English Edition
Dhivehi Edition

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ “ވިއޮން” އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނަކީ އެއް ފޮތަކުން ކިޔަވައިގެން އުޅޭ ބައެއްކަމަށެވެ. ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ބައެއް ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ރައްޔިތުންނަކީ އެކައްޗެއް ކައި އުޅޭ ބައެއްކަމަށާއި ބަލައި އުޅެނީ ވެސް އެއް ފިލްމުތަކެއް ކަމަށެވެ. އިތުރަށް ނަޝީދު ވަނީ ދިވެހިންނާއި އިންޑިއާ މީހުން އެކަކު އަނެކަކާ ވައްތަރުކަމަށާއި އެހެންކަމުން ބޯ ހަމަ ޖެހޭ ދިވެއްސަކު، އިންޑިއާ ރައްޔިތަކު ގައުމުން ފައިބަން ބުނަންވީ ކީއްވެތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ވެސް އިންޑިއާގެ އާއިލާތަކާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެކައުންޓަންޓުން ތިބިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމީހުންނަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި މުހިންމު ހިއްސާއެއް އަދާކުރަމުންދާ ބައެއް ކަމަށެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ހަރަކާތަކީ މާ މަގުބޫލު ހަރަކާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ ‘އިންޑިއާ އައުޓް’ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.