަށް” ކަމަށެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މެއިޑޭ ގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ އެއްވަނަ ދުވަހެވެ.