މި އަހަރުގެ ޢީދަށް ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ 08:30 ގައި އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ.
މި ޖަލްސާގައި އިސްލާމީ މަރުކަޒުގައި ބާއްވާ މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާން ކުރާނެއެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހަކަށްވާތީ މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ މެއި މަހުގެ 2 ވާ ހޯމަދުވަހެވެ. ފަލަކީ ހިސާބުން ދައްކާގޮތުގައި މިމަހުގެ 30 ވަނަ ދުވަހު މާލެ ސަރަހައްދަށް އިރުއޮއްސެނީ 18:11 ގައެވެ. އަދި ހަނދު އޮއްސެނީ 17:08 ގައެވެ. އެހެންކަމުން އިރުއޮއްސުމުގެ 43 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އިރު އޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަނދު ފެންމަތީގައި ހުންނާނެކަމަކަށް ނުދައްކައެވެ.
ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އަންގަން ޖެހެއެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.