English Edition
Dhivehi Edition

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ހުންނެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް އާއެކުގައި ކަން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާ މިނިސްޓަރު ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ކެންޑިޑޭޓު ނަމްބަރު ދޭއް އިނގިލީގެ އިޝާރާތުން މިނިސްޓަރ ނަސީމް ވަނީ ދައްކަވާފައެވެ. ފައްޔާޒަށް ކާމިޔާބަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފެށުނީއްސުރެ ފާހަގަކުރެވޭ މިނިސްޓަރ ނަސީމް ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވިއިރު، އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި މިނިސްޓަރ ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރައްވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އަންނަ މެއި މަހުގެ 14 ގައި ބާއްވާ މި އިންތިޚާބުގައި ފައްޔާޒާއި އިންތިގެ ޓީމުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.